ޚަބަރު

އެމެރިކާއިން ބާރުއެޅިޔަސް، ފަލަސްޠީނުގެ މިނިވަން ދައުލަތެއްގެ ޝަރުތަށް ސަޢޫދީން ދޫނުދޭނެ


ސަޢޫދީ ޢަރަބިއްޔާއިން ޔަހޫދީންނާއެކު ގުޅުން ޤާއިމުކުރަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބާރުއެޅުއްވިނަމަވެސް، ސަޢޫދީގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި އެކަމުގެ އެއްބަސްވުމަކާ ހަމައަށް ދިޔުމުގެ ފުރުޞަތެއް ނެތްކަމަށް ބައެއް މަސްދަރުތަކުން ބުނެފިއެވެ.

ސަޢޫދީ އާއި ޔަހޫދީންނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުވެއްޖެނަމަ، މެދުއިރުމަތީގެ ސިޔާސީ އަދި ސަލާމަތީ މަސްރަޙަށް ބޮޑު ބަދަލެއް އައިސް، އެ ސަރަޙައްދުގައި އެމެރިކާގެ ނުފޫޒު ވަރުގަދަވެގެން ދާނެއެވެ.

ރައީސް ޓްރަމްޕް މިދިޔަ މަހު ވިދާޅުވެފައިވާ ގޮތުގައި، 2020 ވަނަ އަހަރު ޔަހޫދީންނާއެކު ގުޅުން ޤާއިމުކުރަން ސޮއިކުރި "އެބްރަހަމް އެކޯޑްސް" އާ ސަޢޫދީންވެސް ވަރަށް އަވަހަށް ބައިވެރިވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ނަމަވެސް، "ރޮއިޓާސް" ނޫހަށް މަޢުލޫމާތު ދިން މެދުއިރުމަތީގެ ދެ މަސްދަރަކުން ބުނި ގޮތުގައި، ސަޢޫދީ ސަރުކާރުން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމުގެ ޝަރުތަށް ދޫނުދޭނެކަމަށް އެމެރިކާ ސަރުކާރަށް އަންގައިފައެވެ.

މިގޮތުން، މިމަހުގެ 18 ވަނަ ދުވަހު ވައިޓް ހައުސްގައި ޓްރަމްޕްއާ އެކު ކުރައްވާ މަޝްވަރާތަކުގައި، ވަލީއަޙްދު މަސައްކަތް ކުރައްވާނެ ކަމަށް ބެލެވެނީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް އެމެރިކާ ސަރުކާރުގެ ފުރިހަމަ ތާޢީދު ހޯދުމަށް ކަމަށް އެ މަސްދަރުތަކުން ބުނެއެވެ.

ސަޢޫދީއަށް، ފަލަސްޠީނުގެ ޙައްޤުތައް ހޯދައިދިނުމަކީ، މުޅި މެދުއިރުމަތީގެ ސަލާމަތާއި ހަމަޖެހުމާ ގުޅިފައިވާ ކަމެކެވެ.

އެހެންކަމުން، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމާ، ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފާޅުގައި ދެކޮޅު ހަދަމުންދާތީ، ޔަހޫދީންނާއެކު ސަޢޫދީން ސިޔާސީ ގުޅުން ޤާއިމުކުރުމުގެ ފުރުޞަތެއް ނެތް ކަމަށް އެ މަސްދަރުތަކުން ޤަބޫލުކުރެއެވެ.

އަދި ޔަހޫދީން ދޫދޭން ބޭނުންނުވާކަމެއްގައި، މިވަގުތު އެމެރިކާއިން ވެސް ޔަހޫދީންނަށް ބާރުއަޅާނެކަމަކަށް ނުބެލެވެއެވެ.