ޚަބަރު

ދުންފަތަށް ނޫނެކޭ ބުނާ ޖީލެއް ބިނާކުރާ ފުރަތަމަ ޤައުމަކަށް ރާއްޖެ!


  • ނޮވެމްބަރު މަހުގެ 1އިން ފެށިގެން 2007ގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތް މަނާވާނެ

  • ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ބޮޑެތި ޤައުމުތަކުންވަނީ މަސައްކަތްކޮށް ކާމިޔާބު ނުވެފައި

ދުންފަތާއި ދެކޮޅަށް އެކި ޤައުމުތަކުގައި އަންނަނީ އެކިވަރުގެ ފިޔަވަޅުތައް އަޅަމުންނެވެ. މައިގަނޑު ސަބަބަކީ، ދުންފަތުގެ ސަބަބުން ސިއްޙަތަށް އަދި އިޤްތިޞާދުތަކަށް ލިބެމުންދާ ގެއްލުންތަކެވެ. މިކަމުން އަރައިގަތުމަށް ރާއްޖެއިންވެސް އެކި ދުވަސްވަރުވަނީ އެކިވަރުގެ މަސައްކަތްތައްވަނީ ކޮށްފައެވެ. އެގޮތުން ދުންފަތުގެ އެކި ބާވަތްތަކުގެ ޓެކްސް ބޮޑުކުރުމާއި، ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ސަރަޙައްދުތައް ކަނޑައެޅުން ފަދަ ކަންކަން ހިމެނެއެވެ. އެހެންނަމަވެސް އަންނަ ނޮވެމްބަރު މަހުން ފެށިގެން ރާއްޖެއިން މިކަމުގައި އިންގިލާބީ ފިޔަވަޅެއް ތަންފީޒުކުރަން ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.

ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ކުރުމަށް ފަސްޖެހެމުންދާ އެތައް ކަމެއްގައި ކުޑަކުޑަ ދިވެހިރާއްޖެއިންދަނީ ލާމަސީލު ނަމޫނާތައް ދައްކަމުންނެވެ. ތިމާވެށިގެ ދާއިރާއިން ޖައްވައް ބޭރުކުރާ ވިހަ ގޭސްތައް މަނާކުރުމުން ފެށިގެން، ސިއްޙީ ދާއިރާއިން ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަކީ ދުނިޔޭގެ ޤައުމުތަކަށްވެސް ދެބަސްވެވެން ނެތް ހަގީގަތްތަކެވެ. ރާއްޖެއިން އަނެއްކާވެސް މިދަނީ މިފަދަ ލަނޑުދަނޑިއެއް ޙާސިލުކުރުމުގެ އަމާޒުގައި މަސައްކަތް ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާއެކު، މިހާރު ރާއްޖެއިންދަނީ ވަކި ޢުމުރެއް ކަނޑައަޅައި، ދުންފަތުން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންނެވެ. ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙު، މިއަހަރުގެ މޭއި މަހު ތަސްދީޤުކޮށް އަންނަ ނޮވެމްބަރު މަހު ގެ ފުރަތަމަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފަށާނެއެވެ. މިއިސްލާޙުގެ ދަށުން 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ފަހުން އުފަންވާ ކުދިން ދުންފަތުގެ އިސްތިއުމާލުރުން މަނާވާނެއެވެ. އަދި އެކުދިންނަށް ދުންފަތް ވިއްކުމާއި، ދުންފަތުގެ ބާވަތްތައް ބޭނުންކުރުމަކީވެސް މަނާކަމެކެވެ. މިއީ ތާރީޚީ ބަދަލެއްގެ ފެށުމެވެ.

ދުނިޔޭގެ ކުރިއަރާފައިވާ، އެއްވަނަ ދުނިޔޭގެ ޤައުމުތަކަށް މިފިޔަވަޅު އެޅުންވެފައިވަނީ ގޮންޖެހުން ބޮޑު ކަމަކަށެވެ. އެގޮތުން ނިއުޒިލޭންޑާއި އިނގިރޭސިވިލާތުގެ މަޖިލީސްތަކުން މިކަމަށް އެއްބާރުލުން ލިބިފައި ނުވެއެވެ. އެގޮތުން 2009ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް ބޭނުންކުރުމާއި، ވިއްކުމާއި ގެންގުޅުން މަނާކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުންވަނީ 2024 ވަނަ އަހަރު މަސައްކަތްކޮށްފައެވެ. އަދި ނިއުޒިލޭންޑް ސަރުކާރުންވެސް މިމަސައްކަތް ކުރަން އުޅުނުނަމަވެސް އެކަން ޙާސިލުނުވެވަނީ ދައުރު ބަދަލުވެފައެވެ.

އެހެންކަމުން، ސަރުކާރުގެ މިނިންމުމާއެކު ރާއްޖެ ވެގެންދާނީ ބޮޑެތި ޤައުމުތަކަށް މިކަމުގައިވެސް ނަމޫނާއަކަށެވެ. ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް، ދުންފަތަށް ނޫނެކޭ ބުނާނެ ޖީލެއް ބިނާކުރާ ފުރަތަމަ ޤައުމަކަށް ރާއްޖެވެގެންދާނެއެވެ.