ޚަބަރު

ޗައިނާއިން އެންމެ ގިނައިން ލޯނު ދީފައި ވަނީ އެމެރިކާއަށް


ޗައިނާގެ އެކި ލޯނު ޕްރޮގްރާމްތަކުގެ މަންފާ އެންމެ ބޮޑަށް ކުރާ ޤައުމަކީ އެމެރިކާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެއިޑްޑޭޓާ އިން އެ ކުރި އެ ދިރާސާއިން ދައްކާ ގޮތުގައި، ތަރައްގީވަމުން އަންނަ ފަގީރު ޤައުމުތަކުގެ ބަދަލުގައި ކުރިއަރާފައިވާ މުއްސަނދި ޤައުމުތަކަށް ޗައިނާއިން ދޭ ލޯނު އެހީގެ މިންވަރު ފާއިތުވި އަހަރުތަކުގައި އިތުރުވެފައިވާ ކަމަށެވެ.

މިގޮތުން، 2000 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު، ތަފާތު 200 ޤައުމަކަށް ޗައިނާއިން ދީފައިވާ ލޯނުގެ އަދަދު 2.2 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް އެ ދިރާސާގައި ބުންޏެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް ސިޔާސަތުގެ ދަށުން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ލޯނު ދެމުން އައިނަމަވެސް، މިހާރު އެކި ދާއިރާތަކުން ލޯނު ދޫކުރަމުންދަނީ ތަރައްޤީވެފައިވާ ޤައުމުތަކަށް ކަމަށް ބުނެފައިވެއެވެ.

ޗައިނާއިން ފަހަކަށް އައިސް ވަނީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، މުދާ ސަޕްލައިކުރާ ޒަމާނީ ވިއުގަތަކާއި ސާފު ހަކަތަ ފަދަ ގިނަ ދާއިރާތަކަށް ލޯނު ދޫކޮށްފައެވެ.

އެ ދިރާސާގައި ބުނެފައިވާ ގޮތުގައި، ޗައިނާއަކީ މިހާރު އެންމެ ގިނައިން ލޯނު ދޫކުރާ ޤައުމެވެ. އަދި ކުރިން އަންދާޒާ ކުރެވިފައިވާ ވަރަށް ވުރެ އެތައް ގުނައެއް އިތުރަށް ޗައިނާއިން އެކި ޤައުމުތަކަށް ލޯނު ދޫކޮށްފައިވާކަމަށް ބުނެފައިވެއެވެ.

މިގޮތުން، ރަސްމީ އެކި ދާއިރާތަކުން އެންމެ ގިނަ އަދަދަކަށް ލޯނު ލިބިފައިވަނީ އެމެރިކާއަށެވެ. މިގޮތުން، 2،500 އަށް ވުރެ ގިނަ މަޝްރޫޢުއަށް، އެމެރިކާގެ އެކި ކުންފުނިތަކަށް ޗައިނާއިން ދޫކޮށްފައިވާ ލޯނުގެ އަދަދު 200 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް އެ ދިރާސާގައި ބުންޏެވެ.

އޭގެ ތެރޭގައި، ވައިގެ ބަނދަރުތަކުގެ ޓާމިނަލް އެޅުމާއި، އިމާރާތްކުރުމާއި ގޭސް އަދި ޓެކްނޮލޮޖީގެ ދާއިރާއަށް ބޮޑެތި އަދަދުތަކުން އެމެރިކާގެ ކުންފުނިތަކަށް ޗައިނާއިން ވަނީ ލޯނު ދޫކޮށްފައެވެ.

އެ ދިރާސާގައި ބުނެފައިވާ ގޮތުގައި، 2000 ވަނަ އަހަރު، ޗައިނާއިން ދޫކުރި ޖުމްލަ ލޯނުގެ އަދަދުގެ 88 އިންސައްތަ ޙިއްސާކުރަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކެވެ. ނަމަވެސް، 2023 ވަނަ އަހަރާ ހަމައަށް އެ އިންސައްތަ 12އަށް ވަނީ ވެއްޓިފައެވެ.

ނަމަވެސް، އެ މުއްދަތުގައި ތަރައްޤީވެފައިވާ މުއްސަނދި ޤައުމުތަކަށް ޗައިނާއިން ލޯނު ދޫކުރި އިންސައްތަ ވަނީ 24 އިންސައްތައިން 76 އިންސައްތައަށް އުފުލިފައެވެ.

އެމެރިކާއަށްފަހު، ޗައިނާއިން އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ ވިލާތުގެ ޤައުމުތަކުގެ އިއްތިޙާދު އީޔޫގެ އިތުރުން އިނގިރޭސިވިލާތަށެވެ.

މިގޮތުން، އީޔޫއަށް 161 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ދީފައިވާއިރު، އިނގިރޭސިވިލާތަށް ވަނީ 60 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ޗައިނާއިން ދޫކޮށްފައެވެ.