ޚަބަރު

މިދިޔަ މަހު މާލެއިން ހުއްޓުވި 4633 މީހުންގެ ތެރެއިން 4555 މީހުން ކުށުގެ ރެކޯޑު އޮތް


  • މާލޭގެ 26262 ސަރަހައްދެއް ބަލައި ފާސްކޮށްފައިވޭ

  • 110 ސައިކަލު ހޯދާފައިވާއިރު، އަގު 4،885،300 ރުފިޔާއަށް އަރާ

މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން މިދިޔަ މަހު މާލެއިން 4000އަށްވުރެ ގިނަ މީހުން ހުއްޓުވައި ސުވާލުކުރިއިރު، އޭގެތެރެއިން 4500އަށްވުރެ ގިނަ މީހުންނަކީ ކުށުގެ ރެކޯޑު އޮތް މީހުންކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ފާއިތުވި އޮކްޓޫބަރުމަހު މާލެ ޕޮލިހުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފާއިތުވި އޮކްޓޫބަރުމަހު މާލެ ޕޮލިހުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުގައިވާގޮތުން، މިދިޔަ މަހު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރި 250 އެއްޗެއް ވަނީ ހޯދާފައެވެ. ފުލުހުން ހޯދި ތަކެތީގެތެރޭގައި މޯބައިލް ފޯނާއި ސައިކަލާއި ފައިސާ ހިމެނެއެވެ. އެގޮތުން އެންމެ ގިނައިން ހޯދީ ސައިކަލެވެ. 110 ސައިކަލު ހޯދާފައިވާއިރު، އެތަކެތީގެ އަގު 4،885،300 ރުފިޔާއަށް އަރައެވެ.

ހޯދި މުދަލުގެ ތަފާސްހިސާބު:

• 110 ސައިކަލު: 4،885،300 ރުފިޔާ
• 31 މޯބައިލް ފޯނު: 302،830 ރުފިޔާ
• ފައިސާ: 324،344 ރުފިޔާ
• 12 އިލެކްޓްރޯނިކްސް: 62،565 ރުފިޔާ
• 65 އެހެނިހެން ތަކެތި: 164،866 ރުފިޔާ

މިދިޔަ މަހު މާލެ ފްރޮންޓް ލައިންގައި ހަރަކާތްތެރިވި ފުލުހުންގެ މަސައްކަތާ ގުޅޭ ބައެއް ތަފާސްހިސާބުތަކުގައި ވާގޮތުން، މިދިޔަ މަހު ފުލުހުން ވަނީ މާލޭގެ 26262 ސަރަހައްދެއް ބަލައި ފާސްކޮށްފައެވެ. އޭގެތެރޭގައި 1136 ގަޑިއިރާއި 8 މިނެޓު ވަންދެން މާލެ ތެރެ ފައި މަގުގައި ޕެޓްރޯލްކޮށްފައިވެއެވެ.

މީގެ އިތުރުން 4633 މީހަކު ހުއްޓުވައި ފުލުހުން ވަނީ ސުވާލުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ކުށުގެ ރިކޯޑު އޮތް 4555 މީހުންނާއި ރިކޯޑު ނެތް 78 މީހުންނެވެ. އަދި ބިދޭސީންނާ ގުޅޭގޮތުން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގައި 2 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވެއެވެ.

މިދިޔަ މަހު މާލެ ފްރޮންޓް ލައިންގައި ހަރަކާތްތެރިވި ފުލުހުން ވަނީ ޖުމްލަ 151 ސީންއަކަށް އެޓެންޑުވެފައެވެ. އެގޮތުން އެކްސިޑެންޓްގެ 14 ސީންއަކާއި، ވައްކަމުގެ 112 ސީންއަކާއި، ފޭރުމުގެ 7 ސީންގެ އިތުރުން މާރާމާރީގެ 18 ސީންްއަކަށް ފުލުހުން އެޓެންޑުވެފައިވެއެވެ.

މިދިޔަ މަހު މާލެ ފްރޮންޓް ލައިންގައި ހަރަކާތްތެރިވި ފުލުހުން ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ވެސް މަސައްކަތްތަކެއް ކޮށްފައިވެއެވެ. އަދި އާންމުން ހޭލުންތެރި ކުރުމަށް ޖުމްލަ 28 ޕްރޮގްރާމެއް އެކި ގޮތް ގޮތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރައްވައެވެ. އެގޮތުން މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށް އެކި އޮޕަރޭޝަންތައް ކުރިއަށްގެންދިއުމާއި ކުށްކުރާ ގުރޫޕުތަކުގެ ހަރަކާތްތައް މޮނިޓަރކޮށް، ކުށްމަދު އަމާންތަނަކަށް ހެދުމަށް ކުރާ މަސައްކަތްތައް ހިމެނެއެވެ.