ޚަބަރު

ގުޅީފަޅުން ގޯތި ލިބުނު މީހުން ރަޖިސްޓްރީއާއި ހަވާލުވުމުގެ ފަހު ފުރުސަތުދީފި


  • އެޕޮއިންޓްމަންޓަށް ހުށައެޅުމުގެ ފުރުސަތު 6 ނޮވެމްބަރ ގައި ހަމަވާނެ

  • އެޕޮއިންޓްމަންޓަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހުށައެޅޭނެ

  • މި މުއްދަތުގެ ފަހުން ދެން އިތުރު ފުރުސަތެއް ނުލިބޭނެ

ބިންވެރިޔާ ސްކީމުން ގުޅީފަޅު ގޯތި ލިބުނު ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީއާއި ހަވާލުވުމަށް އެޕޮއިންޓްމަންޓަށް އެދި ހުށައެޅުމުގެ ފުރުސަތު މާދަމާއަށް ހަމަވާނެއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވުޒާރާއިން ވިދާޅުވީ، 28 އޮކްޓޫބަރ ގައި އެ ވުޒާރާއިން ކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ފަދައިން ގުޅީފަޅު އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީއާއި ހަވާލުވުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް ހުށައެޅުމުގެ ފުރުސަތު 6 ނޮވެމްބަރ ގެ ނިޔަލަށް ހަމަވާނެކަމަށެވެ. އެހެންކަމުން އެދުވަހުގެ 23:59ގެ ކުރިން ހިޔާވަހި ހިޔާވަހިޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށައެޅުމަށް އެދޭކަމަށެވެ.

ވުޒާރާއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އައު ރަޖިސްޓަރީ އަދި އެގްރީމަންޓްގައި ސޮއި ކުރުމަށް ދިގު މުއްދަތެއް ދެވިފައިވާކަމަށެވެ. 6 ނޮވެމްބަރ އަކީ ގުޅިފަޅު އެއްބަސްވުން އަދި ރަޖިސްޓަރީއާ ޙަވާލުވުމަށް ދެވޭ ފަހު ފުރުޞަތު ކަމުގައިވެސް އެ ވުޒާރާގެ އިއުލާނުގައި ވަނީ ބުނެފައެވެ. މި މުއްދަތުގެ ތެރޭގައި އެޕޮއިންޓްމަންޓަށް އެދިފައިނުވާ ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުޞަތު ނުދެވޭނެކަމަށް ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

އެޕޮއިންޓްމަންޓްއަށް އެދޭއިރު ލިޔެކިޔުންތައް "ހިޔާވެހި ޕޯޓަލް" އަށް ހުށައަޅަންޖެހޭނެއެވެ. އޭގެތެރޭގައި:

* އައު "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ޙާޟިރުވާނެ 1 ފަރާތުގެ އައިޑީ ކާޑު ކޮޕީ.
* ގޯތި ލިބޭ ފަރާތް/ފަރާތަކުގެ ބަދަލުގައި އެހެން ފަރާތަކުން، އެއްބަސްވުމުގައި ސޮއިކޮށް ގޯތީގެ ރަޖިސްޓަރީއާ ޙަވާލުވާނަމަ، ހިޔާވަހި ޕޯޓަލްގައިވާ ޕަވަރަ އޮފް އެޓަރނީގެ ނަމޫނާއާ އެއްގޮތަށް ޝަރުޢީ ކޯޓެއްގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ޕަބްލިކް ނޯޓަރީގެ ކުރިމަތީގައި ސޮއިކޮށްފައިވާ ޕަވަރ އޮފް އެޓަރނީއާއި، އެޓަރނީގެ އައި.ޑީ.ކާޑުގެ ކޮޕީ.
* ގޯތި ލިބޭ ފަރާތުން ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގެ ކޮޕީ.
* ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" ގެ ކޮޕީ.

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 2000 އަށްވުރެ ގިނަ މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފެށީ، މިދިޔަ ޖުލައިމަހުގެ 12 ވަނަ ދުވަހުއެވެ.