ދަރިމައިވުމާއި އަލަށް އުފަންވާ ކުދިންގެ ސިއްޙީ ދުޅަހެޔޮކަމާ ގުޅޭގޮތުން ރާއްޖެއާއި ޗައިނާގެ ހެލްތު ކެއަރ ޕްރޮފެޝަނަލުން ގުޅިގެން ކުރިއަށްގެންދާ ސައިންޓިފިކް ސިމްޕޯސިއަމް ފަށައިފިއެވެ.
މި ސިމްޕޯސިއަމްގައި ގުޅުންހުރި ދާއިރާތަކުން ޗައިނާގެ 9 އެކްސްޕާޓް ޑޮކްޓަރުންގެ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވެއެވެ. މިގެތެރޭގައި ގައިނޮކޮލޮޖީ، ޕީޑިއެޓްރިކް އަދި އޮބްސްޓެޓްރިކް ހިމެނެއެވެ.
މި ސިމްޕޯސިއަމްގައި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހޮސްޕިޓަލްތައް އަދި ބައެއް އަމިއްލަ ހޮސްޕިޓަލްތަކުން ބައިވެރިވެއެވެ.
ސިމްޕޯސިއަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ މިއީ ރާއްޖޭގެ ސިއްޙީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކޮށް، ޒަމާނީ ސިއްޙީ ނިޒާމަކަށް ކުރަމުންދާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ބާރެއްކަމަށެވެ.
މި ސިމްޕޯސިއަމްގެ ސަބަބުން، ޒަމާނީ ބޭސްފަރުވާގެ ނިޒާމާއި ޓެކްނޮލިޖީތަކަށް އަހުލުވެރިވުމާއި މި ދާއިރާގައި ކުރިމަތިވާ ގޮންޖެހުންތަކަށް ދިރާސީ ނަޒަރަކުން ރިޢާޔަތްކުރުމާއެކު އިންސާނީ ވަސީލަތްތައް ތަރައްޤީވުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިއްޙީ ނިޒާމަކީ ބަރޯސާވެވޭ އިތުބާރުހުރި ޚިދުމަތްތަކަކަށް ހެދުމަށްވެސް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ވިދާޅުވިއެވެ.
"ދެ ޤައުމުގެ ގުޅުމުގެތެރެއިން ދިގުމުއްދަތައް މި ޕްރޮގްރާމްތައް ގެންދެވޭނެ. ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރެވި، ޚިދުމަތް ދޭން ތިބޭ ޑޮކްޓަރުންނާ މެޑިކަލް ފަރާތްތަކަކީ ކަމަށް ޤާބިލު އަހުލުވެރި ބަޔަކަށް ހެދިގެންދާނެ. އަދި ޗައިނާގެ މި އެކްސްޕަރޓް ޓީމްތަކުން މުހިންމު ގިނަ ކަންތައްތަކެއް ދަސްވެގެންދާނެ." މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް ޢަބްދުއްރައްޒާޤް ޙާލީމް ވިދާޅުވިއެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ ވިދާޅުވީ، މިއީ ރާއްޖެއާއި ޗައިނާގެ ގުޅުން ރަމްޒުކޮށްދޭ ވަރަށް މުހިންމު މަސައްކަތެއްކަމަށާއި މައިންނާ ދަރިންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ކުރިމަގަށް ކުރެވޭނެ ވަރަށް މުހިންމު އިންވެސްޓްމަންޓެއްކަމަށެވެ. ސަފީރު ވިދާޅުވީ ޗައިނާއަކީ މި ދާއިރާތަކުން ވަރަށް ތަޖުރިބާ ހުރި ކުރިއެރުންތައް ހޯދާފަވާ ޤައުމެއްކަމަށާއި މި ތަޖުރިބާތައް ސިމްޕޯސިއަމްގައި ރާއްޖޭގެ ކަމާގުޅުންހުރި ފަރާތްތަކާ ފުރިހަމައަށް ޙިއްސާކުރައްވާނެކަމަށެވެ.
"ދަރިމައިވުމާއި ކުދިންގެ ސިއްޙަތު މުހިންމުވަނީ ހަމައެކަނި އާއިލާއަކަށް ނޫން. މިއީ މުޅި ޤައުމުގެ ކުރިމަގުވެސް އެކަމަށް ބިނާވާ ކަމެއް. އިޖުތިމާޢީ ތަރައްޤީއާއި ގުޅިފަވާ ކަމެއް. ރައީސުލްޖުމްހުރިއްޔާ އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގެންދަވަނީ މި ދާއިރާއިން މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުން." ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ ވިދާޅުވިއެވެ.
ސިމްޕޯސިއަމްގެ ބައިވެރިން ސަރުކާރުގެ އަދި އަމިއްލަ ހޮސްޕިޓަލްތަކަށްވެސް ޒިޔާރަތްކޮށް ތަޖުރިބާ ޙިއްސާކުރާނެއެވެ. މި ސިމްޕޯސިއަމްއަކީ 1 ހަފްތާއަށް ކުރިއަށްގެންދާ ސިމްޕޯސިއަމްއެވެ.
މި ސިމްޕޯސިއަމްގައި ވަނީ ދާއިމީ ގޮތެއްގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައެވެ. އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ އެމް.ޖީ.އެޗްގެ ސީއީއޯ ހަލީމް ރައްޒާޤެވެ. އަދި ޗައިނާގެ ޗެންޑޫ މެޓަރނަލް އެންޑް ޗައިލްޑް ހެލްތް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ޗެން ރުއިއެވެ.
މި އެއްބަސްވުމުގެ ދަށުން ތަޢުލީމާއި ތަމްރީންތައް ހިންގުމާއި މުވައްޒަފުންގެ ކެޕޭސިޓީ އިތުރުކުރުމާއި ސައިންޓިފިކް ދިރާސާތައް ކުރިއަށްގެންދިއުމަށް އެއްބާރުލުން ދިނުމާއި މި ދާއިރާތަކުން ސިޔާސަތުތައް ކަނޑައެޅުމުގައި ބޭނުންވާ އެހީތެރިކަންވެސް ފޯރުކޮށްދޭނެއެވެ. އަދި ކުރިމަގުގައި މިފަދަ ގިނަ އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.
މިއަހަރުގެ އޮގަސްޓްމަހު ރާއްޖޭގެ 9 ޑޯކްޓަރުންގެ ޓީމެއް ޗައިނާއަށް ގޮސް ތަޖުރިބާއާއި ތަމްރީން ހޯދާފަވެއެވެ.