ޤައުމީ ތަރައްޤީގެ ޕްލޭން އެކުލުމުގެ މަސައްކަތުގައި އެންމެ މުހިންމު އެއް ބަޔަކީ، އެކި ދާއިރާތަކުގެ ތަޖުރިބާކާރުންގެ ޚިޔާލާ މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުންތަކެވެ. މި ބައްދަލުވުންތައް ބުދަ ދުވަހު ފަށާފަވާއިރު، ބައިވެރިން ދަނީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ދުރު ރާސްތާގެ މިފަދަ ޕްލޭނެއްގެ މުހިންމުކަން ފާހަގަކުރަމުންނެވެ.
އެކްސްޕަރޓް ސެކްޓަރ ރައުންޑްޓޭބަލް ބައްދަލުވުންތަކަކީ އެކި ދާއިރާތަކުގެ ފަންނީ ތަޖުރިބާކާރުންގެ ޚިޔާލާ މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުންތަކެކެވެ. މި ބައްދަލުވުންތަކުގައި ކުރު މުއްދަތުގެ ޕްލޭންތަކާ މެދު ރާސްތާ އަދި ދިގު ރާސްތާގައި އެކި ދާއިރާތަކުން ކުރިއަށްގެންދިއުމަށް ރާވަން ފެންނަ ކަންކަން ހިމެނެއެވެ.
ބައްދަލުވުންތައް މިހާރު ފަށާފަވާއިރު ބޯހިޔާވަހިކަމާ ސިއްޙީ ދާއިރާފަދަ ދާއިރާތަކުގެ މުހިންމު ބައްދަލުވުންތަކެއް މިހާތަނަށް ވަނީ ބައްވާފައެވެ. ބައްދަލުވުމުގެ ބައިވެރިން ވަނީ ރާއްޖެ ތަރައްޤީކުރުމުގައި ދުރު ވިސްނުމުގެ ޕްލޭންތަކުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އެގޮތުން އެވިޑެންސް ބޭސްޑް ނުވަތަ ދިރާސާތަކަށް ބިނާކޮށް މި ޕްލޭންތަކަށް ސިޔާސަތުތައް ހެދި، ތަންފީޒުކުރެވޭކަން ކަށަވަރުކުރެވޭނެ ރަނގަޅު ނިޒާމެއްގެ ބޭނުން ފާހަގަކުރިއެވެ.
މި ބައްދަލުވުންތަކުގައި ބިނާކުރަނިވި މުހިންމު ޚިޔާލުތަކެއް ހުށައެޅުމުގެ ފުރުޞަތު ބައިވެރިންނަށް ވަނީ ލިބިގެންގޮސްފައެވެ. އެގޮތުން ސަރުކާރުގެ ކަމާ ގުޅުންހުރި ހުރިހާ މުވައްސަސާތަކާ އެ ދާއިރާއެއްގައި މަސައްކަތް ކުރާ އެންޖީއޯތަކާއި އަދި އެޑްވޮކަސީގައި މަސައްކަތްކުރާ ވަކިވަކި ފަރުދުންވެސް ހިމެނެއެވެ.
އަދި ބައްދަލުވުންތަކުގެ ދާއިރާތައް ކަނޑައެޅުމުގައި، އެއް ދާއިރާ އަނެއް ދާއިރާ ގުޅޭ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރިއަށްދެއެވެ. މި ބައްދަލުވުންތަކުގެ ސަބަބުން ބިނާކުރުވަނިވި، ދުރު ރާސްތާއަށް މުހިންމު ސިޔާސަތުތަކެއް ކަނޑައެޅޭނެކަމަށް އުއްމީދުކުރާކަމަށް ބައިވެރިން ފާހަގަކުރިއެވެ.
"ހަގީގަތުގައި ރާއްޖޭގައި ދިރާސީ މަސައްކަތްތައް ވަރަށް މަދު. އެހެންވީމަ ދެމެހެއްޓެނިވި ސިޔާސަތުތައް ކަނޑައެޅުމަށް ބޮޑު ހުރަހަކަށްވޭ. މި ބައްދަލުވުންތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި އެބަ މަޝްވަރާކޮށް ޚިޔާލު ހުށައެޅޭ. މި ޕްލޭންގައި މި ކަންކަމަށް ރިއާޔަތްކުރެވިއްޖެނަމަ، ބޮޑެތި ކުރިއެރުންތަކެއް ހޯދޭނެ. ދުރުރާސްތާ ތަރައްޤީގެ ޕްލޭނަކީ، ދެމެހެއްޓެނިވި ގޮތުގައި ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު އަދި ކުރަންޖެހިފަވާ މަސައްކަތެއް." ބައިވެރިން ފާހަގަކުރިއެވެ.
ޤައުމީ ތަރައްޤީގެ ޕްލޭންގެ އެކުލަވާލުމުގެ މަސައްކަތްތަކާ ގުޅޭގޮތުން އެ މަސައްކަތުގެ ކޮންސަލްޓެންސީ ފަރމް ނެކްސިއާ މޯލްޑިވެސްގެ ކްލައިމެޓް ޗޭންޖް އެންޑް އެނަވާރަމަންޓް ސްޕެޝަލިޓް މުޙައްމަދު އިނާޒް ވިދާޅުވީ، މިހާރު ފަށާފަވާ އެކްސްޕަރޓް ސެކްޓަރ ރައުންޑް ޓޭބަލް ބައްދަލުވުންތައް 2 ހަފްތާ ތެރޭގައި ނިންމާލެވޭނެކަމަށެވެ. އެކި ދާއިރާތަކުން 20 ބައްދަލުވުން ބާއްވާއިރު، 60އަށްވުރެ ގިނަ މަޢުލޫއަށް މަޝްވަރާކުރެއެވެ.
"ރައުންޑް ޓޭބަލް އަދި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ކުރިމަގު ސައްލާތައް ނިމުނީމަ، ދެން އޮންނާނީ ޚިޔާލުތައް އެނަލައިޒްކޮށް ޕްލޭންގެ ރޭވުމުގެ މަސައްކަތް. އެއަށްފަހު ޑިސެމްބަރުގައި އޮންނާނެ ބޮޑު މަހާސިންތާ. އެ މަހާސިންތާގައި 200 ބައިވެރިން ބައިވެރިވުމަށް ހަމަޖެހިފަވާއިރު، އެކްސްޕާޓުންނާ ޕޮލިސީ ލެވަލްގެ ފަރާތްތައް ބައިވެރިވެ ޑްރާފްޓަށް މަޝްވަރާކުރާނެ. އެއަށްފަހު މި ޕްލޭން އާއްމުކުރާނީ." އިނާޒް ވިދާޅުވިއެވެ.
މަޝްވަރާ ބައްދަލުވުންތަކުގެތެރޭގައި މާލީ، ދެމެހެއްޓެނިވި ތަރައްޤީ އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާތަކުން، ތަޖުރިބާކާރުންނަށް ޚާއްސަ މަޝްވަރާ ބައްދަލުވުންތައް ބާއްވައެވެ. ޤައުމީ ތަރައްޤީގެ ޕްލޭނަކީ ރާއްޖެއަކީ ތަރައްޤީވެފަވާ ޤައުމަކަށް ކުރާ މަސައްކުގައި، 2045ވަނަ އަހަރާ ހަމައަށް ހާސިލުކުރުމަށް އެކުލަވާލީ ތަރައްޤީގެ ތަސައްވުރުގެ ޕްލޭނެކެވެ.