މި އަަހަރުގެ ތިންވަނަ ކުއާޓާގައި ބޯޓުފަހަރާއި ޕަވަރ ޕްލާންޓުތަކުގައި ބޭނުންކުރާ ތެޔޮ ލިބުމަށް ދަތިވާނެ ކަމަށް ލަފާކޮށްފިއެވެ. ތެޔޮ ލިބުމުގައި ދަތިތައް ހުންނާނެ ކަމަށް ބެލެވިފައި މި ވަނީ ހަނގުރާމައާއި ހަމަލާތަކުގެ ސަބަބުން ތެޔޮ އުފެއްދުމަށާއި، ރިފައިނަރީތައް ހިންގުމަށާއި ތެޔޮ އުފުލާ މަގުތައް ބޭނުން ކުރުމަށް ހުރަސްތައް ކުރިމަތިވެފައިވާ ޙާލަތެއްގައެެވެ.
މި ޙާލަތުގައި ރިފައިނަރީތަކުން އުފެއްދުމަށް އިސްކަން ދެމުން ދަނީ ވިޔަފާރީގައި ފައިދާ ބޮޑު ބާވަތްތަކުގެ ތެލަށެވެ. އެ ގޮތުން ކަނޑުބޯޓު ފަހަރުގައި ބޭނުންކުރާ ތެލަށް ވުރެ ޑީސެލްއާއި ގެސޮލިންއާއި ޖެޓް ފިއުލްއިން ލިބޭ ފައިދާ އިިތުރުވާތީ ރިފައިނަރީތަކުން ގިނައިން އުފައްދަނީ މި ބާވަތްތަކެވެ. އޭގެ ސަބަބުން ބޯޓުފަހަރުގައި ބޭނުންކުރާ ތެޔޮ އުފައްދާ މިންވަރު އަދި ބާޒާރުގައި ލިބެން ހުންނަ މިންވަރު ވަނީ މަދުވެފައެވެ.
އެ ތެޔޮ ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ޝިޕިންގ ކުންފުނިތަކުންނާއި ހަކަތަ އުފައްދާ ކުންފުނިތަކުން ޚަރަދު ކުރަން ޖެހޭ މިންވަރު އިތުރުވާނެ ކަމަށް ބެލެވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ފަދަ ކުންފުނިތަކުން ދޭ ޚިފުމަތްތަކުން ނަގާ އަގު އުފުލުން ވަރަށް ގާތެވެ.
ތެޔޮ ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެނީ އޭޝިޔާއަށެވެ. އޭޝިޔާގެ ޤައުމުތަކަކީ ގަލްފުގެ ޤައުމުތަކުން އެތެރެކުރާ ތެލުގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމުތަކެކެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ގަލްފުން ތެޔޮ ލިބުމަށް މިހާރު ވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ.
ކަނޑުގައި ދަތުރުކުރާ ބޯޓުފަހަރަށް ތެޔޮ އެޅުމަށް ބޭނުންކުރާ މައި ހަބެއް ކަމަށްވާ ސިންގަޕޫރަށް ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް އެއް މިލިއަނަށް ވުރެ ގިނަ ފީފާގެ ތެޔޮ ބޭނުންވެއެވެ. އެ ޢަދަދުގެ ތެރެއިން ދެބައި ކުޅަ އެއްބައި ތެލަކީ ބޭރުގެ ޤައުމުތަކުން އެ ޤައުމަށް އިމްޕޯޓުކުރާ ތެލެވެ. ތިންވަނަ ކުއާޓަރގެ ތެރޭގައި ލިބެން ހުންނަ ތެލުގެ މިންވަރު ބޭނުންވާ މިންވަރަށް ވުރެ 218،000 މަދުވާނެ ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ. މިއީ 2025ވަނަ އަހަރުގެ ފަހުން ތެޔޮ ލިބުމުގައި މިހާ ބޮޑު ދައްޗެއް ކުރިމަތިވެދާނެ ކަމަށް އަންދާޒާކޮށްފައިވާ ފުރަތަމަ ފަހަރެވެ.
ތެލުގެ އަގުތައް މިހާރު ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެ ގޮތުން ބޯޓުފަހަރުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރާ މަދު މިންވަރަކަށް ސަލްފާ ހިމެނޭ ތެލުގެ އަގު ވަނީ މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން 76 އިންސައްތައިން އިތުރުވެފައެވެ. އެ ތެލުގެ ޓަނެއްގެ އަގު ސިންގަޕޫރުގައި މި ވަގުތު ހުރީ ޓަނެއް 825 އެމެރިކާ ޑޮލަރަށެވެ.
ތެލުގެ ސަޕްލައިއަށް ކޮށްފައިވާ އަސަރަށް ބަލާއިރު، ރަޝިޔާއާއި މެދުއިރުމަތީގައި ހުންނަ ރިފައިނަރީތަކުގައި ތެޔޮ އުފައްދާ މިންވަރު ވަނީ މަދުވެފައެވެ. އެ ގޮތުން މެދުއިރުމަތީގެ ސަރަޙައްދުތަކުން އެކްސްޕޯޓު ކުރާ ބޯޓުފަހަރުގައި ބޭނުންކުރާ ތެލުގެ ނިސްބަތް ވަނީ 45 އިންސައްތައިން ދަށަށް ގޮސްފައެވެ. އެއާއެކު ދުނިޔޭގެ ބާޒާރުގައި އެ ތެޔޮ ލިބެން ހުންނަ މިންވަރަށް ވެސް ވަނީ އަސަރުކޮށްފައެވެ.