ކުޅިވަރު

2027 ގެ އައިއޯއައިޖީގައި ވާދަކުރާ ބެޑްމިން ޓީމުވެގެންދާނީ މުޅި ރާއްޖެއަށް ނިސްބަތްވާ ޓީމަކަށް


  • ޔޫތު ޑެވެލޮޕްމެންޓު ހަރާކާތްތައް އައްޑޫ، ނައިފަރު، އޭދަފުށި، ހޮޅުދޫ އަދި ފުވައްމުލަކުގައި ކުރިއަށް އެބަދޭ

  • ވަރަށް އަވަހަށް މި ހަރަކާތް ކުޅުދުއްފުށީގައި ފަށާނެ

  • އައިއޯއައިޖީއަށް ގައުމީ ޓީމު އެކުލަވާލާނީ ރާއްޖޭގެ ހުރިހާ ހިސާބަކުން އެތުލީޓުން ހިމަނައިގެން

  • ވަރަށް އަވަހަށް ބީޑަބްލިއުއެފްގެ ސަސްޕެންޝަނުން ރާއްޖެ ވީއްލޭނެ

އެފްރިކާގެ ކޮމޮރޯސްގައި 2027 ވަނަ ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެއިން ވާދަކުރާ ބެޑްމިންޓަން ޓީމު ވެގެންދާނީ މުޅި ރާއްޖެއަށް ނިސްބަތްވާ ޓީމަކަށްކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސް އިޝްފާން މުޙައްމަދު (އިއްޕަ) ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އިޝްފާން ވިދާޅުވީ މިކުޅިވަރު ވެއްޓިފައިވާ އަނދަވަޅުން ނެގުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ. އެގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޒުވާން އައު އެތުލީޓުން މިކުޅިވަރުން އުފައްދާ އަނެއްކާވެސް އަލުން ބެޑްމިންޓަންއިން ތަފާތު ގިނަ ވަނަތަކެއް ގައުމަށް ހޯދައިދިނުމަށްކަމަށެވެ. އެގޮތުން ބެޑްމިންޓަނަށް ލޯބިކުރާ އެންމެހާ ފަރާތްތަކުން މިހާރު އެންމެ އިންތިޒާރުކުރާ މުބާރާތަކަށްވާނީ 2027 ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށްކަމަށް އިޝްފާން ވިދާޅުވިއެވެ.

އަމާޒަކީ އައިއޯއައިޖީގައި ވާދަކުރުމަށް މޮޅެތި އެެތުލީޓުންތަކެއް ހިމެނޭ ގައުމީ ޓީމެއް އެކުލަވާލުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެމުބާރާތުގައި ވާދަކުރާ ގައުމީ ޓީމަކީ ރާއްޖޭގެ އެކި ހިސާބުތަކުން ހޮވާލެވޭ މޮޅެތި އެތުލީޓުން ނިސްބަތްވާނެ ޓީމަކަށް ވާނެކަމަށާ އުންމީދަކީ އެމުބާރާތުން ރަން މެޑައްޔެއް ގައުމަށް ގެނެސްދިނުންކަމަށް އިޝްފާން ހާމަކުރެއްވިއެވެ.

"އެ އަހަރު ޓީމު ނެގިގެންދާނީ މުޅި ރާއްޖޭގަ އަޅުގަނޑުމެންގެ މިހާރު މި ޑެވެލޮޕްމެންޓަށް މަސައްކަތްކުރާ އައްޑޫ، ނައިފަރު، އޭދަފުށި، ހޮޅުދޫ، ފުވައްމުލައް އަދި އޭގެ އިތުރަށް މިއަންނަ އަހަރުގެ ތެރޭގަ އަޅުގަނޑުމެން ކުޅުދުއްފުށީގަ ބެޑްމިންޓަން ފައްޓާނަން. އެހެންވީމަ މުޅި ރާއްޖެއަށް ބެހިގެންދާ ޓީމެއްގެ ގޮތުގަ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ގެންދާނީ" އިޝްފާން ވިދާޅުވެފަވެއެވެ.

މިވަގުތު ބީއޭއެމްއަށް ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ސަސްޕެންޝަނެއްގެ އަބަދު ދީފަވާއިރު ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މި އަބަދުން ބީއޭއެމް ވީއްލިގެން ދާނެކަމަށް އުންމީދުކުރައްވާކަމަށް އިޝްފާން ހާމަކުރެއްވިއެވެ.

