ދިވެހިރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑުބައި ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާޢަތެވެ. އެއީ ޤައުމީ އުފެއްދުންތެރިކަމުގެ (ޖީ.ޑީ.ޕީ) މުހިއްމު ބައެއް ހިއްސާކުރާ، އެތައް ބައެއްގެ ވަޒީފާއާ ގުޅިފައިވާ އަދި ބޭރު ފައިސާ ލިބޭ މައިގަނޑު ސިނާޢަތަށް އެސިނާޢަތްވުމުންނެވެ. އެހެންނަމަވެސް، ފުޅާވެފައިވާ އެ ސިނާއަތުގެ ފައިދާ، ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް އެއްހަމައެއްގައި ފޯރަމުން ނުދެއެވެ.
ޚާއްސްގޮތެއްގައި ހދ. އަތޮޅާއި މުޅި ބޮޑު ތިލަދުންމައްޗަށް ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ އެދެވޭ ކުރިއެރުންތަކެއް ލިބިފައިނުވެއެވެ. ރާއްޖޭގެ އިޤްތިޞާދަށް ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ މަންފާ އިތުރުކޮށް، ސަރަޙައްދީ ތަރައްޤީއަށް ބާރުއެޅުމަށްޓަކައި، އުތުރުގެ ރަށްތަކަށް ފަތުރުވެރިކަން ފުޅާކުރުމަކީ އިންތިހާއަށް މުހިއްމުވެފައިވާ ކަމެގެ ގޮތުގައި ސަރުކާރުންވެސް ގަބޫލުކުރައްވައެވެ.
އުތުރުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ކުރިމަތިވެފައިވާ އެއް ގޮންޖެހުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން އުފުލާ ޑައިރެކްޓް ފްލައިޓްތައް އެ ސަރަޙައްދަށް އޮޕަރޭޓް ކުރެވޭނެ ގޮތެއް ނެތުމެވެ. މީގެ އިތުރުން، އެ ސަރަޙައްދަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދު ބޮޑުވުމަކީ ވެސް އުތުރަށް ފަތުރުވެރިން ގެނައުމަށް އޮތް ހުރަހެކެވެ. އެ ސަރަޙައްދުގައި ފުރިހަމަ މާނައިގެ ބައިނަލްއަޤްވާމީ ފެންވަރުގެ އެއަރޕޯޓެއް ނެތުމުން، ފަތުރުވެރިންނަށް މާލޭގައި ޓްރާންސިޓް ވާންޖެހުމާއި، ދަތުރުގެ ދަތިކަން އިތުރުވުމަކީވެސް ހުރަސްތަކުގެ އެއް ސަބަބެވެ.
ތިލަދުންމަތީ ދެކުނުބުރި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މީގެ 35 ވަރަކަށް އަހަރު ކުރިން ހުޅުވުނު އެއަރޕޯޓެކެވެ. 2012 ވަނަ އަހަރު މި އެއަރޕޯޓު އިންޓަރނޭޝަނަލް ފެންވަރަށް ބަދަލުކުރެވުނު ނަމަވެސް، ބައިނަލްއަޤްވާމީ ފްލައިޓްތަކަށް ޚިދުމަތްދިނުމުގެ ފެންވަރު ނެތުމުގެ ސަބަބުން މިހާތަނަށް ހިންގަމުން އައިސްފައިވަނީ ނުހަނު ދަތިގޮތަކަށެވެ.
އެހެންނަމަވެސް، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އައު އިންޓަރނޭޝަނަލް ޓަރމިނަލެއް ޤާއިމުކޮށް، ރަންވޭ ދިގުކުރުމުގެ މަސައްކަތް ނިމުމަކަށް އައުމާއެކު މި ހުރި ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން ވިދާޅުވިއެވެ. އަބްދުއްސައްތާރު ވިދާޅުވީ މި އެއަރޕޯޓާއެކު، ބޮޑުތިލަދުންމައްޗަށް ސީދާ ބައިނަލްއަޤްވާމީ ފްލައިޓްތައް އޮޕަރޭޓްކުރުމުގެ ފުރުޞަތު ފަހިވެ، މި ސަރަޙައްދުގެ ފަތުރުވެރިކަމުގެ ދޮރުތައް ފުޅާވެގެންދާނެ ކަމަށެވެ، އަދި މިއާއެކު މި ސަރަހައްދުގެ ފަތުރުވެރިކަމަށްވެސް ވަރަށް ފަހި ބަދަލުތަކެއް އަންނާނެ ކަމަށެވެ.
