ކުޅިވަރު

އެންމެ ރަނގަޅުވާނީ އަހަރެން ކުލަބުން ދިޔުން: ވިނީޝިއުސް


ރެއާލް މެޑްރިޑަށް އެންމެ ރަނގަޅުވާނީ އޭނާ އެ ކުލަބުން ދިޔުން ކަމަށް ބްރެޒިލްގެ ފޯވާޑް ވިނީޝިއުސް ޖޫނިއަރ ބުނެފިއެވެ.

އޭނާ މިހެން ބުނީ އެލް ކްލަސިކޯ މެޗުގައި ބާސެލޯނާއާ ދެކޮޅަށް ކުޅެނިކޮށް ބަދަލު ކުރުމުން ބެންޗު ފަސްދީ ޗޭންޖިން ރޫމަށް ދަމުންނެވެ. ނަމަވެސް ފަހުން އޭނާ ވަނީ މި އަމަލާމެދު ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފަ އެވެ.

ނަމަވެސް މިއަށްފަހު ކަންކަން ވަނީ ގޯހުން ގޯހަށް ބަދަލުވެފަ އެވެ. ރެއާލް މެޑްރިޑުން މިހާތަނަށް މަސައްކަތް ކުރަމުން އައީ އޭނާގެ ކޮންޓްރެކްޓް އާ ކުރުމަށެވެ. ނަމަވެސް ސްޕޭނުގެ މީޑިއާތަކުން ބުނަނީ ރެއާލް މެޑްރިޑްގެ ކޮންޓްރެކްޓް އާ ނުކުރާނެ ކަމަށް ވިނީޝިއުސް މިހާރު ކުލަބަށް އަންގާފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ބުނަނީ ހުސްވި ހަފުތާގައި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާއި ވިނީޝިއުސް ބައްދަލު ކުރި ކަމަށެވެ. އަދި އޭނާ މައާފަށް އެދުނީ މި ބައްދަލުވުމަށްފަހު ކަމަށެވެ. ބައްދަލުވުމުގައި ކޮންޓްރެކްޓް އާ ކުރަން ބޭނުންވާ ސަބަބުތައް ރައީސް ޕެރޭޒަށް ސާފުކޮށްދީފައިވާ ކަމަށްވެ އެވެ.

އުމުރުން މިހާރު 25 އަހަރުގެ ފޯވަޑް ކޮންޓްރެކްޓް އާ ކުރަން ބޭނުންނުވާ މައިގަނޑު ސަބަބަކީ އޭނާ އާއި ކޯޗު ޒަބީ އަލޮންސޯއާ ދެމެދު ގުޅުން ގޯސްވެފައިވުމެވެ. އަލޮންސޯ މި ސީޒަނުގައި ޓީމާ ހަވާލުވި ފަހުން ވިނީޝިއުސް އަކީ ފުރަތަމަ 11ގައި ކުޅުވި ނަމަވެސް އާއްމުކޮށް ބަދަލު ކުރާ ކުޅުންތެރިއެކެވެ.
"އަބަދުވެސް (ބާލަނީ) އަހަރެން. އެންމެ ރަނގަޅުވާނީ އަހަރެން މި ކުލަބުން ދިޔައިއްޔާ،" ވިނީޝިއުސް ބާސެލޯނާ މެޗަށް ފަހު މި ގޮތަށް ބުނީ ވެސް އޭގެ ކުރިން ވެސް ގިނަ މެޗުތަކެއްގައި އޭނާ ބަދަލުކޮށްފައިވާތީ އެވެ. އަދި ސްޕެނިޝް ލީގުގައި އެލްޗޭއާ އެއްވަރުވި މެޗުގައި އޭނާ ކުޅެން އެރުވީ ވެސް ފަހުހާފުގަ އެވެ.

ރެއާލް މެޑްރިޑާއެކު ވިނީޝުއސް ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2027 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށެވެ. މިހެންކަމުން އޭނާ ކޮންޓްރެކްޓް އާ ނުކުރާނަމަ ރެއާލްއަށް މި ސީޒަނަށް ފަހު އޭނާ ވިއްކާލަން ޖެހޭނެ އެވެ. ސަބަބަކީ އެނޫނީ ހިލޭ ޓްރާންސްފާއެއްގައި އެހެން ކުލަބަކަށް ދިއުމުގެ ފުރުސަތު ލިބޭނެތީ އެވެ.

ރެއާލް އާއި ވިނީޝިއުސް އެންމެ ފުރަތަމަ ހިތްހަމަ ނުޖެހުނީ އޭނާ މޮޅަށް ކުޅެމުން ދަނިކޮށް ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ގެނައުމެވެ. މިއަށްފަހު މިހާރު ކުލަބުގެ އިސް ފޯވަޑަކީ ވެސް ވިނީޝިއުސް އެވެ.

ވިނީޝިއުސް ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ ސައޫދީ އަރަބިއާގެ ކުލަބުތަކުންނެވެ. މި ގޮތުން އެ ގައުމުގެ ސަރުކާރުން ވަނީ ސައޫދީގެ ގަދަ ހަތަރު ކުލަބުގެ ތެރެއިން ކޮންމެވެސް އެއް ކުލަބަކަށް ބަދަލުވާމަތިން އޭނާ އަށް އަގުހުރި ކޮންޓްރެކްޓެއް ހުށަހަޅައިފަ އެވެ. ވިނީޝިއުސް އަކީ ސައޫދީ އަރަބިއާގެ ޓުވަރިޒަމް އެމްބެސެޑަރެއް ވެސްމެ އެވެ.