ކުޅިވަރު

ޓޭބަލް ޓެނިސް އަންހެން ސިންގަލްސްގައި ރަފާގެ މައްޗަށް ގަޔާނާގެ އެރީތާ ކުރި ހޯދައިފި


ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި މިހާރު ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެން ސިންގަލްސްގައި ރާއްޖޭގެ ޢާއިޝަތު ރަފާ ނާޡިމުގެ މައްޗަށް 4 ސެޓު 3 ސެޓުން ގަޔާނާގެ އެރީތާ ކުރި ހޯދައިފިއެވެ.

ބެސްޓް އޮފް ސެވަންއަށް ކުޅުނު މިމެޗުގެ ފުރަތަމަ ސެޓު ވަރަށް ވާދަވެރިކޮށް ދިޔަނަމަވެސް އެރީތާވަނީ އެންމެ ދެ ޕޮއިންޓުގެ ފަރަގަކުން 13-11 އިން ސެޓު ކާމިޔާބުކޮށްފައެވެ. މެޗުގެ ދެވަނަ ސެޓުގައި އެންމެ ފަހުގެ ޤައުމީ ޗެންޕިއަން ރަފާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އިދިކޮޅު ކުޅުންތެރިޔާގެ ފަރާތުން މިސެޓުގަ މާ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. މިސެޓު ފަސޭހަކަމާއެކު ރަފާ ގެންގޮސްފަވަނީ 11-6 ގެ ބޮޑު ތަފާތަކުންނެވެ.


ދެވަނަ ސެޓެކޭ އެއްގޮތަށް މެޗުގެ ތިންވަނަ ސެޓުގަވެސް ރަފާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ޕްރެޝަރުގައި ކުޅެމުންދިޔަ ގަޔާނާގެ އެރީތާވަނީ މެޗުގެ ތެރެއަށް ވަނުމަށް ވަރަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. ނަމަވެސް ރަފާވަނީ އެފުރުސަތު އެރީތާއަށް ހަނިކޮށް 11-6 ގެ ބޮޑު ފަރަގަކުން މި ސެޓުވެސް ނަގާފައެވެ.

ހަތަރުވަނަ ސެޓަށް ނުކުތުމާއެކު އެރީތާގެ ކުޅުން ވަރަށް ބޮޑުތަން ރަނގަޅުކުރިތަން ފެނުނެވެ. އަދި މެޗު ފެށުމާއެކު އޭނާވަނީ 5 ޕޮއިންޓުގެ ލީޑެއް ނަގާ ފަސޭހަކަމާއެކު 11-3 ގެ ތަފާތަކުން މި ސެޓު ކާމިޔާބުކޮށްފައެވެ. މެޗުގެ ހަތަރު ވަނަ ސެޓު ވާދަވެރިކޮށް ދިޔައިރު މިސެޓު ކާމިޔާބުކުރީ ރަފާއެވެ. އޭނާ ސެޓު ނަގާފަވަނީ 12-10އިންނެވެ.

މެޗުގެ ހަވަނަ ސެޓުގައި ރަފާގެ ފެށުން ގޯސްވުމުން އެކަމުގެ ފައިދާ ނަގައި، އެރީތާ ވަނީ ތިން ޕޮއިންޓުގެ ލީޑެއް މެޗުގެ ވަރަށް ކުރީކޮޅުގައި ނަގައިފައެވެ. ނަމަވެސް ރަފާ ވަނީ ކުޅުން ރަނގަޅުކޮށް ޕޮއިންޓަކަށް ލީޑުގެ ފަރަގު ކުޑަކޮށް 6-5 އަށް ސްކޯ ބަދަލުކޮށްފައެވެ. އެހެންނަމަވެސް ވާދަވެރި ކުޅުމަކަށްފަހު މިސެޓު އެރީތާވަނީ 11-9 އިން ކާމިޔާބުކޮށްފައެވެ.

މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ހަތްވަނަ ސެޓުގެ ކުރީކޮޅުގައި ލީޑްގައި އޮވެގެން ކުޅުނީ އެރީތާއެވެ. ނަމަވެސް އެރީތާއަށް ލީޑް ފުޅާކުރުމަށް ފުރުސަތެއް ނުދީ ރަފާ ވަނީ 6-6 ޕޮއިންޓު އެއްވަރުކޮށްފައެވެ. މޮޅު ކުޅުމަކަށްފަހު ރާފާވަނީ 2 ޕޮއިންޓުގެ ލީޑްއެއް ނަގާ 9-7 ސްކޯ އަނބުރާލާފައެވެ. އެހެން ނަމަވެސް އެރީތާވެސް އެންމެ ތަންކޮޅެއްވެސް ދޫނުކޮށް ކުޅުމުގެ ނަތީޖާއަކަށްވީ 11-9 އިން އޭނާ ސެޓު ކާމިޔާބުކުރުމެވެ.