ޚަބަރު

ބިދޭސީން ވިޔަފާރިކުރުން މަނާ ދާއިރާތަކުން ވިޔަފާރި ކުރާނަމަ އެކަން އެންގުމަށް އެދިއްޖެ


  • ބިދޭސީން ވިޔަފާރިކުރުން މަނާ 34 ދާއިރާއެއް ހިމެނޭ

  • ޤަވާޢިދާ ޙިލާފަށް ބިދޭސީން ހަރަކާތްތެރިވާ 2 ގޮތެއް ފާހަގަކޮށްފައިވޭ

ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަމުގެ މަޢުލޫމާތު ހިއްސާ ކުރުމުން އެކަމާއި ދެކޮޅަށް އަވަސް ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަންދެއްވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާކަން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވިދާޅުވީ ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓެއް އެކުލަވާލާފައެވެ. އެ ލިސްޓުގައި 34 ދާއިރާއެއް ހިމަނާފައިވެއެވެ.

އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެެއްގައި ވިދާޅުވީ ޤަވާޢިދާ ޙިލާފަށް ބިދޭސީން ހަރަކާތްތެރިވާ 2 ގޮތެއް އެ ވުޒާރާއަށް ފާހަގަކުރެވުފައިވާކަމަށެވެ. އެގޮތުން ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ބިދޭސީ ވިޔަފާރިތައް ފާހަގަވެފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 22 ވަނަ ދުވަހު ފާސްކޮށް ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ޝާއިޢުކުރި ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން، ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި ވިޔަފާރިކުރުން މަނާ ދާއިރާތައް އާންމުކޮށްފައިވާކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

އެ ވުޒާރާއިން ވަނީ އެ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތައް ފާހަގަވާނަމަ ރިޕޯރޓްކުރުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އެ ވުޒާރާގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް، ރިޕޯރޓް ކުރުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން އެ ވުޒާރާގެ ހޮޓްލައިން 3333199 ނުވަތަ އިމިގްރޭޝަން ވޮޗްއަށްވެސް ރިޕޯޓު ކުރެވޭނެއެވެ.

އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ އެކަމާ ގުޅިގެން ލިބޭ މަޢުލޫމާތުތައް "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް" މެދުވެރިކޮށް، އަވަސް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. މިއީ ދާޚިލީ ވުޒާރާއާއި ދިވެހި ފުލުހުން ގެ އިތުރުން އިމިގްރޭޝަންއާއި ސަރުކާރުގެ ތަންފީޒީ އިދާރާތައް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޓާސްކްފޯހެކެވެ.

އެ ވުޒާރާއިން ވިދާޅުވީ ބިދޭސީން ޤަވާޢިދާ ހިލާފަށް ވިޔަފާރިކުރާ ކަމުގެ މަޢުލޫމާތު ހުށައެޅުމުގައި، ހުށަހަޅާ ފަރާތް ނޭނގޭ ގޮތަށް މަޢުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.