ޚަބަރު

ހަފްތާ 104: 42 ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމައިފި


  • 51 ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް މިވަގުތުވެސް ދަނީ ކުރަމުން

  • 39 ރަށުގެ ނަރުދަމާގެ މަސައްކަތްވެސް ވަނީ ނިމިފައި

މި ދައުރުގެ ތެރޭގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ 42 މަޝްރޫޢުއެއްގެ މަސައްކަތް ނިމިފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ދަނީ ފާއިތުވެދިޔަ ދެ އަހަރު އެ ވުޒާރާއިން ކުރިއަށްގެންގޮސްފަވާ މަސައްކަތްތަކުގެ ކާމިޔާބީ ޙިއްސާކުރައްވަމުންނެވެ. އެ ވުޒާރާއިން ހާމަކުރި މަޢުލޫމާތަށް ބަލާއިރު، ފެނުގެ ނިޒާމު ޤާއިމުކުރުމާ ގުޅޭ 93 މަޝްރޫޢުއަކާ ގުޅޭ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިހާތަނަށް ކުރިއަށްގެންދިޔަ މަސައްކަތްތަކުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ 42 މަޝްރޫޢުއެއްގެ މަސައްކަތް މުޅިން ނިންމާފަވާކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢުތަކުގެ ތެރޭގައި އަލަށް ފެށި މަސައްކަތްތަކާއި ކުރިން ފަށާ ނުނިމި ހުރި މަސައްކަތްތައް ނިންމުމުގެ މަސައްކަތް ހިމެނޭކަމަށެވެ. ހުއްޓިފަވާ މަސައްކަތްތައް އަވަސްކުރުމަށް، އާ ކޮންޓްރެކްޓަރުންނާ ހަވާލުކޮށް ގިނަ މަސައްކަތްތަކެއް ކާމިޔާބުކަމާއެކު ނިންމާ މިހާރު ވަނީ ޚިދުމަތް ދޭން ފަށާފައެވެ.


މީގެއިތުރުން 51 ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް މިވަގުތު ޢަމަލީގޮތުން އަންނަނި ކުރިއަށްގެންދަމުންނެވެ. މި މަސައްކަތަކުގެ ތެރޭގައިވެސް ކުރިން މަސައްކަތް ހަވާލުކޮށް، ނަމަވެސް ހުއްޓިފައިވާ މަސައްކަތްތަކުގެ ކޮންޓްރެކްޓް ބާތިލުކޮށް، މަސައްކަތްތައް އަލުން ކޮންޓްރެކްޓަރުންނާ ހަވާލުކޮށް ފަށާފަވާ މަސައްކަތްތައް ހިމެނެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 133 ރަށުގައި ނަރުދަމާ ނިޒާމު ޤާއިމުކޮށް އަންނަނީ ޚިދުމަތް ދެމުންނެވެ. ނަމަވެސް މީގެތެރެއިންވެސް އާބާދީ އިތުރުވަމުން އަންނަ ރަށްތަކުގައި އަލަށް މީހުން އާބާދުވާ ސަރަޙައްދުތަކަށް ޚިދުމަތް ފޯރުކޮށްދިނުމާއި ނެޓްވަރކް އަޕްގްރޭޑްކުރުން ފަދަ މަސައްކަތްތައް ކުރިއަށްގެންދެއެވެ.

ރައްކާތެރި ފެނާއި ނަރުދަމާގެ ނިޒާމެއް، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޮތުން ޤާނޫނުން ލާޒިމުކުރެއެވެ. އެގޮތުން 2027ގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމަށް ލާޒިމުކޮށް މުއްދަތު އިތުރުކޮށް އަލުން ޢަމަލުކުރަން ފެށީ މިއަހަރުއެވެ،