ޚަބަރު

ހަ އަހަރު ކުރިން ޖޫޒާންއާ މާޖިދާ ކަނޑައެޅި އަމާޒަށް ވާސިލްވެއްޖެ


  • ވެމްކޯގެ ތަފާތަކީ ޓީމް ވޯކް

  • މިދިޔަ ހަ އަހަރު ވެމްކޯއަކީ އަންހެން ވޮލީގެ އެންމެ ކާމިޔާބު ޓީމު

މީގެ ހަ އަހަރު ކުރިން 2021 ވަނަ އަހަރުގެ ވޮލީބޯލް އެސޯސިއޭޝަން ކަޕް ކުލަބް ވެމްކޯއަށް ކާމިޔާބުވުމުން އޭރު ކަނޑައެޅި ޓާގެޓަކީ ހަ ފަހަރު ވިދިވިދިގެން މި ކާމިޔާބީ ތަކުރާރު ކުރަން ކަމަށް ކުލަބް ވެމްކޯގެ ސެޓަރު ޖޫޒާން ޒަރީރާއި އެ ޓީމުގެ ކެޕްޓަން ޢާއިޝަތު މާޖިދާ (މާޖި) ބުނެފިއެވެ.

މިދިޔަ ހަ އަހަރު އަންހެން ވޮލީގައި އެންމެ ކާމިޔާބު ޓީމަކީ ވެމްކޯއެވެ. ވެމްކޯއިން ވަނީ މިދިޔަ ހަ އަހަރު އެސޯސިއޭޝަން ކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މިދިޔަ ހަތަރު އަހަރު ގައުމީ މުބާރާތް ވެސް ކާމިޔާބުކޮށްފައިވަނީ ވެމްކޯއިންނެވެ.

މި ކާމިޔާބީއަށްފަހު "ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން ޖޫޒާން ބުނީ ވެމްކޯގެ ކާމިޔާބީގެ ސިއްރަކީ އެކަކު އަނެކަކަށް ކުރި އިތުބާރު ކަމަށެވެ.

ޖޫޒާން ބުނީ ވެމްކޯއިން މި މުބާރާތް އެންމެ ފުރަތަމަ ކާމިޔާބު ކުރީއްސުރެ މާޖިދާއާއެކު ޓާގެޓެއް ކަނޑައެޅި ކަމަށެވެ. އެ ޓާގެޓަކީ ހަ ފަހަރު މުބާރާތް ކާމިޔާބުކޮށް ދެ ފަހަރަށް މިލްކު ކުރުން ކަމަށް ޖޫޒާން ބުންޏެވެ.

"2021 އިން ފެށިގެން ހަމަ ކިޔަމުން އައީ ހިނގާށޭ ހަ ފަހަރަށް ތަށި ހޯދަން. އެއީ އަހަރެމެންގެ ޓާގެޓް ހަމަ ފުރަތަމަ ދުވަހުން ފެށިގެން. މިއަދު ދެން އަކަން ހާސިލް މިވީ" ޖޫޒާން ފާހަގަކުރިއެވެ.

"ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން ކެޕްޓަން މާޖިދާ ބުނީ، ވެމްކޯއިން ހަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރިއިރު، މިއީ އެ ޓީމުން އެންމެ އުނދަގުލުން ކާމިޔާބުކުރި މުބާރާތް ކަމަށެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގެ ސެމީއާ ފައިނަލަށް ޓީމުން ނުކުތްއިރު، ގިނަ ކުޅުންތެރިން ތިބީ ހުން އައިސް ބަލިކޮށްކަން މާޖިދާ ފާހަގަކުރިއެވެ.

މާޖިދާ ބުނީ ވެމްކޯއިން ކޮންމެ ފަހަރަކުވެސް ނުކުންނަނީ ތަށި ދިފާއު ކުރަން ކަމަށެވެ. އަދި ކުރިއަށް ހުރި މުބާރާތްތަކުގައި ވެމްކޯއިން ނުކުންނާނީ މި މުބާރާތައްވުރެ ވަރުގަދަކޮށް ކަމަށް މާޖިދާ ބުންޏެވެ.

ރާއްޖޭގެ އަންހެން ވޮލީގެ ރަނިކަން ވެމްކޯއިން ގިނަ އަހަރުތަކެއްވަންދެން ކުރަމުން އަންނައިރު، އެ ޓީމުގެ ކާމިޔާބީގެ ސިއްރަކީ ބަދަހި ޓީމެއްގެ ގޮތުގައި އޮވެ ކުޅުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.