މި ހަފުތާގައި ބްރެޒިލް އާއި އިޓަލީގެ ކުޅުނު މެޗުތަކުން އިނގިރޭސި ޕްރެމިއާ ލީގުގެ ތާވަލުގެ އެއްވަނާގައި އޮތް އާސެނަލް ނުތަނަވަސްވެއްޖެއެވެ.
ޕްރެމިއާ ލީގުގެ ތައްޓަށް ވާދަކުރަމުންދާ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ކަންބޮޑުވާ ގޮތްވީ ޓީމުގެ މުހިންމު ދެ ޑިފެންޑަރުންނަށް މި މެޗުތަކުން އަނިޔާވުމުންނެވެ.
ބްރެޒިލްގެ ޑިފެންޑަރު ގަބްރިއަލް މަގަލާސް އަށް އަނިޔާވީ ސެނަގާލް އަތުން ބްރެޒިލް 2-0އިން މޮޅުވި މެޗުގަ އެވެ. މެޗުގެ ބޮޑުބައި ނިމުނުފަހުން ބަދަލު ކުރި ކުޅުންތެރިންގެ އުކުޅުވަޅު ހަލާކުވެފައިވާ ކަމަށް ބްރެޒިލް ޓީމުން ވަނީ ބުނެފަ އެވެ. މި ސީޒަނުގައި އާސެނަލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔާ ބަދަލުކުރީ ބްރެޒިލްގެ ޓީމުގެ މެޑިކަލް ޓީމުން ވަރަށް ބޮޑަށް މަޝްވަރާ ކުރުމަށްފަހު އޭނާ އަށް ކުޅެވޭގޮތް ނުވެގެންނެވެ.
މެޗަށް ފަހު ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޯޓީ ބުނީ އަނިޔާގެ ތަފްސީލެއް އޭނާ އަށް އަދި ނުލިބޭ ކަމަށާއި އިތުރު ޓެސްޓްތައް ހަދަން ޖެހޭ ކަމަށެވެ. އަނެއް ބައި ރިޕޯޓްތައް ބުނާ ގޮތުން މަގަލާސް ދުވަސްކޮޅަކު ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ އެވެ.
އިޓަލީގެ މެޗުގެ ކުރިން ޑިފެންޑަރު ރިކާޑޯ ކަލިފިއޯރީ ވަނީ ޓީމުން ވަކިވެ އާސެނަލް އަށް އެނބުރި ގޮސްފަ އެވެ. އެއީ އޭނާގެ ފަޔަށް ހާނިއްކަވުމުން އެކަން ބޮޑުނުވަނީސް ފަރުވާ ފެށުމަށެވެ.
އާސެނަލްގެ ކޮޗު މިކޭލް އާޓެޓާ ކަންބޮޑުވެފައިވަނީ ކުރިއަށް އޮތް ހަފުގާއި އިނގިރޭސި ޕްރެމިއާ ލީގާއި ޗެމްޕިއަންސް ލީގުގައި މުހިންމު މެޗުތަކެއް އުޅެން އޮތުމުންނެވެ. ނަމަވެސް މި ދެ ކުޅުންތެރިންނާމެދު އޭނާ އަދި ވަކި އެއްޗެއް ނުބުނެ އެވެ.