މިފެށޭ މަހުގެ 2 އިން 6 އަށް ބާސެލޯ ނަސަންދުރާގައި ފެށުމަށް ހަމަޖެހިފައިވާ ހަތްވަނަ ކެރަމް ވޯލްޑް ކަޕަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މިނީ އިވެންޓުތަކެއް މާލެ އަދި ހުޅުމާލޭގައި ކުރިއަށްގެންދިއުމަށް ރާވާފަވާކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
21 ޤައުމަކުން ކުޅުންތެރިން ބައިވެރިވާ މިމުބާރާތުގައި ރާއްޖެއިން ވާދަކުރުމަށް ތައްޔާރުވަމުން އަންނައިރު މުބާރާތުގެ އެންމެފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސީއޭއެމްގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ރައުޝާން ވިދާޅުވީ ކެރަމް ވޯލްޑް ކަޕުގެ ކުރިއަށް މިއޮތް ފަސްވަރަކަށް ދުވަހު މާލެ އަދި ހުޅުމާލޭގައި މިނީ އިވެންޓުތަކެއް ކުރިއަށް ގެންދާނެކަމަށެވެ.
"އަޅުގަނޑުމެން ބާކީ މިއޮތް ފަސްދުވަހުގެ ތެރޭގަ މާލޭގެ އެކި ސަރަހައްދުތަކުގެ މިނީ އިވެންޓުތަކެއް އެބަ ކުރިއަށް ގެންދަން. ދެން ހުކުރު ދުވަހު މާލޭގެ އެކި ސަރަހައްދުގަ މި ހިންގާ ހަރަކާތްތަކުގަ ސްޕޯޓާސް ޖާޒީތަކެއް އަޅުގަނޑުމެންވާނީ ވޯލްޑް ކަޕަށް ހަދާފަ. މި ސަޕޯޓާސް ޖާޒީ އެވެއިލަބްލްވާނެ އަޅުގަނޑުމެން މިހަދާ ޓެންޓުތަކުގަ" ރައުޝާން ވިދާޅުވިއެވެ.
މި އިވެންޓުތައް ކުރިއަށްދާނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގެ ތިރީގަޔާއި، މާލޭ ކެރަމް ހޯލުގެ ކޮންޑޯގައެވެ. އޭގެ އިތުރުން މާލޭގައި ހުންނަ ޒުވާނުންގެ މަރުކަޒުގައިވެސް މި ހަރަކާތް ބޭއްވޭތޯ ދަނީ މަސައްކަތްކުރަމުންކަމަށް ރައުޝާން މައުލޫމާތުދެއްވާފަވެއެވެ.
މާދަމާ ހަވީރު ހަތަރެއް ޖަހާއިރު މިހަރަކާތްތައް ފެށޭއިރު އިރުއޮއްސުމާ ހަމައަށް މި އިވެންޓުތައް ކުރިއަށްދާނެއެވެ. މި ހަރަކާތްތަކުގެ ތެރޭގައި ސްޕޮންސަރުންގެ ފަރާތުން ހަދިޔާ ކުރާ އެކިއެކި ހަދިޔާތައް ހޯދުމުގެ ފުރުސަތުވެސް އާންމުކޮށް އެންމެންނަށްވަނީ ހުޅުވާލާފައެވެ.
ހަތްވަނަ ކެރަމް ވޯލްޑް ކަޕު ކުރިއަށްދާއިރު ގައުމީ ޓީމަށް ސަޕޯޓްކޮށްދިނުމަށް ވީހާވެސް ގިނަ ބަޔަކު މުބާރާތް ކުރިއަށްދާ ބާސެލޯ ނަސަންދުރާއަށް ގޮސްދިނުމަކީ ވަރަށް ބޮޑު އެދުމެއްކަމަށް ރައުޝާން ފާހަގަކުރެއްވިއެވެ.
އަމިއްލަ ޤައުމުގައި ގައުމީ ކެރަމް ޓީމުން ވަރުގަދަ ޓީމުތަކަކާ ވާދަކުރުމަށް ނުކުންނައިރު ސަޕޯޓަރުންގެ ތަރުހީބަކީ ކުޅުންތެރިންނަށް ލިބުގެންދާނެ ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މި އިވެންޓުތަކުގައި ކުދި ބޮޑު އެންމެން ބައިވެރިވަޑައިގެން ސަޕޯޓާސް ޖާޒީއެއް ބައްލަވައިގަނެ، ވީހާވެސް ގިނަ ފަރާތްތަކަކުން ޤައުމީ ރަތްކުލައާއެކު ކެރަމް ޓީމަށް ތަރުހީބުދިނުމުގައި ތިއްބާވާނެކަމަށް އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވެފަވެއެވެ.