ޚަބަރު

ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް އެހީ ވައްދަން ރަފަޙް ހުރަސް ހުޅުވަން ޖެހޭ: ޞިއްޙަތު ޖަމުޢިއްޔާ


ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.2 މިލިޔަނެއްހާ މީހުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ގޮތުން ރަފަޙް ހުރަސް ހުޅުވައިލަން ޖެހޭ ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ވިދާޅުވެއްޖެއެވެ. ޣައްޒާގެ ހިސާރަށް ލުއިދިނުމަށް ފަހު، ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެ ސަހަރަށް އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީން ހުޅުވައިލާފައިވީ ނަމަވެސް، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް އެހީ ވެއްދުމުގެ ފުރުޞަތު ދެމުންނުދާ ކަމުގައި ޑަބްލިޔުއެޗްއޯއާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ހާމަކުރިއެވެ.

ޣައްޒާއާއި މިޞްރު ގުޅޭ ސަރަޙައްދީ ހުރަސް އޮންނަނީ ރަފަޙުގައެވެ. ނަމަވެސް، މިޞްރު މަގުން ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ދިނުމަށް ޔަހޫދީން ދަނީ އިންކާރު ކުރަމުންނެވެ. ޓެޑްރޯސް ވިދާޅުވީ، ޣައްޒާއަށް މަދު އަދަދެއްގެ ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީން ހުޅުވައިލާފައިވީ ނަމަވެސް، ފުނޑުފުނޑު ކޮށްލާފައިވާ ޣައްޒާގެ ޞިއްޙީ ނިޒާމު އާރާސްތު ކުރުމަށް ބޮޑު ޚަރަދެއް ހިނގާނެ ކަމުގައެވެ. މި ގޮތުން، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ސުންނާފަތި ކޮށްލާފައިވާ ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތައް އަދި ވަސީލަތްތައް އަލުން ބިނާކޮށް، އާރާސްތު ކުރުމަށް 7 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމުގައި އޭނާ އަންދާޒާ ކުރެއްވިއެވެ.

ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ދެ އަހަރު ދުވަހަށް ފަހު މެދުކަނޑައިލާފައި ވަނީ އޮކްޓޫބަރު 9ވަނަ ދުވަހުއެވެ. އެއީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، ޣައްޒާއަށް ދެމުން ދިޔަ ނިރުބަވެރި ޙަމަލާތައް ހުއްޓައިލާފައި މި ވަނީ 68,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލުމަށް ފަހުއެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއް ބަޔަކީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނެވެ. ޣައްޒާގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވެސް 158,000އަށްވުރެ މައްޗަށް އަރައެވެ.

ޓެޑްރޯސް ވިދާޅުވީ، މި ވަގުތަށް އޮތް އެންމެ މުހިންމު ކަމަކީ ރަފަޙް ހުރަސް ހުޅުވައިލައި، ޣައްޒާއަށް އެތެރެ ކުރާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނުގެ އަދަދު އިތުރު ކުރުން ކަމުގައެވެ. މިޞްރުގައި، ރަފަޙްގެ ސަރަޙައްދީ ރޮނގު ކައިރީގައި، ޣައްޒާގެ ރައްޔިތުންނަށް ފޮނުވާފައިވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބަރުކޮށްފައިވާ އެތަކެއް ސަތޭކަ ލޮރީއެއް އޮތީ ތާށިކޮށްލާފައެވެ. އިތުރު ޞިއްޙީ ފަރުވާއަށް ބޭނުން ޖެހިފައިވާ މީހުން ރަފަޙް މަގުން މިޞްރަށް ގެންދިޔުމުގެ ފުރުޞަތު ވެސް ޔަހޫދީން އޮތީ ހުއްޓުވާފައެވެ.