ރާއްޖެ މިވަގުތު ސަސްޕެންޑްކޮށްފަ އޮތް ނަމަވެސް ރާއްޖޭގެ ކުޅުންތެރިންނަށް މުބާރާތްތަކުގަ ވާދަކުރުމުގެ ފުރުސަތު މިހާރު ހުޅުވިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިފަދަ ފުރުސަތެއްގައި މިހާރުވެސް ރާއްޖޭގެ އެކަޑަމީއަކުން ހަ އެތުލީޓަކު އެފްރިކާ ޓުއަރއެއްގައި ބައިވެރިވެ ތިން މުބާރާތެއްގައި ވާދަކުރަމުން އަންނަކަމަށް ބީއޭއެމްގެ ރައީސް މައުލޫމާތުދެއްވިއެވެ.

"އަޅުގަނޑަށް ހީވަނީ ކުރިއަށް މިއޮތް ދެ ވީކެއްގެ ތެރޭގަ ސަސަޕެންޝަނުން ފިލައިގެންދާނެ. އޭގެ އިތުރަށް ސަސްޕެންޝަން އޮތްކަމަށް ވިޔަސް މިހާރު އަޅުގަނޑުމެންގެ ކުޅުންތެރިންނަށް މުބާރާތްތަކުގަ ބައިވެރިވާން ފުރުސަތު ލިބިފަވަނީ" އިޝްފާން ހާމަކުރެއްވިއެވެ.

އިޝްފާން ވިދާޅުވީ ބީއޭއެމްއަށް ކުރިން ދިމާވި މައްސަލަތައް އަލުން ތަކުރާރުވިޔަ ނުދިނުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށެވެ. އޭގެ ތެރޭގައި ބީޑަބްލިއުއެފްގެ ލަފަޔާއި އިރުޝާދާއެކު އެސޯސިއޭޝަނުގެ ކަންކަން ބައްޓަންކޮށް ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނާއި ތަޢާރުޒުނުވާނެހެން ކަންކަން ހިންގުމަށް ޚާއްސަ ސަމާލުކަމެއްދެއްވާނެކަމަށް އޭނާ ވިދާޅުވެފައެވެ.

ބެޑްމިންޓަނަށް ކުރިން ދިމާވި ފަދަ ހީނަރުކަމެއް ދެން ނާންނާނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާމުވެގެންދާނެކަމުގެ ޔަގީންކަން އޭނާވަނީ ބެޑްމިންޓަނަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް ދެއްވާފައެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވާޢިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރެވެންދެން އެ އެސޯސިއޭޝަނަށް ދީފައިވާ ޤައުމީ ޙައިސިއްޔަތު ކުޅިވަރާ ބެހޭ ގައުމީ މަޖްލީހުން އުވާލީ މިއަހަރުގެ އޭޕްރިލްމަހުގެ 30 ވަނަ ދުވަހުއެވެ. އަދި މި މައްސަލަތަކާހުރެ ބީޑަބްލިއުއެފުން ރާއްޖެ ސަސްޕެންޑުކޮށްފަވަނީ މިއަހަރުގެ މޭމަހުގެ 20 ވަނަ ދުވަހުއެވެ.

ގާތްގަނޑަކަށް އެއް އަހަރާއި އަށް މަސްދުވަހަށްފަހު ބީއޭއެމްގެ އައު ހިންގާ ކޮމިޓީ މިމަހުގެ 22 ވަނަ ދުވަހު އިންތިޚާބުކޮށްފަވާއިރު އިޝްފާންގެ ދަށުން ނައިބުންގެ ގޮތުގައި ހަރަކާތްތެރިވާނީ އަޙުމަދު ޝިހާމާއި އިބްރާހީމް ހަމްޒާ ޚަލީލްއެވެ. އަދި އޭގެ އިތުރުން އިތުރު ހަތަރު މެމްބަރަކު އައްޔަނުކޮށްފަވާއިރު އަށްވަނަ މެމްބަރެއްގެ ގޮތުގައި ހުންނާނީ އެތުލީޓް ރެޕްރެޒެންޓޭޓިވްއެކެވެ.