ޚަބަރު

ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތުލުމުގެ މުއްދަތު އިތުރުކޮށްފި


  • 3 އެވޯޑަކަށް ކުރިމަތިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައި

  • މިއެވޯޑުތަަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ނޮވެމްބަރ 9އާ ހަަމައަށް

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މަސްވެރިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މިފަހަރު މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް، ނިންމާފައިވަނީ ރ. ދުވާފަރުގައެވެ.

އެދުވަހު 3 އެވޯޑެއް ދިނުމަށް ކަނޑައަޅައި އެ ވޯޑުތަކަށް ކުރިމަތިލުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. އެއީ ހިތްވަރުގަދަ ޒުވާން ކެޔޮޅު، އެންމެ ތަޖުރިބާކާރު ކެޔޮޅު އަދި އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑެވެ.

މި އެވޯޑުތަަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު މީގެ ކުރިން ހުޅުވާލާފައިވަނީ މިމަހުގެ 23 ވަނަ ދުވަހާއި ހަމައަށެވެ. އެހެން ނަމަވެސް ވީހާވެސް ގިނަ މަސްވެރިންނަށް މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ދިނުމަށްޓަކައި މަސްވެރިކަމާ ބެހޭ ވުޒާރާއިން މިހާރު ވަނީ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހާއި ހަމައަށް

މި އެވޯޑަށް ކުރިމަތިލެވޭނީ މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން މަސައްކަތްކުރަމުންދާ ފަރާތްތަކަށެވެ. އެގޮތުން، ހިތްވަރުގަދަ ޒުވާން ކެޔޮޅުގެ އެވޯޑަށް 35 އަހަރުގެ ދަށުގެ ކެޔޮޅުންނަށް ކުރިމަތިލެވޭއިރު، ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑަށް ކުރިމަތިލެވޭނީ 35 އަހަރުން މަތީގެ ކެޔޮޅުންނަށެވެ.

މި އެވޯޑަށް އެދި އަމިއްލަ ޙައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ހުށައެޅުމުގެ ފުރުސަތު އޮންނާނެކަމަށްވެސް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި އެވޯޑަކީ ރާއްޖޭގައި މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ، އަގު ވަޒަންކުރުމުގެގޮތުން ދިނުމަށް ނިންމާފަވާ އެވޯޑެކެވެ.

ރާއްޖޭގައި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެން އައިސް އުފައްދާ ނިޒާމާއި މަސް ފިނިކުރާ ނިޒާމުތައް އިތުރުކުރުމާއި އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ އިތުރުން، މަސްވެރިކަން ކުރާ އުޅަނދުތަކަށް ޒަމާނީ ވަސީލަތްތައް ހޯދުމަށް އެހީތެރިވުން ހިމެނެއެވެ. އަދި މަސްވެރިންނަށް ފައިސާ ދޫކުރުން ހަރުދަނާކުރުމުގެ މަސައްކަތުގެ އިތުރުން، މަހުގެ އުފެއްދުންތައް އުފައްދާ މިންވަރު އިތުރުކޮށް އެކްސްޕޯޓް ކެޕޭސިޓީވެސް ދަނީ އިތުރުކުރަމުންނެވެ.