އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުންނަށް ބީއެމްއެލްއިން ފައިނޭންސް ދޫކުރަމުން ދަނީ، ރާއްޖޭގެ ބޭންކިންގ ގާނޫނާއި ބައިނަލްއަޤުވާމީ އުސޫލުތަކާއި އެއްގޮތަށް ކަމަށް އެ ބޭންކުގެ ސްޕޯކްސްޕާސަން މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިހެން ވިދާޅުވީ، ބައެއް ފަރާތްތަކުން ބީއެމްއެލްގެ ލޯނު ދޫކުރުމުގެ އުސޫލުތަކާއި މެދު ސުވާލު އުފައްދައި، ގާނޫނާއި ޚިލާފަށް ލޯނު ދޫކުރާ ކަމަށް ދައްކާ ވާހަކަތައް ދޮގު ކުރައްވާ ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ބީއެމްއެލްގެ ސްޕޯކްސްޕާސަން މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުންނަށް ބީއެމްއެލްއިން ފައިނޭންސް ދޫކުރަނީ ބޭންކިންގ ޤާނޫނާއި ޚިލާފަށް ކަމަށް ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކް އޮފް މޯލްޑިވްސް އިން ފައިނޭންސް ދޫކުރަނީ ބޭންކިންގ ގާނޫނާ ޚިލާފަށްކަމަށް ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތި، އަދި ސައްހަ މައުލޫމާތުގެ މައްޗަށް ބިނާކޮށް…
— Mohamed Saeed (@BMLSpokesperson) November 26, 2025
މީގެ އިތުރުން ބޭންކުން ލޯނު ދޫކުރަމުން ދަނީ އަދި ކުރިޔަށް އޮތްތާގައި ލޯނު ދޫކުރާނީވެސް ދިވެހިރާއްޖޭގެ ބޭންކިންގ ޤާނޫނާއި ޤަވާއިދުތަކާއި އަދި ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައިވާ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާއި އެއްގޮތަށް މިނިވަންކަމާއިއެކު ބޭންކުގެ ބޯޑުން ނިންމާ ނިންމުންތަކުގެ ދަށުން ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.
ސައީދު ވަނީ، ސިޔާސީ މަޤުސަދެއް ހާސިލްކުރުމަށްޓަކައި ބޭންކުގެ ކަސްޓަމަރުންނަށާއި ޙިއްސާދާރުންނަށް އޮޅޭގޮތަށް ހަޤީޤަތާއި ޚިލާފު މައުލޫމާތު ދިނުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިފަދަ ކަންކަން ތަކުރާރު ނުކުރުމަށްވެސް އޭނާ ވަނީ، ޢިލްތިމާސް ކުރައްވާފައެވެ.
މިމަހުގެ 6 ވަނަ ދުވަހު ސަރުކާރުން ވަނީ، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 123 ރަށެއްގެ 206 މަޝްރޫޢެއް އަމިއްލަ ކުންފުނިތަކާއި ޙަވާލުކޮށްފައެވެ. އެގޮތުން 53 ކުންފުންޏަކާއި ޙަވާލުކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް އެކުންފުނިތަކުން 3 ހަފްތާގެ ތެރޭގައި ރަށްރަށަށް ދާން ފަށާނެ ކަމަށް ސަރުކާރުން ވިދާޅުވިއެވެ. މިއީ، ދިވެހިރާއްޖޭގެ ތާރީޙުގައިވެސް އެންމެ ގިނަ މަޝްރޫޢު ކުންފުނިތަކާއި ޙަވާލު ކުރި ފަހަރެވެ.
ބީއެމްއެލްއިން ދަނީ، ރައްޔިތުންނާއި ގުޅުންހުރި ގިނަ ދާއިރާތަކުން މިފަހުން ބޮޑު ބަދަލެއް ގެނެސް އެހީތެރިވަމުންނެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ބޭންކުން ހިފަހައްޓާ ޕްރޮފެޝަނަލް އުސޫލުތަކުގެ މަތިން މިފަހުން ގެނެސްފައިވާ ބަދަލުތަކާއެކު ކުރިން ހުރި ގިނަ މައްސަލަތަކަށް ވަނީ ޙައްލު ހޯދައިދީފައެވެ.