ޚަބަރު

ރާއްޖެއާއި ޔޫއޭއީން ޖޮއިންޓް ޓޫރިޒަމް ވޯކިން ގްރޫޕެއް އެކުލަވާލަނީ


  • މިކަމުގެ މަޝްވަރާކުރެއްވީ ވަޒީރު ޠާރިޤާއި ޔޫއޭއީގެ މިނިސްޓަރ

  • ފަތުރުވެރިކަމުގެ ދާއިރާއިން ދެޤައުމުގެ ގުޅުން ވަރުގަދަވެގެންދާނެ

ދިވެހިރާއްޖެއާއި ޔޫއޭއީއާއި ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ޖޮއިންޓް ޓޫރިޒަމް ވޯކިން ގްރޫޕެއް އެކުލަވާލުމަށް އެއްބަސްވެއްޖެއެވެ. މިގޮތަށް އެއްބަސްވެފައިވަނީ ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދާ ޔޫއެން ޓޫރިޒަމް ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފަތުރުވެރިކަމާ ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވަނީ ޔޫއޭއީގެ ފަތުރުވެރިކަމާއި އިޤްތިޞާދާއި ބެހޭ ވަޒީރު އަބްދުﷲ ބިން ތޫގް އަލް މަރީއާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަނީ ރާއްޖެއާއި ޔޫއޭއީއާއި ގުޅިގެން ޖޮއިންޓް ޓޫރިޒަމް ވޯކިންގ ގްރޫޕެއް އެކުލަވާލުމަށް އެއްބަސްވެފައެވެ. މި ވޯކިން ގްރޫޕް ވެގެންދާނީ ފަތުރުވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި، އިއާދަކުރަނިވި ހަކަތަ، އަދި މީހުން ބިނާކުރުމަށް އެހީތެރިވެދޭ ވޯކިން ގްރޫޕަކަށްކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން 2 ގައުމުގެ ގުޅުންވެސް މިއާއިއެކު ބަދަހިވެގެންދާނެކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

އ.ދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމްޢިއްޔާގެ އާއްމު ބައްދަލުވުމުން ކުރިއަށްދަނީ މިަމހުގެ 7 އިން 11 އަށެވެ. މި އަހަރުގެ ބައްދަލުވުން ކުރިއަށްދަނީ "އޭ.އައި. ޕަވަރޑް ޓޫރިޒަމް: ރީޑިފައިނިންގ ދަ ފިއުޗަރ" މި ޝިއާރުގެ ދަށުންނެވެ. މި ބައްދަލުވުމުގައި ވައިސް-ޕްރެޒިޑެންޓްގެ ހައިސިއްޔަތުން މިމަހުގެ 9 ވަނަ ދުވަހު ބޭއްވި އާއްމު ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ.