ޚަބަރު

ބިންހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް ބޮސްކާލިސްގެ ޑްރެޖަރު ރާއްޖެއަށް


  • މިޑްރެޖަރު ބޭނުންކޮށްގެން ފުރަތަމަ ހިއްކާނީ ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން

  • އެއަށްފަހު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތްކުރާނެ

މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބިންހިއްކުމުގެ މަޝްރޫޢުތަކުގެ މަސައްކަތް އަވަސްކުރުމަށް ރާއްޖެ ގެނައުމަށް ސަރުކާރުން ނިންމާފައިވާ ޑްރެޖަރު މިހާރު ރާއްޖެއަށް އައިސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލޭ 3 ވަނަ ފިޔަވަހީގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށްޓަކައި ނެދަލޭންޑުގެ ބޮސްކާލިސްގެ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ، ޕްރިންސް ޑާ ނެޑަލަންޑަން ރާއްޖެ އައިސްފައިވާކަމަށެވެ. އަދި މިޑްރެޖަރު ބޭނުންކޮށްގެން އެސަރަޙައްދު ހިއްކުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު މިވަގުތު އެސަރަޙައްދު ހިއްކަމުން އަންނަ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ އޮރަންޖީއާއެކު މަސައްކަތް އަވަސްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ މަސައްކަތް ޑިސެންބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ލަފާކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި ބިން ހިއްކުމަށް ކުރިއަށްގެންދާ އިތުރު މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ގިރާވަރުފަޅު ހިއްކުމަށްޓަކައި އީއައިއޭގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި އެމަސައްކަތާއެކު އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ނިމުމުން ބިން ހިއްކުމުގެ މަސައްކަތް ފެށޭނެކަމަށް ވިދާޅުވިއެވެ. އެގޮތުން ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތްތައް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދާ ބިންހިއްކުމުގެ މަސައްކަތްތައް އަވަސްކުރުމަށް އިތުރު ޑްރެޖަރުތައް ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ. މިގޮތުން އެމްއޭސީއެލްއާއި ހަވާލުކޮށްގެން 3 ޑްރެޖަރު ގެނައުމުގެ މަސައްކަތް ފަށްޓަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާވަނީ ހާމަކުރައްވާފައެވެ.