ޚަބަރު

ރައީީސުލްޖުމްހޫރިއްޔާ ޅ. ހިންނަވަރަށް ވަޑައިގެންފި


  • ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅުއްވާދެއްވާނެ

  • ފެނަކައިގެ އޮފީސް ހުޅުއްވާދެއްވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާދިއްޕޮޅު އަދި މާލެ އަތޮޅުގެ ރަށްތަަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޅ. ހިންނަވަރަށް ވަޑައިގެންފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޅ. އަދި ކ. އަތޮޅަށް ކުރައްވާ ދަތުފުޅުގައި ވަޑައިގެންނެވި 3ވަނަ ރަށެވެ.

ޅ. ހިންނަވަރަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙާބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހިންނަވަރަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެރަށުގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫއުތަކެއް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ރައީސްގެ މި ދަތުރުފުޅުގައި ޅ. ހިންނަވަރުގައި ބީއެމްއެލް އިސްލާމިކް ބްރާންޗެއްގެ ބިންގާ އަޅުއްވާދެއްވުމާއި، އެރަށުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒާއި، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅުއްވާދެއްވުމުގެ އިތުރުން، އެރަށުގައި ޤާއިމްކޮށްފައިވާ ފެނަކަ އޮފީސް ރަސްމީކޮށް ހުޅުވާދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމަމިއާއެކު، ރައީސުލްޖުމްހޫރިއްޔާ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުންވެސް މި ދަތުރުފުޅުގައި އޮންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ފާދިއްޕޮޅުގެ މީހުން ދިރިއުޅޭ ހިންނަވަރު، ނައިފަރު، ކުރެންދޫ އަދި އޮޅުވެލިފުއްޓަށް ވަޑައިގަންނަވާނެއެވެ. އަދި މާލެ އަތޮޅުން އެމަނިކުފާނު ވަޑައިގަންނަވާނީ ކާށިދޫ، ދިއްފުށި އަދި ތުލުސްދޫއަށެވެ.

މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.