ޚަބަރު

އަންނަ މަހާ ހަމައަށް ވާރޭނުވެހިއްޖެނަމަ، ފެނަށް ޖެހި، ތެހްރާނުން މީހުން ބާލަން ޖެހިދާނެކަމުގެ ބިރު ބޮޑުވެއްޖެ


ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި އީރާންގެ ވެރިރަށް ތެހްރާނަށް ވާރޭނުވެހިއްޖެނަމަ، އެ ސަހަރު ފެނަށްޖެހި، ދިރިނޫޅެވޭ ވަރަށް ޙާލަތު ގޯސްވާނެކަމުގެ އިންޒާރު ކަމާބެހޭ އިދާރާތަކުން ދީފިއެވެ.

ގާތްގަނޑަކަށް 10 މިލިއަން މީހުންގެ އާބާދީއެއް ތެހްރާންގައި ދިރިއުޅޭއިރު، އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވިދާޅުވި ގޮތުގައި، އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި، ވާރޭނުވެހިއްޖެނަމަ، ތަހްރާންގައި ފެން ދޫކުރާ މިންވަރު ސަރުކާރުން ކޮންޓްރޯލްކުރަން މަޖުބޫރުވާނެއެވެ.

އަދި ޑިސެމްބަރު މަހާ ހަމައަށް ވާރޭނުވެހިއްޖެނަމަ، މުޅި ސަހަރު ފެނަށްޖެހި، އެތަނުން މީހުން ހުސްކުރަން ޖެހޭނެކަމުގެ އިންޒާރު ވެސް ޕީޒިޝްކިޔާން ވަނީ ދެއްވައިފައެވެ.

އާދަޔާ ޚިލާފަށް ގިނައިން ވަސީލަތްތައް ބޭނުން ކުރުމާއި، ލިބެން ހުރި ވަސީލަތްތައް ބެލެހެއްޓުމުގެ ނިޒާމު ދޯދިޔާވުމަކީ އީރާނަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އީރާންގެ ކަމާ ގުޅޭ އިދާރާތަކުން ބުނީ، އާދަޔާ ޚިލާފަށް ގިނައިން ފެން ބޭނުން ކުރުމަކީ ފެނުގެ ވަސީލަތްތައް ބެލެހެއްޓުމުގައި އެ ޤައުމަށް ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު ސަބަބުގެ ގޮތުގައި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. 2021ވަނަ އަހަރު އީރާންގެ ހުޅަނގުދެކުނު ސަރަޙައްދުތަކުން ސާފު ބޯފެން ހުސްވެ، ފެން ލިބުން ދަތިވުމާ ގުޅިގެން ސަރުކާރާ ދެކޮޅަށް މުޒާހަރާތަކެއް ކޮށްފައިވެއެވެ.

އީރާންގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅިގެން ބައިނަލްއަޤުވާމީ ގޮތުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އިޤްތިޞާދު ހީނަރުވުމުގެ ސަބަބުން އީރާންގެ ރައްޔިތުންނަށް މިހާރުވެސް ވަނީ ބޮޑެތި ތަކުލީފުތައް އުފުލަންޖެހިފައެވެ.

އީރާންގެ ތިމާވެށި ޙިމާޔަތް ކުރުމާ ބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި، ފާއިތުވި ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި އީރާނަށް ވާރޭވެހޭ މިންވަރު ދަށްވެ، ހަނަފަސްކަން ކުރިމަތިވެފައިވާ ކަމުގައެވެ. އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ފާއިތުވި ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އެ ޤައުމަށް ވާރޭވެހޭ މިންވަރު %40އަށް ދަށްވެފައިވާ ކަމުގައެވެ.

ތެހްރާންގައި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދޭ މައި ކުންފުނިން ބުނީ، ތަހްރާންގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން %70 މީހުން ދުވާލެއްގެ މައްޗަށް 130 ލީޓަރުގެ ފެން ބޭނުން ކުރާ ކަމުގައެވެ.

އީރާންގެ އިދާރާތަކުން ބުނީ، ފެނާއި ގޭސް ފަދަ ވަސީލަތްތައް ބެލެހެއްޓުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައެވެ. އަދި، އެ ފަދަ ވަސީލަތްތައް ބެލެހެއްޓުމުގެ ނިޒާމު މުރާޖާކޮށް، އިސްލާޙު ކުރަން ޖެހިފައިވާ ކަމުގައެވެ. އީރާންގައި ލިބެން ހުރި ފެނުގެ %80 ބޭނުން ކުރަނީ އެ ޤައުމުގެ ދަނޑުވެރި ކަމުގެ ސިނާއަތުންނެވެ.