ޚަބަރު

ފަސް މިލިޔަން ގަސް ޕްރޮގުރާމް: ލ. ގަމުގައި ޚާއްސަ 2 ނާސަރީ ތަރައްޤީކޮށް އޮޕަރޭޝަނަށް ގެންނަނީ


  • ގަމުގައި ތަރައްޤީކުރާނީ 20,000 އަކަފޫޓުގެ ނާސަރީއަކާއި 100,000 އަކަފޫޓުގެ ނާސަރީއެއް

  • 20,000 އަކަފޫޓުގެ ނާސަރީ މި އަހަރު ނިމުމުގެ ކުރިން އޮޕަރޭޝަނަށް ގެނެވޭނެ

ފަސް މިލިޔަން ގަސް އިންދުމުގެ ގައުމީ މަޝްރޫޢަށް ބޭނުންވާ ގަސް ހައްދަން ލ. ގަމުގައި ޚާއްސަ 2 ނާސަރީ ތަރައްޤީކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ ދެމެދު އެެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ޕްރޮގްރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކޮށް، ގައުމުގެ ފެހިކަން އިތުރުކޮށް، މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސް ޑރ. މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގުރާމް ރަސްމީކޮށް ފަށާފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެންނެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވީ، ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކޮށް، ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށްޓަކައި ތަފާތު އެކި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން މި މަސަައްކަތުގެ ދަށުން ލ. ގަމުގައި 20,000 އަކަފޫޓުގެ ނާސަރީއަކާއި 100,000 އަކަފޫޓުގެ ނާސަރީއެއް ތަރައްްޤީކުރުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި ޕްރޮގުރާމް ހިންގުމާ ޙަވާލުވެ ހުންނެވި ވަޒީރުގެ ނައިބު އަޙުމަދު އަތީފް ވިދާޅުވީ، 20,000 އަކަފޫޓުގެ ނާސަރީ މި އަހަރު ނިމުމުގެ ކުރިން އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، 100,000 އަކަފޫޓުގެ ނާސަރީ އަންނަ 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރިން އޮޕަރޭޝަނަށް ގެނެވޭނެކަމަށެވެ.

ވަޒީރުގެ ނައިބު އަތީފް ވިދާޅުވީ، މި ދެ ނާސަރީ ތަރައްޤީކޮށް ބޭނުން ކުރެވެން ފެށުމުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ. އަދި މި ވަގުތު މި ޕްރޮގްރާމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖެއިން ގަސް ހޯދުން ކަމަށާއި، މި ނާސަރީތަކުގެ ސަބަބުން އެކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އަތީފް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 55,000 އަކަފޫޓުގެ ނާސަރީއެއް އެޅުމަށްވެސް ޗައިނާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް، މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ނާސަރީ އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ. މިތާނގައި މީޓިންގ ރޫމަކާއި، ލެބޯޓަރީއަކާއި، އޮފީސް އަދި ލޭބަރ އެކޮމޮޑޭޝަން ހުންނާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

ހުޅުމާލޭގައި ތަރައްޤީކުރާ ނާސަރީއަކީ އާންމުންނަށް ފަސޭހައިން ބަލާލެވޭނެ ގޮތަށް ހިތްގައިމު ޖާގައިގެ ގޮތުން ބޮޑު ނާސަރީއަކަށް ވާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި މި ނާސަރީއަކީ މުސްތަޤުބަލުގައި ސުކޫލު ކުދިން ގެނެސްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގޭނެ ގޮތަށް ޑިޒައިން ކުރެވޭނެ ތަނެއްކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

މި ނާސަރީތަކުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ ފަސް މިލިޔަން ގަސް އިންދުމުގެ ލަނޑުދަނޑި ފަސޭހަކަމާއިއެކު ޙާސިލުވެގެން ދާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.