ސްޕެނިޝް ލީގުގެ ރައީސް ހާވިއާ ޓެބާސްގެ މައްސަލަ ބަލަން ބާސެލޯނާއިން މިހާރު ބޭނުން ނުވާ ކަމަށް އެ ކުލަބުން ވިދާޅުވެއްޖެއެވެ.
ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ މިހެން ވިދާޅުވީ ސްޕޭނުގެ ޓްރާންސްޕޭރަންސީ އެންޑް ޑިމޮކްރަސީ ސްޕޯޓްސް އެސޯސިއޭޝަނުން ޓެބާސްއާ ދެކޮޅަށް ބާސެލޯނާއާ ގުޅޭ މައްސަލައެއް ހުށަހެޅުމުންނެވެ. އެ އެސޯސިއޭޝަނުގެ ރައީސް މިގުއެލް ގަލަން ހުށަހެޅި މައްސަލަ އަކީ މިދިޔަ އަހަރުގެ ކުރީކޮޅު ސްޕެނިޝް ލީގުން ބާސެލޯނާގެ ސިއްރު މާލީ ހާލަތުގެ ރިޕޯޓް ލީގު ކުރި މައްސަލަ އެވެ.
ސްޕެނިޝް ލީގުގައި ބާސެލޯނާގެ މާލީ ހާލަތު އެނގޭ ގޮތަށް ލިޔެކިއުންތައް އާއްމު ކުރުމުން ލަޕޯޓާ ވެސް ފުރަތަމަ މައްސަލަ ޖެއްސި އެވެ. އަދި މި މައްސަލާގައި ޓެބާސްއާ ދެކޮޅަށް މައްސަލަ ޖައްސާނެ ކަމަށް ވެސް ލަޕޯޓާ ވިދާޅުވި އެވެ.
"މިހާރު އެ މައްސަލަ ބަލާކަށް އަހަރެން ބޭނުމެއްނޫން. އެކަމަށް އެތައް ދުވަހެއް ވެއްޖެ. މިހާރު އަހަރުމެން ދެ ފަރާތުގެ ގުޅުން ވެސް އަންނަނީ ރަނގަޅުވަމުން. އެހެންވީމާ މިހާރު ތިކަން ކުރާބަލާއިރު އެއީ އަހަރެން އެހާ ހިތްހަމަ ޖެހޭ ކަމެއްނޫން،" ލަޕޯޓާ ވިދާޅުވި އެވެ.
ސްޕޭނުގެ މީޑިއާތަކުން ބުނާ ގޮތުގައި މި މައްސަލަ ބެލުމަށް ޓެބާސް ވަޒީފާއިން ސަސްޕެންޑް ކުރުން ގާތެވެ. އަދި ފަހަރުގައި ދާއިމީކޮށް އޭނާގެ މަގާމު ގެއްލުމަކީ ވެސް ގާތުގައިވާ ކަމެކެވެ.
ސްޕެނިޝް ލީގުން ބާސެލޯނާގެ މާލީ ހާލަތު އެނގޭގޮތަށް ލިޔެކިއުންތައް އޭރު ލީގު ކުރީ ބާސެލޯނާ ތުހުމަތު ކުރި ގޮތުގައި އެ ކުލަބަށް ކުޅުންތެރިން ގަތުމަށާއި މޮޅު ކުޅުންތެރިން އައުމަށް ހުރަސް އެޅުމުގެ ގޮތުންނެވެ. ސަބަބަކީ ސްޕެނިޝް ލީގުން ވުޖޫދުކުރި ސީވީސީ ޑީލަށް ރުހުން ނުދިން ތިން ކުލަބުގެ ތެރޭގައި ބާސެލޯނާ ހިމެނުމެވެ. މިކަމާ ގުޅިގެން އޭރު ލަޕޯޓާ ވެސް ވަނީ މިއީ ސްޕެނިޝް ލީގަށް ކުރެވޭނެ ކަމެއްނޫން ކަމަށާއި ކުލަބަށް ލިބުނު ގެއްލުމާ ދެކޮޅަށް ޓެބާސްއަށް ފިޔަވަޅު އަޅަން އެދޭނެ ކަމަށް ބުނެފަ އެވެ.
މިއާއެކ ސްޕެނިޝް ލީގުން ފަހުން ވަނީ ހުރިހާ ލިޔެކިއުންތައް ފަހުން ވެބްސައިޓުންނާއި އެކަމާ ގުޅޭ އެންމެހާ ލިޔެކިއުންތައް އެކިއެކި ޕްލެޓްފޯމްތަކުން ފޮހެލައިފަ އެވެ.