ޚަބަރު

ހިންނަވަރު ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި


  • ބިންގާ އަޅުއްވާދެއްވީ ވަޒީރު އަލީ އިޙްސާން

  • މިއީ އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް

ޅ. ހިންނަވަރުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. ހިންނަވަރުގައި ތަރައްޤީކުރާ ފުލުހުންގެ މަރުކަޒަކީ އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

އެރަށުގައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ހިންނަވަރަށް ކުރެއްވި ޒިޔާރަތުގައެވެ.

ހިންނަވަރުގެ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. އަދި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއާއި، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަދި ހިންނަވަރު ދާއިރާގެ މެމްބަރ މީގެ އިތުރުން އެރަށު ކައުންސިލްގެ ރައީސްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ގިނަ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދެމުންދިޔައީ، ޚިދުމަތް ދެވޭނެ އެކަށީގެންވާ ފެންވަރުގެ ޢިމާރާތެއް ނެތި ކަމަށް ވަޒީރު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. އެހެންކަމުން ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ގިނަ ފުލުހުންނަށް ތިބެވޭނެ ގޮތަށް ޒަމާނީ ވަޞީލަތްތައް ހިމެނޭހެން ފުލުހުންގެ އިމާރާތްތައް އެޅުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

އަލަށް އިމާރާތްކުރާ ފުލުހުންގެ ސްޓޭޝަންތަކުގައި ތަޙުޤީޤުކުރެވޭނެ ގޮތްގޮތާއި އިންޓަލެޖެންސް ސެލްތަކާއި ކަސްޓޯޑިއަލް ސެލްތަކުގެ އިތުރުން ވެހިކަލް ޓޯވިން ފެސިލިޓީއާއި ފުލުހުންގެ ވެހިކަލް މަރާމާތުކުރެވޭނެ ފެސިލިޓީތައް ޤާއިމުކުރެވޭނެއެވެ. އަދި މި ފެސިލިޓީތައް ރަށްރަށުގައި ޤާއިމުކުރެވުމާއެކު ކުށުގެ ވެށި ނައްތާލުމަށާއި ކުށުގެ ވެށީގައި މީހުން ހަރުނުލާނެ ގޮތްގޮތަށް ފުލުހުންގެ މަސައްކަތް ތަރުތީބުކުރުމަށް ޚާއްސަ ޕްރޮގުރާމެއް ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.