އިންޑިއާގެ ދިއްލީގައި ހުންނަ މަޝްހޫރު ރެޑް ފޯޓު ސަރަހައްދުގައި މިރޭ ހިނގި ގޮވުމުގެ ހާދިސާގައި ބަޔަކު މަރުވެ، އަދި އިތުރު ބަޔަކަށް އަނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހާދިސާގައި މަރުވި މީހުންނާއި އަނިޔާވި މީހުުންގެ އާއިލާތަކާއި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އިންޑިއާ ސަރުކާރާއި ރައްޔިތުންނާއެކުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
Deeply saddened by the tragic loss of lives in the blast in Red Fort, Delhi this evening. Our heartfelt condolences to the bereaved families and good wishes for swift recovery of the injured. The Maldives stands in solidarity with the people and Government of India in this…
— Dr Mohamed Muizzu (@MMuizzu) November 10, 2025
އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގެ ބައިބޯ ސަރަޙައްދެއްކަމަށްވާ ރެޑް ފޯޓު ސަރަހައްދުގައި މި ހާދިސާ ހިނގީ އިންޑިޔާ ގަޑިން އިރުއޮއްސި ހަތެއް ޖަހަނިކޮށެވެ މަޑުމަޑުން ދުއްވާފައި އައި އުޅަނދެއް ޓްރެފިކް ލައިޓުގައި ހުއްޓި އޮތް ކަމަށާއި، އެ ކާރު ގޮވީ އެ ވަގުތު ކަމަށް އިންޑިއާގެ ފުލުހުންގެ ތަރުޖަމާނު ސަންޖޭ ތިޔާގީ ވިދާޅުވިއެވެ. އެ ގޮވުމުގެ ސަބަބުން އެ ސަރަޙައްދުގައި ހުރި އެހެން އުޅަނދުތަކަށްވެސް ގެއްލުން ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން ހަ ކާރަކާއި ތިން އޮޓޯއެއްގައި އަލިފާން ރޯވެފައިވެއެވެ. ކާރު ގޮވުމަށް މެދުވެރިވި ސަބަބު ފުލުހުން ތަހުޤީޤު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ގޮވުމަށް ފަހު އިންޑިޔާގެ މުމްބާއީއާއި، އެންމެ ބައިބޯ ސްޓޭޓު ކަމަށްވާ އުއްތަރު ޕްރަދޭޝް އޮތީ ސަލާމަތީގޮތުން ތައްޔާރީ ޙާލަތުގައެެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ހާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ފޮނުއްވައިފައެވެ. އޭނާ ވަނީ ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް ވެސް އެދިވަޑައިގެންފައެވެ. ހާދިޘާގައި އަސަރުކުރި މީހުންނަށް ކަމާބެހޭ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް މޯދީ ވިދާޅުވިއެވެ.
30 މިލިޔަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އަދި ސަލާމަތީ ކަންކަން ވަަރުގަދަ ނިއު ދިއްލީގައި މި ފަދަ ހާދިޘާތައް މަދުން ނޫނީ ނުހިނގައެވެ. ރެޑް ފޯޓަކީ ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ މަޤުބޫލު ސަރަޙައްދެކެވެ. ކޮންމެ އަހަރަކު ވެސް އިންޑިޔާގެ މިނިވަން ދުވަހު އެ ޤައުމުގެ ބޮޑުވަޒީރު ޤައުމާ މުޚާތަބު ކުރައްވަނީ ވެސް އެ ސަރަޙައްދުންނެވެ.
1980އާއި 1990ގެ އަހަރުތަކުގައި ވެސް ދިއްލީގައި ގޮވުންތައް ގޮއްވާލާފައިވެއެވެ. އެ ފަދަ ޙަމަލާތައް ގިނައިން އަމާޒު ވަނީ ޢާންމުން އެއްވެ އުޅޭ ސަރަޙައްދުތަކަށެވެ. ދިއްލީގައި މި ފަދަ ހާދިޘާއެއް އެންމެ ފަހުން ހިނގާފައި ވަނީ 2011ވަނަ އަހަރެވެ. އެ ފަހަރު ދިއްލީގެ ހައި ކޯޓުގެ ބޭރުގައި ގޮއްވާލި ގޮއްވާލުމުގައި 12 ވަރަކަށް މީހުން މަރުވެފައިވެއެވެ.