"ހއ. ހދ. އަދި ށ. ހިމެނޭހެން މި އަތޮޅުތަކުގެ ޓުވަރިޒަމަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނާނެ. އަޅުގަނޑުމެން އެންމެ ބޮޑަށް ކަންބޮޑުވަނީ ހދ. އަކީ ޓުވަރިޒަމް ނެތް ތާނެއްކަން މި ބުނާ ބުނުން. އެހެންނަމަވެސް މި ޓަރމިނަލް ރަސްމީކޮށް ބޭނުންކުރެވެން ފެށުމަށް ތައްޔާރުވާއިރު އަދި މި ޓަރމިނަލް ހުޅުވިގެން ދިއާމަ އިންވެސްޓަރުންވެސް އަދި ސަރުކާރުންވެސް ހާއްސަ އިސްކަމެއް ދީގެން މި ސަރަހައްދުގައި ޓުވަރިޒަމް ފުޅާކުރުމަށް މަސައްކަތްކުރަމުން އެބަދޭ. މިއާއެކު އަސްލު މި ސަރަހައްދުގެ ފަތުރުވެރިކަން ފުޅާވެގެންދާނެ." ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން ވިދާޅުވިއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީއަކީ ހަމައެކަނި އެއަރޕޯޓެއްގެ ކުރިއެރުމެއް ނޫނެވެ. މިއީ މުޅި ބޮޑުތިލަދުންމައްޗަށާއި، ޚާއްޞަކޮށް ހދ. އަތޮޅަށް ފަތުރުވެރިކަމުގެ އައު ސަފްހާތަކެއް ހުޅުވައިދޭނެ ކަމެކެވެ. މިކަން އެންމެ ރަނގަޅަށް ކިޔައިދެއްވީ ހަނިމާދޫގައި ހެވަން ސްޓޯން މެނޭޖްމެންޓުން ހިންގާ ގެސްޓްހައުސްއެއް ކަމަށްވާ ބްލޫ ވިލުވެލި ރިޓްރީޓްގެ ހިންގުމާ ހަވާލުވެ ހުންނެވި ޖެނެރަލް މެނޭޖަރ މުޙައްމަދު ރިޔާޒްއެވެ.
"އަޅުގަނޑުމެން އުތުރުގައި މި ގެސްޓްހައުސް ނެގުމުގެ މައިގަނޑު އެއް މަޤުސަދަކީ ނުވަތަ އަޅުގަނޑުމެން މި ގެސްޓްހައުސް ނަގަން އެންމެ ބޮޑަށް ޝައުރުވެރިވީ އަސްލު، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު އިތުރަށް ތަރައްޤީވުން. މި އެއަރޕޯޓު ހުޅުވިގެން ދިއުމަކީ ގޭޓްވޭއެއް ރާއްޖޭގެ އުތުރު ފަތުރުވެރިކަމަށް ހުޅުވާލުމަށް. އަޅުގަނޑުމެން ލަފާކުރާ ގޮތުގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ހުޅުވިގެންދިއުމާއެކު މިކޮޅުގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ." މުޙައްމަދު ރިޔާޒް ވިދާޅުވިއެވެ.
ރިިޔާޒް ވިދާޅުވީ، ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ ސަބަބުން ދަތުރުފަތުރު ފަސޭހަވެ، ޚަރަދު ކުޑަވުމާއެކު، އުތުރަށް އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށެވެ. މިއާއެކު، ސަރަޙައްދަށް ފަތުރުވެރިން ޒިޔާރަތްކުރުން ފަސޭހަވުމާއެކު، ބޮޑުތިލަދުންމަތީގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކުރުމަށް އިންވެސްޓަރުންނަށް ޝައުޤުވެރިކަން އިތުރުވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ޚިދުމަތްތަކާއި އިންވެސްޓްމަންޓްތައް އިތުރުވުމާއެކު، ސަރަޙައްދުގެ ރައްޔިތުންނަށް ވަޒީފާގެ އެތައް ފުރުޞަތެއް އުފެދި، އިޤްތިޞާދީ ހަރަކާތްތައް ފުޅާވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިޤްތިޞާދީ ކުރިއެރުމާއި ވަޒީފާގެ ފުރުޞަތުތަކުގެ ސަބަބުން، ސަރަޙައްދުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، މުޖުތަމަޢީ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ރިޔާޒް ފާހަގަކުރެއްވިއެވެ،
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓައަކީ، ދިވެހިރާއްޖޭގެ އުތުރުގެ އިޤްތިޞާދަށް ވަރަށް ބޮޑު ބަދަލެއް ގެނުވައިދޭނެ، ދުރު ރާސްތާގެ ފައިދާ ގިނަ މަޝްރޫޢެކެވެ. މިއީ ހަމައެކަނި ދަތުރުފަތުރުގެ ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދޭނެ ކަމެއް ނޫނެވެ. މީގެ ބަދަލުގައި، ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، ވަޒީފާގެ ފުރުޞަތުތައް އުފައްދައި، ސަރަޙައްދުގެ މުޖުތަމަޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ބޮޑެތި އެހީތަކެއް ލިބިގެންދާނެއެވެ. މި މަޝްރޫޢުގެ ސަބަބުން، އުތުރުގެ ފަތުރުވެރިކަން ފުޅާވެ، ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިއްމު އެއް ތަނބު ކަމުގައިވާ ފަތުރުވެރިކަން އިތުރަށް ހަރުދަނާވެގެންދާނެއެވެ.