ކެމަރޫންގެ ރައީސް ޕޯލް ބިޔާ އަނެއްކާ ވެސް ވެރިކަމުގެ އިތުރު ދައުރަކަށް ހޮވިވަޑައިގެންފިއެވެ. އަށްވަނަ ދައުރަކަށް ހޮވަވަޑައިގެންފައިވާ އުމުރުން 92 އަހަރުގެ ބިޔާއަކީ މިހާރު ވެސް ދުނިޔޭގެ ރައީސުންގެ ތެރެއިން އެންމެ ދޮށީ ބޭފުޅެވެ.
ކެމަރޫންގެ ރައީސްގެ މަޤާމަށް ބިޔާ އެންމެ ފުރަތަމަ އިންތިޚާބުވެވަޑައިގެންފައި ވަނީ 1982ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް ވެރިކަމުގައި ދެމިހުންނެވީ އޭނާއެވެ. އޮކްޓޯބަރު މަހުގެ 12ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓު، އިއްސާ ޝިރޯމާ ބަކަރީއާ ވާދަކުރައްވައި ބިޔާ ވަނީ 53.66 އިންސައްތައިގެ އަޣުލަބިއްޔަތެއް ހޯއްދަވައިފައެވެ. ރަނގަޅު ކާމިޔާބީއެއް ހޯއްދަވާނެ ކަމަށް ބެލެވިފައި އޮތް ޝިރޯމާއަށް ލިބިވަޑައިގެންފައި ވަނީ ވޯޓުގެ 35.10 އިންސައްތައެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ބިޔާގެ ސަރުކާރުން ވަނީ ވޯޓު އޮޅުވާލައިފައެވެ. ނަަމެވެސް ސަރުކާރުން އެ ތުހުމަތު ދޮގުކުރެއެވެ.
އިންތިޚާބުގެ ނަތީޖާއާ މެދު އާންމުން ނުރުހުންވެ އާންމުންނާއި ކެމަރޫންގެ ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތައް ދަނީ ހިނގަމުންނެވެ. މުޒާހަރާގެ ބައިވެރިން ދަނީ ދަނޑިބުރިއާއި ގައު ބޭނުންކޮށް މަގުތަކުގައި ޙަރަކާތްތެރިވެ، މަގުތައް ބަންދުކުރަމުންނެވެ. މުޒާހަރާ ރޫޅާއިލުމަށް ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފައެވެ. ހަމަނުޖެހުންތަކުގައި ހަތަރު މީހުންެގެ ފުރާނަ ގެއްލިފައިވެއެވެ.
އިތުރު ދައުރަކަށް އިންތިޚާބުވުމާ ގުޅިގެން، ބިޔާގެ އުމުރުން 100 އަހަރު ފުރުމާ ގާތްވަންދެން އޭނާއަށް ވެރިކަމުގައި ދެމިހުންނެވޭނެއެވެ. އިންތިޚާބާ ގުޅޭގޮތުން އޭނާ ވިދާޅުވީ ނަތީޖާއިން ފެނިގެންދަނީ ޤައުމުގެ ކަންކަމުގައި އިސްނަގައި ޤައުމު ހިންގުމަށް އޭނާއަށް ރައްޔިތުން އިތުބާރުކުރާ މިންވަރު ކަމަށެވެ. އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ޤައުމުގައި ހިނގަމުންދާ މުޒާހަރާތަކާއި ހަމަނުޖެހުންތަކާމެދު ހިތާމަކުރައްވައި ކަމަށް ވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވެއެވެ.