ކުޅިވަރު

އުންމީދަކީ ރާއްޖޭގެ 17 އަހަރުންދަށުގެ ކުޅުންތެރިން މުސްތަޤުބަލުގެ ޤައުމީ ޓީމުން ވިދާލުން: ޠާރިޤު


އުންމީދަކީ މިމަހުގެ 22 ވަނަ ދުވަހު ތައިލޭންޑްގެ ޗޮންބުރީގަ ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕު ކޮލިފައިންގެ ގްރޫޕް ޑީގަ ވާދަކުރުމަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ 17 އަހަރުންދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަކީ މުސްތަގުބަލުގެ ގައުމީ ޓީމަށް ވިދާލާނެ ތަރިންތަކަކަށްވުންކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.

ގަލޮޅު ދަނޑުގައި މިރޭ ރާއްޖޭގެ ޒުވާން ޓީމުން ފަލަސްޠީނާ ވާދަކުރުމަށް ކުޑަތަންވަމުން އަންނައިރު ޠާރިޤު ވިދާޅުވީ މި ދެޓީމުގެ ދެމެދުގައި ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ ދެ މެޗަކީ ދެ ޓީމަށްވެސް ވަރަށް މުހިންމު މެޗުތަކަކަށްވާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. ދެ ޓީމުންވެސް އޭޝިއަން ކަޕު ކޮލިފައިންގައި ވާދަކުރުމަށް ފަރިތަކުރަމުން އަންނައިރު މި ދެ މެޗުގެ ސަބަބުން ވާދަވެރިކަން އުފެދި މެޗު ތަޖުރިބާތަކެއް ލިބިގެންދާނެކަމަށް ޠާރިޤްވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑު އުންމީދުކުރަނީ ފަލަސްޠީނުގެ 17 އަހަރުންދަށުގެ ޓީމާ ރާއްޖޭގެ 17 އަހަރުންދަށުގެ ޓީމު ބައްދަލުކުރާ 13 ވަނަ ދުވަހާ އަދި 15 ވަނަ ދުވަހުގެ ރޭގަ ގަލޮޅު ދަނޑުގަ އޮންނަ ދެ މެޗަކީ އެ ދެ ޓީމަށްވެސް މުބާރާތުގެ ކުރިން ލިބޭނެ ވަރަށް މުހިންމު ކޮމްޕެޓެޓިވް ދެ މެޗުކަމަށް" ޠާރިޤް ވިދާޅުވިއެވެ.

ޠާރިޤް ވިދާޅުވީ މިއުމުރުފުރައިގެ ބައިނަލްއަޤްވާމީ މެޗުތަކެއް މީގެ ކުރިން ރާއްޖޭގެ ކުޅެފަނުވާއިރު މި ދެ މެޗަކީ ރާއްޖޭގެ ޒުވާން ޓީމަށް ވަރަށް ގިނަ ފައިދާތަކެއް ކުރާނެ މެޗުތަކަކަށްވާނެކަމަށް ދެކިލައްވާކަމަށެވެ. އަދި މިއީ އުންމީދީ ޓީމެއްކަމަށް ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މިޓީމުގެ ކުޅުންތެރިންނަކީ މުސްތަގުބަލުގެ ގައުމީ ޓީމުން ވިދާލާނެ ތަރިންތަކަކަށްވުމަކީ އޭނާ ކުރައްވާ އުންމީދެއްކަމަށެވެ.

"އަޅުގަނޑު އުންމީދުކުރަނީ މި ޒުވާން ޓީމަކީ މުސްތަގުބަލުގައި ދިވެހިރާއްޖޭގެ ގައުމީ ޓީމު ތަމްސީލުކުރާނެ ކުޅުންތެރިން ތަކަކަށްވުން" ޠާރިޤް ވިދާޅުވިއެވެ.

ރާއްޖެ ފަލަސްޠީނު މެޗާ ގުޅޭގޮތުން އިތުރަށް މައުލޫމާތުދެއްވަމުން ޠާރިޤު ވިދާޅުވީ މި ދެ މެޗަކީ ސަރުކާރުގެ ފަރާތުން ދެއްވި ބޮޑު އެއްބާރުލުމެއްގެ ނަތީޖާކަމަށެވެ. އޭޝިއަން ކަޕު ކޮލިފައިންގެ ގްރޫޕް މެޗުތަކަށް ތައްޔާރުވުމަށްޓަކައި އެޓީމުން ރާއްޖޭގައި ކޭމްޕުކުރުމުގެ ހުއްދައަށް އެދުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒުގެ ދީލަތިފުޅުކަމާއެކު އެ ހުއްދަ ދެއްވާފަވާއިރު މިދަތުރުގެ ހުރިހާ ޚަރަދެއް ހަމަޖައްސާފަވަނީ ސަރުކާރުގެ ފަރާތުންކަމަށް ޠާރިޤް ފާހަގަކުރެއްވިއެވެ.

ރާއްޖެ އަދި ފަލަސްޠީނު ޓީމުގެ މެދުގައި ކުޅޭވޭ އެކުވެރިކަމުގެ ދެ މެޗު ތާވަލުކޮށްފަވަނީ މިރެއާއި ހޮނިހިރު ދުވަހުގެ ރޭ ކުޅޭގޮތަށެވެ.

17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ރާއްޖެއިން އެންމެ ފުރަތަމަ ވާދަކުރާނީ މިމަހުގެ 22 ވަނަ ދުވަހު މޮންގޯލިއާ އާއި ދެކޮޅަށެވެ. އެއަށްފަހު އޭގެ ހަތަރު ދުވަސް ފަހުން ކޮލިފައިން ކުރިއަށްދާ ގައުމުކަމަށްވާ ތައިލޭންޑާ ދެކޮޅަށް ކުޅޭނެއެވެ. އަދި ކުވައިތާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފަވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.