ޚަބަރު

އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ޣައްޒާއިން އިތުރު ބަޔަކު ޝަހީދު ކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން އިތުރު ޙަމަލާތަކެއްދީ ތިން މީހަކު ޝަހީދު ކޮށްލައިފިއެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް އަމަލު ކުރަން ފަށާފައި ވަނީ އޮކްޓޫބަރު 10ވަނަ ދުވަހުއެެވެ. ނަމަވެސް، ޔަހޫދީން ދަނީ އެއްބަސްވުމާ ޚިލާފަށް ޣައްޒާއަށް ދެމުންދާ ނިރުބަވެރި ޙަމަލާތައް އިތުރުކޮށް، ފުޅާކުރަމުންނެވެ.

ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާތައް ދީފައި ވަނީ ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙަށެވެ. މިޞްރާ އިންވެގެން އޮތް ރަފަޙްގެ ބޮޑު ސަރަޙައްދެއް އަދިވެސް އޮތީ ޔަހޫދީންގެ އަތްދަށުގައެވެ. ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ބުނީ، ރަފަޙަށް ޔަހޫދީ ފައުޖުން އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ތިން މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ ކަމުގައެވެ.

ނޮވެންބަރު 3ވަނަ ދުވަހު ވެސް ޔަހޫދީން ޣައްޒާގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދިނެވެ. ޣައްޒާގެ އިދާރާތަކުގެ އިތުރުން ޙަމާސުން ވެސް ދަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުން އެކުލަވައިލާފައިވާ އެއްބަސްވުމާ ޔަހޫދީން ޚިލާފުވަމުންދާ ކަމުގައި ބުނެފައެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން ވެސް މި ކަން ޤަބޫލު ކުރެއެވެ. ޔަހޫދީންގެ ޖަރީމާތަކާ ގުޅިގެން އެއްބަސްވުން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތައް ނާކާމިޔާބުވުމުގެ ފުރުޞަތު ބޮޑުވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ނޮވެންބަރު 3ވަނަ ދުވަހު ޔަހޫދީން ދީފައިވާ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ރަފަޙްގެ އިތުރުން ޣައްޒާގެ ދެކުނުގައި އޮތް ޚާން ޔޫނިސާއި، އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީއަށެވެ. އެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޢާންމުން ދިރިއުޅޭ ގެދޮރާއި އިމާރާތްތަކަށެވެ. އެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ އިމާރާތްތައް ސުންނާފަތިކޮށް، ބިމާ ހަމަކޮށްލިއެވެ.

ޙަމާސުން ދަނީ އެއްބަސްވުން ދެމެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ. މި ގޮތުން، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން ދިރިތިބި 20 މީހުން ވަނީ ޔަހޫދީންނާ ޙަވާލު ކޮށްފައެވެ. އަދި، މަރުވެފައިވާ އަސީރުންގެ ހަށިތައް ޙަވާލު ކުރުމަށް ވެސް އެ ޖަމާޢަތުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ޔަހޫދީންގެ ޢުދުވާނުގައި އުމްރާނީ ގޮތުން ދީފައިވާ ގެއްލުންތަކުގެ ސަބަބުން މަރުވެފައިވާ ބައެއް އަސީރުންގެ ހަށިތައް ހޯދުމުގެ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައި އެ ޖަމާޢަތުން ބުންޏެވެ.

ސުލްޙައިގެ އެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުން ޔަހޫދީން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިޥާ މީހުންގެ އަދަދު 239އަށް އުފުލިފައިވާ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ އިދާރާގެ އޮފިޝަލުން ހާމަކުރިއެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ޝަހީދު ކޮށްލާފައި ވަނީ އެންމެ ދުވަހެއްގެ ތެރޭގައި، ހުސްވި ހަފުތާގައި ދިން ނުރައްކާތެރި ޙަމަލާތަކުގައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 500އަށްވުރެ މައްޗަށް އަރައެވެ.