ޚަބަރު

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ތިނަދޫ ސިޓީގައި މިލިޓަރީ ޑިސްޕްލޭއެއް ހުށަހަޅައިދީފި


  • "މިލިޓަރީ ޑިސްޕްލޭ"އަށްފަހު އާއިލީ ހަވީރެއް ވަނީ ކުރިއަށްގެންގޮސްފައި

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ތިނަދޫ ސިޓީގައި "މިލިޓަރީ ޑިސްޕްލޭ"އެއް ހުށަހަޅައިދީފިއެވެ.

ތިނަދޫ ސިޓީ ސްޓޭޑިއަމްގައި މިއަދު ކުރިއަށްގެންދިޔަ މި ޑިސްޕްލޭ ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

މި ޑިސްޕްލޭގައި އެމްއެންޑީއެފުން ވަނީ، ދިވެހިރާއްޖެއަށް ކުރިމަތިވާ ނިރުބަވެރި ހަމަލާއަކާ ދެކޮޅަށް ޤާބިލުކަމާއި ކުޅަދާނަކަމާއެކު އެއްގަމުގެ ބާރުން ހިންގާ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވާ މަންޒަރު ދައްކުވައިދީފައެވެ. އެގޮތުން، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ސިއްރިއްޔާތުގައި ދުސްމިނުންގެ ސެލްތަކެއް ހަރަކާތްތެރިވާކަން އެމްއެންޑީއެފް ޑިފެންސް އިންޓެލިޖެންސް ސަރވިސްއަށް ލިބޭ ކަށަވަރު މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް، ދުސްމިނުންގެ އޮބްޖެކްޓިވްތައް ނައްތާލުމަށް އެމްއެންޑީއެފްގެ ބާރުތަކުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއް ދައްކުވައިދީފައިވެއެވެ.

މި ޑިސްޕްލޭއަށްފަހު އާއިލީ ހަވީރެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގެ މަގުސަދަކީ ޝަހީދުންނަށް ޓަކައި ދިވެހީންގެ ހިތްތަކުގައި އޮންނަ ގައުމީ ފަޚުރާއި، މުޖުތަމައުގެ އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމުގެ އިތުރުން، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމުގައި ޝަހީދުން ވެދެއްވި ގުރުބާނީތަކުގެ ހަނދާނާއި ޒިކުރާ އާކުރުމެވެ.

އެމްއެންޑީއެފްގެ މި ޑިސްޕްލޭއަށާއި އާއިލީ ހަވީރަށް، އާންމުންނާއި ކުޑަކުދީންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.