ޚަބަރު

މަސައްކަތްތެރިންގެ ހައްޤުތައް ރައްކާތެރިކުރުމަށް "ޑީސެންޓް ވާރކް ކަންޓްރީ ޕްރޮގްރާމް" ތަންފީޛުކުރަން އެއްބަސްވުމެއް


  • މިއީ މުސްތަޤްބަލުގައި ދިމާވެދާނެ ނުރައްކާތަކަށް މީހުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް

ދިވެހިރާއްޖޭގައި މަސައްކަތްތެރިންގެ ހައްޤުތައް ރައްކާތެރިކޮށް، ޝަރަފުވެރި މަސައްކަތުގެ މާހައުލެއް ޤާއިމުކުރުމަށްޓަކައި، "ޑީސެންޓް ވާރކް ކަންޓްރީ ޕްރޮގްރާމް" 2025-2031 ތަންފީޛުކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޑީސެންޓް ވާރކް ކަންޓްރީ ޕްރޮގްރާމަކީ ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް ކުރިއެރުންތަކެއް ގެނެސްދީ، ބައިނަލްއަޤްވާމީ ފެންވަރުގެ މަސައްކަތުގެ މިންގަނޑުތަކަށް ރާއްޖެ ތަބާވުމަށް މަގުފަހިވެ، މަސައްކަތްތެރިންނަށް ރައްކާތެރިކަމާއި އިންސާފުވެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ޑީސެންޓް ވާރކް ކަންޓްރީ ޕްރޮގްރާމް ތަންފީޛުކުރުމާގުޅޭ އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު އަހުމަދު ވިދާޅުވީ، މި ޕްރޮގްރާމަކީ މުސްތަޤްބަލުގައި ދިމާވެދާނެ ނުރައްކާތަކަށް ޤައުމު ތައްޔާރުކުރުމުގެ ގޮތުން، މަސައްކަތްތެރިން ތަމްރީނު ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ.

"މިއީ ކޮންމެ މަސައްކަތްތެރިއެއްގެ ޙައްޤުތަކާއި ކަރާމާތަށް ރައްކާތެރިކޮށްދީ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރައި ދިޔުމަށް ވަޒީފާދޭ ފަރާތްތައް ބާރުވެރިކުރުވައި، މުސްތަޤްބަލުގައި އަންނަން ޖެހިދާނެ ބަދަލުތަކަށް ޤައުމު ތައްޔާރުކޮށްދޭނެ މަސައްކަތްތެރި ބާޒާރެއް ބިނާކުރުމަށް ކުރާ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ"ވަޒީރު ވިދާޅުވިއެވެ.

ޑީސެންޓް ވާރކް ކަންޓްރީ ޕްރޮގްރާމް ތަންފީޛުކުރުމާގުޅޭ އެމްއޯޔޫގައި ސޮއިކުރީ، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާބެހޭ ވުޒާރާއާއި، މަސައްކަތްތެރިން ތަމްސީލުކުރާ ޖަމްޢިއްޔާތަކާއި ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ ޖަމްޢިއްޔާތައް އަދި ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ޖަމްޢިއްޔާ އައިއެލްއޯ އާ އެކުގައެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި އަބުރުވެރި މަސައްކަތުގެ ޕްރޮގްރާމްތައް ކުރިއެރުވުމާއި، މަސައްކަތްތެރިންގެ ހައްޤުތަކަށް އިސްކަންދީ، އިންސާފުވެރި އަދި ތަފާތުކުރުމެއް ނެތް މަސައްކަތުގެ މާހައުލެއް ބިނާކުރެވިގެންދާނެކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ޕްރޮގްރާމުގެ ދަށުން ބައިނަލްއަޤްވާމީ ލޭބަރ ސްޓޭންޑަރޑްތައް ތަސްދީގުކުރުން އިތުރުކުރުމަށާއި، އިޖްތިމާޢީ މަޝްވަރާގެ ނިޒާމުތަކާއި، އިޖުރާއަތްތަކާއި، ޤާބިލިއްޔަތުތައް ހަރުދަނާކުރުމަށް އިސްކަންދޭނެކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ޕްރޮގްރާމް ތަންފީޛުކުރުމާގުޅޭ އެއްބަސްވުމަކީ ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއްކަމަށް މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.