ޑަބްލިޔުއެޗްއޯން ބުނީ، ޣައްޒާގައި ދިރިއުޅޭ 2.2 މިލިޔަނެއްހާ ރައްޔިތުންގެ ތެރެއިން 600,000އެއްހާ މީހުންގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކޮށްދެވޭނެ ގޮތެއް އަދިވެސް ނެތް ކަމުގައެވެ. އަދި، ކުރިއަށް އޮތް އަހަރަކީ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތިވާނެ އަހަރަށް ވެގެންދާނެ ކަމުގައި އެ ޖަމުޢިއްޔާއިން އިންޒާރު ކުރިއެެވެ.

ސަބަބަކީ، ޑަބްލިޔުއެޗްއޯ ފަދަ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކަށް އެހީ ލިބޭ މިންވަރު ދަށްވެފައިވުމެވެ. މި ގޮތުން، އެމެރިކާއިން ވަނީ ޑަބްލިޔުއެޗްއޯން ވަކިވެ، އެ ޖަމުޢިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލާފައެވެ. ޑަބްލިޔުއެޗްއޯން ވަކިވުމަށް ނިންމަވާފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެ ޖަމުޢިއްޔާއަށް ލިބޭ އެހީގެ މިންވަރު ދަށްވުމުގެ ސަބަބުން 14 މިލިޔަނެއްހާ މީހުންގެ ފުރާނެ ގެއްލުމުގެ ފުރުޞަތު އޮތް ކަމުގައި އެ ޖަމުޢިއްޔާއިން އަންދާޒާ ކުރެއެވެ.

ޣައްޒާގެ ރައްޔިތުންނަށް ބޭނުން ޖެހިފައިވާ މިންވަރަށް ކާބޯތަކެތި ނުލިބޭ ކަމުގައި ޑަބްލިޔުއެޗްއޯން ހާމަކޮށްފައިވާއިރު، އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ބުނީ، ޣައްޒާގެ ރައްޔިތުންނަށް ފައިދާހުރި ކާނާ ނުލިބޭ ކަމަށާއި، ބައެއް ސަރަޙައްދުތަކުގެ ރައްޔިތުން އަދިވެސް ބަނޑުހައިހޫނު ކަން ތަހައްމަލު ކުރަމުންދާ ކަމުގައެވެ. "ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ފަހުން ދެ ހަފުތާއެއްހާ ދުވަސް ފާއިތުވި ނަމަވެސް ޣައްޒާގައި އަދިވެސް އޮތީ ނުރައްކާތެރި ހާލަތެއް،" ފަލަސްޠީނުގެ މަދަނީ ޖަމުޢިއްޔާއެއް ކަމުގައިވާ ޕީއޭއާރްސީގެ ޑިރެކްޓަރ ބަހާއު ޛަޤޫތީ ވިދާޅުވިއެވެ.

އޮކްސްފެމް ފަދަ އެހީދޭ ޖަމުޢިއްޔާތަކުން ވެސް ބުނީ، ޣައްޒާގެ ރައްޔިތުންްނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ކޮށްފައިވާ ކަމުގައެވެ. އަދި، ޣައްޒާއަށް އެހީ ވައްދައި، ބެހުމުގެ ފުރުޞަތު އިތުރު ޖަމުޢިއްޔާތަކަށް ދިނުމަށް ޔަހޫދީން އިންކާރު ކުރަމުންދާ ކަމުގައެވެ. ޛަޤޫތީ ވިދާޅުވީ، ބިސްކޯދާއި ޗޮކުލެޓާއި ސޯޑާ ދަޅުފަދަ ތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ދީފައި އޮތް ނަމަވެސް ފައިދާހުރި ކާނާގެ ގިނަ ބާވަތްތައް އެތެރެ ކުރުމަށް ޔަހޫދީން އަދިވެސް ހުރަސް އަޅަމުންދާ ކަމުގައެވެ. އަދި، ޣައްޒާއަށް މަދު އަދަދެއްގެ މޭވާއާއި ތަރުކާރީ އެތެރެ ކުރަމުން ދިޔަ ނަމަވެސް އެ ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.