ތާފާތު ދާއިރާތަކުން ރާއްޖެއަށް ބޭނުންވެފައިވާ އިލްމީ މީހުން ބިނާކުރުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ކުރައްވަމުންގެންދަވަނީ ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްތަކެއްކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މިއަހަރުގެ ދަސްވެނިވުމުގެ ދެވަނަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޤައުމެއް ތަރައްޤީވެ ކުރިއަރައި ދިއުމުގައި މީހުން ބިނާކުރުމަށްވުރެ ވަކި މުހިންމު ކަމެއް ނޯންނާނެކަން ފާހަގަކުރައްވައި ވާހަކަފުޅުދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ރާއްޖެއަށް ޢިލްމީ މީހުން ބޭނުންވެފައިވާ ތަފާތު ދާއިރާތަކުން މީހުން ބިނާކުރުމަށް އައިޔޫއެމްއިން ކުރައްވަނީ މުހިންމު މަސައްކަތްތަކެއްކަމަށް، ޚާއްސަކޮށް އަދުގެ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އަތޮޅުތަކުގައި އައިޔޫއެމްގެ ގޮފިތައް ގާއިމްކޮށް ރައްޔިތުންނަށް އިލްމު ފެތުރުމަށް ކުރައްވާ މަސައްކަތްތައް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ދަސްވެނިންނާ މުޚާތަބުކުރައްވަމުން ވަޒީރު ވިދާޅުވީ އިލްމު ހާސިލްކޮށްގެން ބަޔަކު ޤައުމީ ޚިދުމަތަށް ނުކުތުމަކީ ޤައުމުގެ ރައުސުލްމާލަށް އިތުރުވެގެންދާ ވަރަށްވެސް މުހިންމު އިތުރުވުމެއް ކަމަށެވެ. ލިބޭ ކޮންމެ ޢިލްމަކާއެކު ޒިންމާތަކެއް އުފަންވާއިރު، ޢިލްމު ހޯދައިގެން ޤައުމަށް ޚިދުމަތްކުރަން ލިބޭ ފުރުސަތަށްވުރެ ވަކި އުފާވެރި ފުރުޞަތެއް ޙަޔާތުގަ ނާންނާނެކަން ދަސްވެރިން ހަނދާނުގައި ބަހައްޓަންވާނެކަމަށް ވަޒީރު ނަޠިމް ވިދާޅުވިއެވެ.
"އަބަދުވެސް ހަނދާންކުރަންވީ ތިބޭފުޅުންގެ ހަޔާތުގެ ކާމިޔާބީއަކީ، މި ޤައުމުގެ ހަޔާތުގެ ކާމިޔާބީގެ ވަރަށް މުހިންމު ބައެއް. އެހެނީ މުޅި ޤައުމުގެ ކާމިޔާބީއަކީ މުޅި ޤައުމުގެ ވަކިވަކި ފަރުދުންގެ ކާމިޔާބީ އެކުވެގެން އަންނަ އެއްޗެއް. ޤައުމެއްގެ އުފެއްދުންތެރިކަމަށް ބެލިޔަސް މިކަން އޮތީ މިގޮތަށް. ވަކިވަކި ފަރުދުންގެ އުފެއްދުންތެރިކަން ފުޅާވެ ކުރިއަރާދިޔަ މިންވަރަކުން ޤައުމުގެ އުފެއްދުންތެރިކަން ކުރިއަރައިގެންދާނެ" ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.
ޤައުމުގެ ކުރިއެރުމާއި ތަރައްޤީގައި އެންމެންގެ ބައިވެރިވުން މުހިންމުކަމަށާއި، ޤައުމެއްގެ ގޮތުގަ ތަރައްޤީވާން ކުރާ މަސައްކަތުގަ އެ ނަތީޖާ ހާސިލްކުރުމަށް ކޮންމެ މީހެއްގެ ހަޔާތަކީ ފުދުންތެރި އުފެއްދުންތެރި ހަޔާތަކަށް ހަދަންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކޮންމެ މީހެއްގެ ހަޔާތަކީ ހިތްހަމަޖެހޭ އަދި އެހެންމީހުން ހިތްހަމަޖައްސައިދޭ ހަޔާތެއްކަމުގަ ހެދޭތޯ މަސައްކަތްކުރަން ކުރަންޖެހޭކަމަށާއި ކޮންމެ މީހަކުވެސް ވިސްނާލުމަށް ވަގުތުކޮޅެއްނަމަވެސް ހޭދަވުމަކި ދިރިއުޅުމުގެ ކަންކަން ރަނގަޅަށް ތަރުތީބުކޮށް ކުރިއަށްގެންދިއުމަށް މުހިންމު ކަމެއްކަމުގަ ދެކިވަޑައިގަންނަވާކަމަށް ވަޒީރު ނާޒިމް ވިދާޅުވިއެވެ.
ޢިލްމު ހާސިލްކޮށްގެން ވަޒީފާގެ މާހައުލަށް ނިކުމެ އެހެން މީހުންނާއެކު މަސައްކަތްކުރާއިރު، ކަނޑައެޅިފައިވާ އުޞޫލުތަކާއެއްގޮތަކަށް ކަންކަން ހިންގައި ކުރިއަށްދިއުމަށް އަބަދުވެސް ހަނދާންކުރުމަށް ވަޒީރު ނާޔިމްވަނީ ދަސްވެނިންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ސެޝަން ތަކަކަށް ބަހާލައިގެން މިހާރު ކުރިއަށްދާ އައިޔޫއެމްގެ މިއަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުތަކުގައި ޖުމަލް 2064 ދަރިވަރުން ދަސްވެނިވާނެއެވެ. އަދި އެންމެ މޮޅު ދަރިވަރުންނާއި އެކްސެލެންސް އެވޯޑް ހާސިލްކުރާ ދަރިވަރުންނަށް ދަނީ އެވޯޑް ދެމުންނެވެ.