2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް މިއަދުން ފެށިގެން ދުންފަތް މަނާވާނެއެވެ.
މިގޮތަށް މަނާކޮށްފައިވަނީ، ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ހުށައަޅުއްވާފައިވާ އިސްލާޙުގައެވެ. މިހާރު ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުގައިވާ ގޮތުން 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިޢުމާލުކޮށްގެން ނުވާނެއެވެ. އަދި އެ ޢުމުރުގެ އެއްވެސް މީހަކަށާއި، ޢުމުރުން 21 އަހަރު ނުފުރޭ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާ ކަމެކެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާތަކާ ބެހޭ ބަޔަށްވެސް އިސްލާޙު ހުށައަޅާފައިވެއެވެ. އެގޮތުން ދުންފަތުގެ ބާވަތްތައް ވިއްކޭނީ، ލައިސަންސް އޮވެގެން ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުން އެކަންޏެވެ. އަދި މި އިސްލާހުގެ ދަށުން އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް ނުވިއްކޭނެއެވެ. މާނައަކީ، ދުންފަތުގެ ބާވަތް ގަންނަނީ ކާކުކަން ވިޔަފާރިވެރިޔާއަށް އެނގުމެވެ.
މި އިސްލާޙުގައި ދުންފަތް ގަންނަން އަންނަ މީހާގެ ޢުމުރު ކަށަވަރު ނުކުރެވޭނަމަ، އައިޑީ ކާޑު ނުވަތަ އެފަރާތުގެ ޢުމުރު އަންގައިދޭ އެނޫންވެސް ޞައްޙަ ރަސްމީ ލިޔުމެއް ދެއްކުމަށް އަންގައި، އެ ލިޔުން އެފަރާތުން ދެއްކުމަށްފަހު މެނުވީ އެއްވެސް ފަރާތަކަށް ދުންފަތުގެ ބާވަތެއް ވިއްކައިގެން ނުވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރާ ފަރާތްތަކުން ވިޔަފާރިކުރާ ތަންތަނުގައި ޤާނޫނުގައި މަނާކުރާ މީހުންނަށް އެ ތަކެތި ވިއްކުމަކީ ޤާނޫނުގައި މަނާ ކަމެއްކަން އަންގައިދޭ، އިންޒާރެއް ޢާންމުންނަށް ފެންނާނެހެން ބަހައްޓަންވެސް ޖެހޭނެއެވެ.
މި އިސްލާޙުގައި ދުންފަތުގެ ބާވަތްތައް އުފައްދަން ޚާއްސަކޮށްފައިވާ މެޝިނަރީ ރާއްޖެއަށް އެތެރެކުރުންވެސް ވަނީ މަނާކޮށްފައެވެ. އަދި އިލެކްޓްރޯނިކް ސިނގިރޭޓާއި، ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި، އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ގެންގުޅުމާއި ބޭނުންކުރުންވެސް ވަނީ މަނާކޮށްފައެވެ. މި އިސްލާޙުގެ ދަށުން އިލެކްޓްރޯނިކް ސިނގިރޭޓާއި، ވޭޕްގެ ބާވަތްތައް ގެންގުޅެނިކޮށް ނުވަތަ ބޭނުންކުރަނިކޮށް ފެނިއްޖެނަމަ އެ އަތުލުމުގެ ބާރު ފުލުހުންނަށް ލިބިދީފައިވެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ އެފަދަ ތަކެތި އަތުލުމުގެ ބާރު ކަސްޓަމްސްއާއި ފުލުހުންނަށް ލިބެއެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ސަރުކާރުން ހުށައަޅުއްވާފައިވާ މި އިސްލާޙުތަކަށް ޢަމަލުކުރާނެ ދުވަހެއްގެ ގޮތުގައި ޤާނޫނުގައި ކަނޑައަޅާފައިވަނީ، މިއަހަރުގެ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހެވެ.
ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވާފައިވަނީ، އެކަމާމެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސުލްޖުމްހޫރިޔާ ސޯޝަލް މީޑިއާގައި ކުރިއަށްގެންދެވި ޕޯލެއްގެ ނަތީޖާއަށް ބެއްލެވުމަށްފަހުއެވެ.
ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިންވެސް ވަނީ، މަރުހަބާ ކިޔާ ތަޢުރީފުކުރައްވާފައެވެ. އެގޮތުން މިއީ އެމަނިކުފާނުގެ ސަރުކާރުން އެޅުއްވި ހިތްވަރުގަދަ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމަކުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރުކަންވެސް ޑަބްލިޔުއެޗްއޯއިން ފާހަގަކުރައްވާފައިވެއެވެ.
ދުންފަތް މަނާ ޖީލެއް ކަނޑައެޅުމުގެ އިތުރުން ދިވެހި މުޖުތަމަޢުގައި އާދަވެ ދެވިހިފާފައިފާވާ ވޭޕު ބޭނުންކުރުމުގެ ޢަމަލު ހުއްޓުވުމަށް އެކަން ކުރުމާއި، ވޭޕާއި، އީ-ސިނގިރޭޓް ރާއްޖެ އެތެރެކުރުންވެސް ސަރުކާރުން ވަނީ މަނާކުރައްވާފައެވެ. މި ފިޔަވަޅުތަކާއެކު ރައީސުލްޖުމްހޫރިއްޔާ އެ ބޭނުންފުޅުވާ ޤާބިލު އަޙްލާޤު ރަނގަޅު މުރާލި ރައްޔިތެއް ބިނާކުރުމުގެ އަމާޒަށް ވާޞިލުވެވިދާނެކަމަށް ޞިއްޙީ، އިޖުތިމާޢީ މާހިރުން ޤަބޫލުކުރައްވައެވެ. އަދި ސަރުކާރުގެ މި ނިންމެވުންތަކަށް ގިނަ ބަޔަކު އަންނަނީ ތަޢުރީފުވެސް ކުރަމުންނެވެ.