މިއަހަރުގެ ނަޞްރުގެ ދުވަހާ ގުޅުވައިގެން ބާއްވާ ސިފައިންގެ އަސްކަރީ ހުށަހެޅުންތައް ބަލާލަން 3 ދިމާއަކުން ވަދެވޭނެ ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ މައިދާނުގައި ބާއްވާ ސިފައިންގެ އަސްކަރީ ހަރަކާތް އޮންނާނީ، ނަޞްރުގެ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ. 16:15 ގައި ހަރަކާތް ފެށުމަށް ހަމަޖެހިފައިވާއިރު، 15:30 އިން ފެށިގެން ޖުމްހޫރީ މައިދާން ސަރަހައްދަށް ޢާންމުންނަށް ވަދެވޭނެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ، ޖުމްހޫރީ މައިދާނަށް އަމީރު އަޙްމަދު މަގުގެ ދެކޮޅުންވެސް ވަދެވޭނެ ކަމަށެވެ. އެގޮތުން ދިފާޢީ ވުޒާރާ ހިންގާ ބިލްޑިންގެ ކަންމައްޗާއި، ކުރީގެ އެމްއެމްއޭ ހިންގި ބިލްޑިންގެ ހުޅަނގު ކަންމަތިން މައިދާނަށް ވަދެވޭނެ ކަމަށާއި އެ ތަންތަނަށް ވަނުމުގެ ކުރިން ސްކްރީން ކުރާ ތަންތަން ހުންނާނެ ކަމަށް ދިފާޢީ ބާރުން މަޢުލޫމާތު ދެއްވިއެވެ. މީގެ އިތުރުން އިސްލާމީ މަރުކަޒާއި ސިފައިންގެ ކަންމައްޗާއި ދެމެދުންވެސް ވަދެވޭނެ ކަމަށް މަޢުލޫމާތު ދެއްވިއެވެ.
ދިފާޢީ ބާރުން ވިދާޅުވީ، ބޮޑުތަކުރުފާނު މަގުން މައިދާނަށް ނުވަދެވޭނެ ކަމަށާއި، އެ ދިމާލުން ވަދެވޭނީ ދަޢުވަތު އަރުވައިގެން ވަޑައިގަންނަވާ ބޭފުޅުންނާއި ޢިއްޒަތްތެރިންނަށް އެކަނި ކަމަށެވެ.
ޖުމްހޫރީ މައިދާނުގައި މިއަހަރު ބާއްވާ ހަރަކާތުގައި ރާއްޖެއަށް ކުރިމަތިވެދާނެ ނިރުބަވެރި ހަމަލާއެއް ނާކާމިޔާބުކޮށްލުމަށް ދިވެހި އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނެއްގެ ޑެމޮންސްޓްރޭޝަނެއް ހުށައަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގައި ސިފައިންގެ ހުނަރާއި ޤާބިލުކަން ފެންނާނެއެވެ. މިދިޔަ އަހަރާ ޚިލާފަށް ސިފައިން ބޭނުންކުރާ އުޅަނދާއި، ތަފާތު އާލާތްތައް އޮޕަރޭޝަނެއްގައި ބޭނުންކުރެވޭ ގޮތް ރައްޔިތުންނަށް ދައްކާލެވޭނެ ކަމަށާއި މި ހަރަކާތް ވާނީ ޢާންމުން ވަރަށް ޝައުޤުވެރިވާނެ ހަރަކާތަކަށް ކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެފައިވެއެވެ.
މިއަހަރުގެ ނަޞްރުގެ ދުވަހާ ގުޅުވައިގެން ޤައުމީ ދިފާޢީ ބާރުން ވަނީ، ގިނަ ހަރަކާތްތަކެއް ރާވާފައެވެ. އެގޮތުން މިއަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ، މާދަމާ ހެނދުނު 9:00 ޖަހާއިރު، ޒުވާނުންގެ މަރުކަޒުގައެވެ. އަދި ގދ.ތިނަދޫ ސިޓީގައި ސިފައިންގެ މައުރަޒެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ތިނަދުއަކީ، ޝަހީދު ކޯޕަރަލް ޢަބްދުﷲ ޒުހައިރު ނިސްބަތްވެ ވަޑައިގަންނަވާ ރަށެވެ.
މި މައުރަޒު މިމަހުގެ 7 އަދި 8 ވަނަ ދުވަހު އޮންނާނެއެވެ. އަދި ނޮވެންބަރު މަހުގެ 8 ވަނަ ދުވަހު ތިނަދޫ ސްޓޭޑިއަމްގައި ސިފައިންގެ ހަރަކާތްތަކެއް ދައްކާލުންވެސް އޮންނާނެއެވެ.
ނަޞްރުގެ ދުވަހަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު، ބޭރުގެ ނިރުބަވެރި ބަޔަކު ދިން ޢުދުވާނީ ޙަމަލާގައި ރާއްޖެއަށް ނަޞްރު ލިބުނު ދުވަހެވެ. ދިވެހި 6 ޚާއިނުން، ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ދިން އެ ޙަމަލާގައި 19 ދިވެއްސަކު ޝަހީދުވިއެވެ.