ޚަބަރު

ޕާކިސްތާންގެ ކޯޓު އިމާރާތެއްގެ ކައިރީގައި ބޮމެއް ގޮއްވާލައި 12 މީހުން މަރައިލައިފި


ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ކޯޓު އިމާރާތެއްގެ ކައިރީގައި ބޮމެއް ގޮއްވާލައިގެން ދިން ޙަމަލާގައި މިހާތަނަށް 12 މީހުން މަރުވެފައިވާކަމަށް އެ ޤައުމުގެ ފުލުހުން ބުނެފިއެވެ.

ޖާނުންފިދާވެގެން ދިން މި ޙަމަލާގައި، އިތުރު 27 މީހުން ޒަޚަމްވެފައިވާކަމަށް ފުލުހުން ބުންޏެވެ.

މި ޙަމަލާދީފައިވަނީ، ޕާކިސްތާންގެ އިރުހުޅަނގުގެ ސަރަޙައްދުގައި ހުންނަ އަސްކަރީ ސްކޫލަކަށް ހަތިޔާރާއެކު ބަޔަކު ވަދެ، ބޮމެއް ގޮއްވާލިތާ މަޑު ގަޑިއިރުތަކެއް ފަހުންނެވެ.

މި ޙަމަލާތަކުގެ ފަހަތުގައި ތިބި ބަޔަކާ ގުޅޭ މަޢުލޫމާތެއް ރަސްމީ އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ދަށު ކޯޓުތަކެއް ހިންގާ މި އިމާރާތުގެ ކައިރީގައި ބޮން ގޮއްވާލާފައިވަނީ، މިއަދު މެންދުރުގެ ކާގަޑިއަށް ގިނަ ބަޔަކު އެ ސަރަޙައްދުގައި އުޅުނު ވަގުތާ ދިމާކޮށެވެ.

ޕާކިސްތާންގެ ދާޚިލީ ވަޒީރު މުޙްސިން ނަޣްވީ ވިދާޅުވީ، ބޮމުގެ ޙަމަލާދިން މީހާ މަސައްކަތް ކުރީ ކޯޓުތައް ހިންގާ އިމާރާތުގެ ތެރެއަށް ވަނުމަށް ކަމަށެވެ. ނަމަވެސް، 15 ވަރަކަށް މިނެޓުގެ މަސައްކަތް ނާކާމިޔާބުވުމުން، ބޮން ގޮއްވައިލީ އެތަނުގެ ބޭރުގައި ހުރި ފުލުހުންގެ ވެހިކަލްތަކެއްގެ ކައިރީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިޘާ ވަރަށް ފުޅާކޮށް ތަޙުޤީޤު ކުރެވެމުންދާ ކަމަށާއި، މިކަމުގެ ފަހަތުގައި ތިބި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

މި ޙަމަލާގައި ޒަޚަމްވި ގިނަ މީހުންގެ ޙާލު ދެރަކަމަށް، އެ މީހުންނަށް ފަރުވާ ދެމުންދާ ހަސްފަތާލުގެ އޮފިޝަލަކު ވިދާޅުވިއެވެ.

އަފްޣާނިސްތާނާ ގުޅޭ ބޯޑަރު ކައިރީގައި ހުންނަ އަސްކަރީ ސްކޫލަށް ހަތިޔާރާއެކު ވަތް މީހުންގެ ތެރެއިން ތިން މީހުން އަދިވެސް އެތަނުގެ ތެރޭގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ސްކޫލްގެ ދަރިވަރުންނާއެކު 500 އެއްހާ މީހުން އެ ސްކޫލްގައި އުޅޭ ކަމަށް ފުލުހުން ލަފާކުރެއެވެ.