ޚަބަރު

އީޔޫގެ މިނިސްޓީރިއަލް ފޯރަމްގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގެންފި


  • މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ހުރި ގޮންޖެހުންތައް ފާހަގަކުރެއްވި

ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގެ ތެރެއިން ބޭއްވުނު ރައުންޑް ޓޭބަލް ސެޝަނެއްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ.

މި ސެޝަންގައި ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތައް ވަނީ ފާހަަގަކުރައްވާފައެވެ. އަދި، ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަންސް (އެން.ޑީ.ސީ) ގެ ދަށުން މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ރާއްޖެއިން ކަނޑައަޅާފައިވާ އުއްމީދީ އަމާޒުތަކާއި ލަނޑުދަނޑިތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުުޅުގައި އަލިއަޅުވާލާފައިވެއެވެ.

މިގޮތުން ޖައްވަށް ގްރީންހައުސް ގޭސް ދޫކުރާ މިންވަރު 1.52 މިލިޔަން ޓަނަށް 2035ގެ ކުރިން ދަށްކުރުމަށާއި، 2028 ކުރިން ރާއްޖޭގައި ޖެނަރޭޓް ކުރާ ކަރަންޓުގެ %33 އަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ބަދަލުކުރުމަށާއި "ނޭޝަނަލް ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް ޕްލޭނިންގ"ގެ ތެރޭގައި ކްލައިމެޓް ރެސިލިއަންސް ހިމެނުމަށް ދިވެހި ސަރުކާރުން ނިންމާފައިވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ ވާހަކަފުޅުގައި ބައިނަލްއަގުވާމީގޮތުން ކުދި ޖަޒީރާ ޤައުމުތަކަށް ލިބެމުން އަންނަ އެހީތެރިކަމަކީ މުޅި ދުނިޔެއަށް ލިބޭ އެހީއެެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި ޔޫރަޕިއިން ޔޫނިއަން އިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވެދެއްވާ ޔޫރަޕިއަން ގްރީން ޑީލް "ފިޓް ފޮރ 55 ޕެކޭޖް" ފަދަ އިސްނެގުންތަކަކީ މުޅި ދުނިޔެއަށް މިކަމުން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ލިބިގެންދާ ހިތްވަރެއްކަމުގައި ފާހަގަކުރައްވާފައިވެއެވެ.