ޚަބަރު

"ބޯހިޔާވަހިކަން އެންމެންނަށް": އަމާޒަކީ ކޮންމެ ރައްޔިތަކަށް އަމިއްލަ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުން


  • މިސްކީމްގެ ދަށުން 15000 ގޯތި، 7500 ފްލެޓަށް ވަނީ ހުޅުވާލާފައި

  • އަތޮޅުތަކުގައިވެސް ޕްރޮޖެކްޓްތައް ހިންގަން ވަނީ ހަވާލުކޮށްފައި

ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަކީ، އިޖުތިމާޢީ ދާއިރާއިން ސަރުކާރުގެ އެންމެ ބޮޑު ވަޢުދެވެ. އަދި މިއީ ތަރައްޤީގެގޮތުން ރައްޔިތުންގެ އުއްމީދާއި އެންމެ ބޮޑަށް ގުޅިފައިވާ މަސައްކަތެވެ.

ސަރުކާރުން މިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިޢުލާނުކުރައްވާފައެވެ. "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ފުރަތަމަ ސްކީމްގައި ހުޅުވާލާފައިވަނީ މާލެ ސަރަޙައްދުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށެވެ. މި ސްކީމްގައި ހިމަނައިގެން 15000 ގޯއްޗާއި 7500 ފްލެޓް ދޫކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.

"3 ކޮޓަރީގެ ކުލި 10000 ރުފިޔާއަށްވުރެ ބޮޑެއް ނުވާނެ. ސަރުކާރުގެ ސިޔާސަތަކީ އާއިލީ ބޯހިޔާވަހިކަން ކޮންމެ އާއިލާއަކަށްވެސް ފޯރުވައިދިނުން." ސަރުކާރުގެ ދެ އަހަރުގެ މަސައްކަތްތަކުގެ ތަފްސީލް ޙިއްސާކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ކުރިއަށް އޮތް 5 މަސް ދުވަހުގެތެރޭގައި ރަސްމާލެއިން ހިއްކާ ބިމުގައި މި ޢަދަދަށް ބޯހިޔާވަހިކަމަށް ބިން ދޫކުރެވޭވަރަށް ބިން ހިއްކާ ނިމޭނެކަމަށް ވިދާޅުވެފައެވެ. މާލެ ސަރަޙައްދުގެ ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރުމަށް އިތުރު ޑްރެޖަރުތައް ރާއްޖެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރަސްމާލެއިން އެކަނިވެސް 1100 ހެކްޓަރުގެ ބިން ހިއްކައެވެ.

ސަރުކާރުން ވަނީ ބޯހިޔާވަހިކަމަށް މާލީ އެހީތެރިކަން ދިނުމަށް ބީއެމްއެލްއިން އުފައްދާފައިވާ ސަބްސިޑަރީ ކުންފުންޏާ 3000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތަށް ބިން ހަވާލުކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ ވިލިމާލޭފައި ތަރައްޤީކުރާ 300 ހައުސިން ޔުނިޓާއި، ހުޅުމާލެ ފޭސް 1 އަދި 2 ހިމެނޭގޮތަށް ތަރައްޤީކުރާ 2700 ހައުސިން މަޝްރޫޢެކެވެ.

ސަޢުދީ ފަންޑުން ވަނީ ހުޅުމާލޭގައި 400 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ލޯނު އެހީ ދީފައެވެ.
މާލެ ސަރަޙައްދުގައި ކުރީ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަސައްކަތް ނިންމާ، ޙައްގުވެރިންނަން ޙަވާލުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

އެގޮތުން 4000 ފްލެޓްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުން ދޫކުރަން ބުނި ގޯތީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްކޮށް އެ ބިންތައްވެސް އަންނަނީ ވެރިންނާ ހަވާލުކުރަމުންނެވެ. މިހާތަނަށް ގުޅިފަޅުން ގޯތި ލިބުނު 2200އަށްވުރެ ގިނަ މީހުންނާ ވަނީ ރަޖިސްޓްރީ ހަވާލުކޮށްފައެވެ.

މީގެއިތުރުން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ މަސައްކަތްވެސް ސަރުކާރުން މިވަނީ އަލުން ފަށާފައެވެ. މި ފިހަވަހީގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކައެވެ.

އަތޮޅުތެރޭގެ 57 ރަށުގައި 12000އަށްވުރެ ގިނަ ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ އިޢުލާނުކުރައްވާފައެވެ. މީގެތެރެއިން 13 ރަށެއްގެ 825 ފްލެޓްގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، ދެން ހިމެނޭ މަޝްރޫޢުތަކަށް ކޮންޓްރެކްޓަރުން ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.