ޔަހޫދީ ސިފައިން ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ރަށަކަށް އަރައި، ޢާންމުންގެ ގެދޮރަށް ރޭޑުޖަހައި، އެ ގެތަކުގެ އަހުލުން ވަޒަނުން ނެރެ، ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށައިފިއެެވެ. އަސްކަރީ ހެލިކޮޕްޓަރެއްގެ އެހީތެރިކަމާ އެކު ހަތިޔާރާ އެކު ޔަހޫދީ ސިފައިން އަރައިގަނެފައި ވަނީ ހުޅަނގު އައްސޭރީގެ އުތުރުގައި އޮތް ޠޫބަސްއަށެވެ. އެ ރަށުގެ ތެރޭގައި ޔަހޫދީ ސިފައިން ހަތިޔާރާ އެކު މިހާރު ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
ޠޫބަސްގެ ގަވަރުނަރު އަޙްމަދު އަލް-އަސްޢަދު ވިދާޅުވީ، އެ ރަށުގެ މަތިން ޔަހޫދީ ސިފައިންގެ އަސްކަރީ ހެލިކޮޕްޓަރެއް ހަރަކާތްތެރިވަމުންދާ ކަމުގައެވެ. އަދި، އެ ހެލިކޮޕްޓަރު ބޭނުންކޮށް ޢާންމުންގެ ގެދޮރަށް އަމާޒުކޮށް ޙަމަލާ ދެމުންދާ ކަމުގައެވެ. ޠޫބަސްގެ ގެދޮރަށް ޖަހަމުންދާ ރޭޑުތަކުގެ ތެރެއިން ޔަހޫދީ ސިފައިން ވަނީ އެ ގެތަކުގެ އަހުލުވެރިން ގެދޮރުން ނެރެފައެވެ. އަދި، އެނބުރި ގެދޮރަށް ދިޔުމަށް ހުރަސް އަޅާފައެވެ.
ޔަހޫދީ ފައުޖުން ބުނީ، ޠޫބަސްއަށް ސިފައިން ފޮނުވާފައި ވަނީ މުޖާހިދުންގެ ޖަމާޢަތްތަކުން އެ ރަށުގައި އަސްކަރީ މަރުކަޒުތަކެއް ޤާއިމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ޖާސޫސީ މަޢުލޫމާތު ލިބުމުން، އެ ކަން ހުއްޓުވުމަށް ކަމުގައެވެ. އަދި، އެއް ގެއިން އަސްކަރީ ކޮންޓުރޯލު ރޫމެއް ހޯދައި، އެ ތަން ނައްތައިލާފައިވާނެ ކަމުގައެވެ. މަންޒަރު ފެނުނު މީހުން ބުނީ، ޔަހޫދީ ސިފައިން ހަތިޔާރާ އެކު އަސްކަރީ އުޅަނދުފަހަރުގައި ޠޫބަސްގެ މަގުތަކުގައި ހަރަކާތްތެރިވަމުންދާ ކަމުގައެވެ. ޠޫބަސްގެ އިތުރުން އެ ސަރަޙައްދުގައި އޮތް ތާމޫންގައި ވެސް ޔަހޫދީ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
އަސްޢަދު ވިދާޅުވީ، ޔަހޫދީން ހިންގަމުންދާ ޖަރީމާތަކުގެ ތެރެއިން މިހާތަނަށް 22 މީހަކު ހައްޔަރު ކޮށްގެން ގެންގޮސްފައިވާ ކަމުގައެވެ. މި އަހަރުގެ ކުރީކޮޅު ވެސް ޔަހޫދީ ސިފައިން ހުޅަނގު އައްސޭރީގެ އުތުރުގައި އޮތް ޖިނީނަށް އަރައި މި ފަދަ ލާއިންސާނީ ޖަރީމާތަކެއް ހިންގާފައިވެއެވެ. ޔަހޫދީ ފައުޖުން އެ އޮޕަރޭޝަން ހިންގަން ފަށާފައި ވަނީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރުގެ ގޮތުގައި ބެލެވޭ ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގަތުމާ ދިމާކޮށެވެ.