މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 2 މިލިޔަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
2 މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 2 މިލިޔަން ވަނަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ ބެތަނީ ސޭރާއެވެ. އޭނާ ރާއްޖެއައީ އޭނާގެ ފިރިމީހާއާއެކު ހަނީމޫނަށެވެ. މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ.
އޭނާ ބުނީ މިއަހަރު ރާއްޖެއަށް އައި 2 މިލިޔަން ވަނަ ފަތުރުވެރިޔާގެ ލަޤަބު ލިބުނީތީ ވަރަށް އުފާވާކަމަށެވެ. ދިވެހިންނަކީ ވަރަށް ހިތްހެޔޮ އެކުވެރި ބައެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ. އޭނާ ބުނީ ރާއްޖެއަށް އޭނާ ދޭނީ 10އަކުން 10 އެއްކަމަށެވެ.
މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން އައުމަކީ މި ދާއިރާގައި މަސައްކަތްކުރާ ހުރިހައި ފަރާތެއްގެ ބުރަ މަސައްކަތާއެކު ހާސިލުކުރެވުނު ކާމިޔާބީއެއްކަމަށެވެ. މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ރާއްޖޭގެ ފަތުރުވެރިކަން ބޮޑު ކުރިއެރުމެއް ހޯދާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ހުރިހައި އެންމެންގެ ބުރަ މަސައްކަތުން އަޅުގަނޑުމެންގެ އަންވޭވަރިން ކޮމިޓްމަންޓްސް މިކަމަށް ދީގެން މިހާތަނަށް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ފުޅާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންމިދަނީ. މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ފަތުރުވެރިން އައި އަދަދު %9.8 އާއި %10 އާއި ދޭތެރޭގައި އިތުރުވެއްޖެ. މިއީ ވަރަށް މުހިންމު އަދަދެއް އިތުރުވެގެންމިދިޔައީ." ވަޒީރު ޠާރިޤު ވިދާޅުވިއެވެ.
ރާއްޖެއަށް ފުރަތަމަ ފަހަރަށް 2 މިލިޔަން ފަތުރުވެރިން އައީ މިދިޔަ އަހަރުއެވެ. އެ އަހަރު 2 މިލިޔަން ފަތުރުވެރިން ހަމަވީ ޑިސެމްބަރ 26 ވަނަ ދުވަހުއެވެ. މިއަހަރު 2 މިލިޔަން ފަތުރުވެރިން ހަމަވީ މިދިޔަ އަހަރާއި އަޅާބަލާއިރު 1 މަސްދުވަހު ކުރިންނެވެ.
މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. ޗައިނާއިން މިހާތަނަށް ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. މިހާރު އެވްރެޖްކޮށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ.