ކުރިޔަށް އޮތްތަނުގައި ބައިނަލްއަޤުވާމީ ގޭމްސްތަކުގައި ޓެނިސް ހިމަނަން ފުރުސަތު ލިބޭނަމަ އެކަމަށް މަސައްކަތް ކުރައްވައި، ޓެނިސް ކުރިއެރުމަށް އެހީތެރި ވެދެއްވާނެ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެއެވެ.
ސައްތާރު ވިދާޅުވީ ބައިނަލްއަޤުވާމީ ގޮތުން ވީހާވެސް ގިނަ ފުރުސަތު ރާއްޖޭގެ ޓެނިސް ކުޅުންތެރިންނަށް ހޯދައިދޭން ބޭނުންވާ ކަމަށާއި، މިހާރު ޓެނިހުގައި ފެންނަނީ ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އެޅި ބިންގަލެއްގެ ކުރިއެރުން ކަމަށެވެ.
"ފެނިގެން މިދަނީ ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އެޅި ބިންގަލެއްގެ ކުރިއެރުން އަޅުގަނޑުމެންނަށް މި ފެންނަނީ، އެއީ ކުރީގައި އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނާއި އޭޓީއެފްގެ މުބާރާތްތަކެއް ބޭއްވިގެން ހިނގައްޖެ. އެހެންވީމަ އޭގެން އެކްސްޕީރިއަންސް ލިބިގެން ދެން މިކަހަލަ މެޗެއްގައި ކުރިއެރުން އެ ފެންނަނީ" ޤައުމީ އަންހެން ޓީމު މިމަހު ވިއެޓްނާމުގައި ކުޅުނު ބިލީ ޖީން ކިންގް ކަޕްގެ ފައިނަލް މެޗަށް އިޝާރާތްކުރައްވާ ސައްތާރު ވިދާޅުވިއެވެ.
އޮލިމްޕިކް ކޮމިޓީގެ ރައީސް ވިދާޅުވީ ބައިނަލްއަޤުވާމީ ކުޅުންތެރިންނާއެކު ކުޅުމުގެ އިތުރު ފުރުސަތުތައް ރާއްޖޭގެ ކުޅުންތެރިންނަށް ހޯދައިދޭން ބޭނުންވާ ކަމަށެވެ. އެމްއޯސީ އާއި ސަރުކާރުންވެސް މަސައްކަތް ކުރަމުން އަންނަނީ މިފަދަ ކަންކަމަށް މަގުފަހިކޮށްދިނުމަށް ސައްތާރު ވިދާޅުވިއެވެ.
"މިހާރު ޓެނިހުގެ ވަރަށް ބޮޑު ކޯޓެއްގެ މަސައްކަތް ހުޅުމާލޭގައި ކުރިއަށްދާއިރު، އެއީދެން ވަރަށް ބޮޑު ކުރިއެރުމެއް އެއާއެއްކޮށް އަޅުގަނޑަށް ހީވަނީ ކޯޗިންއަށްވެސް ރަނގަޅު މީހުން ލިބޭނީ އެކަހަލަ ވަސީލަތްތައް ހުރެގެންހެން. ކޯޗުންވެސް ނާންނާނެ ރަނގަޅު ވަސީލަތްތައް ނެތިއްޔާ. އެހެންވީމަ އަޅުގަނޑަށް ހީވަނީ މިއީ ވަރަށް ރަނގަޅު ވަގުތެއްހެން ބޭރުންވެސް ރަނގަޅު ކޯޗުން ހޯދުމުގެ ފުރުސަތު ލިބޭނެ" ސައްތާރު ވިދާޅުވިއެވެ.
މިފަހަރު ބޭއްވި ބިލީޖީން ކިންގް ކަޕް މުބާރާތަށްފަހު ރާއްޖޭގެ ޤައުމީ އަންހެން ޓީމަށް ވަރަށް ބޮޑު ތަޖުރިބާއެއް ލިބިއްޖެކަމަށާއި، މި އުމުރަކީ ކުޅުންތެރިންގެ ތަރައްޤީއަށް ވަރަށް މުހިއްމު އުމުރެއް ކަމަށްވެސް ސައްތާރު ފާހަގަކުރެއްވިއެވެ.
"ވަރަށް ޕްރައިމް އޭޖެއް މީ އެކުދިންގެ ޑިވެލޮޕްމަންޓަށް. އެހެންވީމަ އަޅުގަނޑުމެންނަށް ރަނގަޅު ކޯޗިންއާއި މި އެއްޗެހި ދެވިއްޖެއްޔާ އަޅުގަނޑަށް ހީވަނީ މިކުދިންނަށް ވަރަށް ރަނގަޅު ސްޓޭޖަކަށް އާދެވޭނެހެން. އިންޓަނޭޝަނަލް ސްޓޭޖުގައި އަޅުގަނޑުމެންނަށް މި ޕޯޑިއަމް ފިނިޝިންއަށް ދެވިދާނެ މަންޒަރު އަޅުގަނޑަށް ފެންނަނީ" ސައްތާރު ވިދާޅުވިއެވެ.
މީގެ އިތުރުން ކުޅިވަރު ޤާނޫނުގައި ލާޒިމުކުރާގޮތަށް ހުރިހާ ކުޅިވަރެއްވެސް ލާމަރުކަޒުވެގެން އަންނައިރު ޓެނިސް ކޯޓުތައްވެސް މާލޭގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ތަރައްޤީކުރުމުގެ މަސައްކަތް ކުރިޔަށްދާނެ ކަމަށްވެސް ސައްތާރު ވިދާޅުވިއެވެ.
"ސަރުކާރުން އެބަ މަސައްކަތް ކުރޭ އެސޯސިއޭޝަނާއެކު ރާއްޖޭގެ ދެ ރީޖަނެއްގައި ޓެނިސް ކޯޓު ގާއިމުކުރުމަށް. މިއާއެއްކޮށް ޓެލެންޓް ހަންޓުވެސް ކުރެވޭނެ. އެއާއެކު ޓެނިހުގެ ތަރައްޤީ ފެންނާނެ" ސައްތާރު ވިދާޅުވިއެވެ.
ޒަމާންތަކެއް ވަންދެން މާލޭގައި ޓެނިސް ކުޅެމުން އައީ އަމީނިއްޔާ ސުކޫލު ކައިރީގައި (މިހާރުގެ ގައުމީ ދާރުލް އާސާރު އިމާރާތް އަޅާފައިވާ ބިމުގައި) އޭރު ޤާއިމުކޮށްފައި އޮތް ޓެނިސް ކޯޓެއްގައެވެ. އޭގެ ފަހުން އެސޯސިއޭޝަނުން ވަނީ ޒަމާނީ ފެންވަރުގެ ބައިނަލްއަޤުވާމީ ފެންވަރުގެ ރަނގަޅު ޓެނިސް ކޯޓެއް މާފަންނު އެކުވެނި ސަރަޙައްދުގައި ތަރައްޤީ ކޮށްފައެވެ.
އެހެންނަމަވެސް މާލެ ސަރަޙައްދުގެ އާބާދީ އިތުރުވެ މި ކުޅިވަރަށް އޮންނަ ޑިމާންޑުވެސް ބޮޑުވުމުން، އިތުރު ފަސް ކޯޓާއެކު ހުޅުމާލޭގައި ބައިނަލްއަޤުވާމީ ފެންވަރުގެ ޓެނިސް އެރީނާއެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މާލެ ސަރަހައްދުން ބޭރުން ޓެނިސް ކޯޓުތައް މިހާތަނަށް ތަރައްޤީ ކޮށްފައިވަނީ ޅ.ނައިފަރާއި، ގދ.ފަރެސްމާތޮޑާގައެވެ. ޓެނިސް އެސޯސިއޭޝަނުން ޓެނިހުގެ ވަސީލަތްތައް ފުރިހަމަ ކުރުމަށް ކުރާ މިފަދަ ކޮންމެކަމަކަށް އެމްއޯސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ސައްތާރު ވިދާޅުވިއެވެ.