އައްޑޫ ސިޓީ ހިތަދުއާއި ފޭދޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް އަދި ފޭދޫގައި އައިޑީ ކާޑު ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ.
މި ޚިދުމަތްތައް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގައި ބޭއްވެވި ޖަލްސާގެ ތެރެއިންނެވެ.
މިޖަލްސާގައި މި ޚިދުމަތްތައް ފަށްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކެވެ.
އެގޮތުން މިހާރުވަނީ ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތާއި، ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކުވަނީ ނިންމާލާފައެވެ. މި އަމާޒު ހާސިލުކުރައްވާފައި ވަނީ، ކަނޑައެޅުއްވި މުއްދަތަށްވުރެ 3 މަސްދުވަސް ކުރިންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ޤާއިމުކޮށް ނިންމެވީ ހުސްވި ސެޕްޓެމްބަރ މަހުގެ 19 ވަނަ ދުވަހުއެވެ.
ލާމަރުކަޒީ އުސޫލުން، ރައްޔިތުންނާ ގާތަށް ޚިދުމަތްތައް ގެނެސްދެއްވުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވާ، މުހިންމު ސިޔާސަތެކެވެ. ރައްޔިތުންގެ އަސާސީ މުހުތާދުތައް ރަށުގައި ތިބެގެން ފުއްދޭނެ އިންތިޒާމު ހަމަޖައްސަވައި، ބޮޑު ޚަރަދުކޮށް މާލެ އައިސް ކޮންމެ ކަމެއް ކުރަން ރައްޔިތުން އުފުލާ ބުރަ ނިމުމަކަށް ގެނެސްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒެކެވެ.