ޚަބަރު

މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މާލަމުގައި ބޭނުންކުރެއްވި 2 ގޮނޑި ރާއްޖެއާ ޙަވާލުކޮށްފި


  • މި ދެ ގޮނޑިއާ ޙަވާލުވެވަޑައިގަތީ ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް

  • ވަޒީރު ވަނީ އިނގިރޭސިވިލާތަށް ޝުކުރު އަދާކުރައްވާފައި

ދިވެހިރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި 26 ޖުލައި 1965 ގައި ސޮއިކުރެވުނުއިރު ބޭނުންކުރެއްވި ދެ ގޮނޑި ދިވެހި ސަރުކާރާ ޙަވާލުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ފަރާތުން އެ ގޮނޑިތައް ރަސްމީކޮށް ޙަވާލުކޮށްދެއްވީ އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން އެ ގޮނޑިތަކާ ޙަވާލުވެވަޑައިގަތީ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލެވެ. މި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރުގެ އަރިހުގައި ދިވެހި ބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު، އާދަމް ނަޞީރު އިބްރާހީމް ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ އެ ގޮނޑިތަކުގެ ރަމްޒީ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ވަޒީރުގެ ވާހަކަފުޅުގައި އެ ގޮނޑިތަކުން ރަމްޒުކޮށްދެނީ ދިވެހިރާއްޖެ މިނިވަން ސިޔާދަތީ ދައުލަތެއްގެ ގޮތުގައި އެޅި ފުރަތަމަ ފިޔަވަޅުގެ ވަގުތުކޮޅުކަމުގައި ފާހަގަކުރައްވާފައެވެ. އަދި މިފަދަ މާނަ ފުން ހަދިޔާއަކުން ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގާތްގުޅުން ދައްކުވައިދޭކަމުގައި ވިދާޅުވެ އިނގިރޭސިވިލާތުގެ ސަރުކާރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

"މިއަދު މި ޙަވާލުކުރެވުނު ގޮނޑިކޮޅަކީ، މީގެ އެތަކެއް އަހަރުތަކެއް ކުރީން އިނގިރޭސީންގެ ހިމާޔަތުން ވީއްލި، ރާއްޖެ މިނިވަންވި ދުވަހުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މާލަމުގައި ހުރި 2 ގޮނޑިކޮޅު. މިފަދަ ޒަމާންވީ ތަރިކަތައް ހިމާޔަތްކޮށް، ރައްކާތެރިކޮށް އަންނަން ހުރި ޖީލުތަކަށް ފޯރުކޮށްދޭނެ އެބަޖެހޭ. މިއަދު އަޅުގަނޑުމެންނާ މި ގޮނޑިކޮޅުތައް ޙަވާލުކޮށްދެވިކަމަށްޓަަކައި ބްރިޓިޝް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް އަށޤ ޝުކުރު ދަންނަވަން." ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ސަފީރު ނިކޮލަސް ލޯ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންދެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވައި، ތަފާތު އެކި ދާއިރާތަކުން ކުރިއަށްދާ އެއްބާރުލުމާގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

މި ރަސްމިއްޔާތުގައި ޚާރިޖީ ވުޒާރާގެ އިސްވެރިންނާއި، ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަންގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިންގެ ތަރިކަ ހިމާޔަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ ކަމެކެވެ. އެގޮތުން، ތަރިކަ ހިމާޔަތްކޮށް ބެލެހެއްޓުމުގެ އިތުރުން އެއަށް ޙައްޤު ޢިއްޒަތްދީ، ތަރިކަ ބެލެހެއްޓުމުގެ މަސައްކަތަށް ފަންޑުކުރެވޭނެ ގޮތްތަކެއް މަގުފަހިކުރުމުގެ ޕްލޭންތަކެއް ސަރުކާރުން މިހާރު ދަނީ އެކުލަވާލަމުންނެވެ.