ޚަބަރު

އިލެކްޓްރޯނިކް ވިސާ ނިޒާމަށް އިމިގްރޭޝަނުން އަމަލުކުރަން ފަށައިފި


  • މުއްދަތު ހަމަނުވާ ވާރކް ވީޒާއެއް އޮތް ނަމަވެސް، އެ ވީޒާއަކީ "ވެލިޑް" ވީޒާއެއް ކަމުގައި ނުބެލެވޭނެ

  • އީ-ވީޒާއަށް ބަދަލުވާއިރު އެ ބިދޭސީއެއްގެ އީ-ވީޒާގެ ވެލިޑިޓީ ބިނާވާނީ ވާރކް ޕާރމިޓްގެ ވެލިޑިޓީއަށް

އިމިގްރޭޝަނުން އިފްތިތާހްކޮށްފައިވާ އިލެކްޓްރޯނިކް ވިސާ ނިޒާމަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.

ރާއްޖޭގައި އީ-ވިސާގެ ޚިދުމަތް ތަޢާރަފްކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. ރާއްޖެއަކީ މިސަރަަހައްދުގައި އީ ވިސާގެ ޚިދުމަތް ތައާރަފްކުރި ފުރަތަމަ ގައުމެވެ. އިމިގްރޭޝަނުން ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ދޫކުރެވޭ ވިސާއާ ގުޅޭ ހުރިހާ ޚިދުމަތްތަކެއް "އޮންލައިން" ކުރެވި، އީ-ވިސާގެ ޚިދުމަތް ތައާރަފުކުރުމާއި ގުޅިގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ވިސާ ދޫކުރުމާ ގުޅޭ ޚިދުމަތްތަކަށް މިއަދުން ފެށިގެން ބަދަލުތަކެއް އައިސްފައިވާކަމަށެވެ.

މިގޮތުން މިއަދުން ފެށިގެން ރާއްޖޭގައި ބިދޭސީއަކު ހުންނަން ވިސާ އޮތް ކަމަށް ބަލާނީ އީ-ވިސާ ޖެހުމުން ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އަދި ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ޖަހާފައިވާ ވިސާ އެއީ ވިސާ އޮތުން ކަމަށް ނުބަލާނެ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ރާއްޖޭގައި މަސަައްކަތްކުރާ ބިދޭސީންގެ އީ-ވިސާގެ މުއްދަތު ބިނާވާނީ އެ މީހުންގެ ވޯކްޕާމިޓްގެ މުއްދަތަށެވެ.

މިއަދުން ފެށިގެން ރާއްޖެއަށް އެތެެރެވުމުވެ ހުއްދަ ދޭނީ ވެސް މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް މީހަކަށް ކަމަށާއި ރާއްޖޭން ފުރޭނީ ވެސް އީ-ވިސާ އޮވެގެން ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީއެއްނަމަ، ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދޭނީ އެ ބިދޭސީއަކީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް ލިބިފައިވާ ބިދޭސީއެއް ނަމައެވެ. އަދި "އެންޓްރީ ޕާސް" ލިބިގެން ރާއްޖެއަށް އެތެރެވާ ބިދޭސީން އެތެރެވާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި ވާރކް ވީޒާއަށް އެދި ހުށަހެޅުމަކީ އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތްކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓަރީވެފައިވާ ފަރާތުގެ ޒިންމާއެކެވެ.

މިމުއްދަތުގެ ތެރޭގައި ވާރކް ވިސާގެ މަރުހަލާ ފުރިހަމަނުކުރެވި ރާއްޖޭން ފުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ބިދޭސީއެއްގެ ވާރކް ޕާރމިޓްގައި ވެލިޑިޓީ އޮތްނަމަ އެފަދަ ބިދޭސީއަކަށް ރާއްޖޭން ފުރުމުގެ ހުއްދަދެވޭނެއެވެ. މިފަދަ ހާލަތްތަކުގައި ވާރކް ވީޒާގެ މަރުހަލާ ފުރިހަމަނުކޮށް ރާއްޖޭން ފުރައިގެން ދެވޭނީ ރާއްޖެއަށް އެތެރެވާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި 01 ފަހަރުއެވެ.