ޒަޔަނިސްޓު ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ތުރުކީވިލާތުން ނެރެފިއެވެ. ނަތަންޔާހޫ ހައްޔަރު ކުރުމަށް ތުރުކީވިލާތުން އަމަރު ކޮށްފައި ވަނީ، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގާފައިވާ ޤަތުލުޢާންމާއި، މިހާރު ވެސް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތަކާ ގުޅުވައެވެ. ޣައްޒާ ޤަތުލުޢާންމު ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ.
ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ އެކު އަމަލު ކުރަން ފަށާފައިވާ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން ހުއްޓައިލުމަށް ޔަހޫދީން އެއްބަސްވެފައިވީ ނަމަވެސް، ޣައްޒާއަށް ބޮންއެޅުން ހުއްޓައިލާފައެއް ނުވެއެވެ. ޔަޙޫދީންނާއި ޙަމާސާ ދެމެދު އެއްބަސްވުން އެކުލަވައިލާފައި ވަނީ އޮކްޓޫބަރު 10ވަނަ ދުވަހުއެވެ. ނަމަވެސް، ދެ އަހަރަށް ފަހު ޔަހޫދީންގެ ޤަތުލުޢާންމު މެދުކަނޑައިލާފައި ވަނީ 68,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލުމަށް ފަހުއެވެ.
ނަތަންޔާހޫގެ އިތުރުން ޔަހޫދީ ސަރުކާރާއި އަސްކަރިއްޔާގައި އިސް ދައުރު އަދާ ކުރަމުންދާ ޖުމުލަ 37 މީހަކާ ދެކޮޅަށް ތުރުކީވިލާތުން ވަނީ ހައްޔަރު ކުރުމުގެ އަމުރު ނެރެފައެވެ. އޭގެ ތެރޭގައި، ޒަޔަނިސްޓު ދައުލަތުގެ ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒް، ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގްވީރު އަދި ޔަހޫދީ ފައުޖުގެ އިސް ކޮމާންޑަރު ވެސް ހިމެނެއެވެ.
އެ މީހުން ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރުގައި ތުރުކީވިލާތުން ބުނީ، 2023ވަނަ އަހަރުގެ އޮކްޓޫބަރުން ފެށިގެން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ޤަތުލުޢާންމާއި ލާއިންސާނީ ޖަރީމާތަކުގެ މޭސްތިރިންނަކީ އެ މީހުން ކަމުގައެވެ. އަދި، އެންމެ އިސްކޮށް ބައިވެރިވެފައިވާ މީހުންނަކީ އެއީ ކަމުގައެވެ.
"2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 17ވަނަ ދުވަހު އަލް-އަހްލީ ހަސްފަތާލަށް ދީފައިވާ ޙަމަލާތަކުގައި 500 މީހުން ޝަހީދުކޮށްލި؛ 2024ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 29ވަނަ ދުވަހު އެ ތަނަށް ޙަމަލާދީ ޞިއްޙީ އާލާތްތައް ސުންނާފަތިކޮށްލި… ޣައްޒާ އޮތީ ހިސާރު ކޮށްފައި، އަދި ހާލުގައި ޖައްސާފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވަނީ ހުރަސް އަޅާފައި،" ތުރުކީވިލާތުން ނެރުނު އަމުރުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ތުރުކީވިލާތުގެ އެހީގައި ޣައްޒާގައި ބިނާ ކޮށްފައިވާ ހަސްފަތާލަކަށް މާރިޗު މަހު ޙަމަލާދީ، ޔަހޫދީން އެ ތަން ވެސް ސުންނާފަތި ކޮށްލާފައިވާ ކަމުގައި ތުރުކީވިލާތުގެ ބަޔާނުުގައި ބުނެފައިވެއެވެ.
ޔަހޫދީން ބުނީ، ނަތަންުޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ތުރުކީވިލާތުން ނެރެފައި ވަނީ އެ ޤައުމުގެ މޫނުމަތި ރީތި ކުރުމުގެ ގޮތުން ކަމުގައެވެ. ނަމަވެސް، ޙަމާސުން ވަނީ ތުރުކީވިލާތުގެ ނިންމުމަށް މަރުހަބާ ކިޔާފައެވެ. ނަތަންޔާހޫއާއި ޒަޔަނިސްޓުންގެ ކުރީގެ ދިފާޢީ ވަޒީރު ޔޮއާވް ގަލާންތު ހައްޔަރު ކުރުމަށް ޖިނާޢީ ކުށްތައް ބަލާ ބައިނަލްއަޤްވާމީ ކޯޓު (އައިސީސީ)ން މީގެ އަހަރެއްހާ ދުވަސް ކުރިން އަމުރު ނެރެފައިވެއެވެ.