2027 ވަނަ އަހަރުގެ ރަމަޟާން މަހާ ހަމައަށް އައްޑޫގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވެއްޖެއެވެ. ނަޖާޙް ވިދާޅުވީ އައްޑޫގައި 30 މެގަވޮޓްގެ ހަކަތަ ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށެވެ.
އައްޑޫ ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވެފައިވާއިރު އެކަން ޙައްލުކުރުމަށް މި ދެއަހަރުގެ ތެރޭގައި އައްޑުއަށް 8 ޖަނަރޭޓަރު ސެޓު ފޮނުވާފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ.
ޕީއެސްއެމް ނިއުސްގެ "ހަފްތާ 104" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވީ، މި ދެ އަހަރުގެ ތެރޭގައި އައްޑުއަށް ފޮނުވި 8 ޖަނަރޭޓަރުގެ އިތުރުން، އިތުރު އެއް ޖެނެރޭޓަރު ކުރިއަށް އޮތް ރަމަޟާން މަހަށް އައްޑޫއަށް ފޮނުވާނެކަމަށެވެ. މިއާއެކު އައްޑޫގެ ކަރަންޓު ކެޕޭސިޓީ 12 މެގަވޮޓް މިދައުރުގެ ތެރޭގައި އެކަނިވެސް ޤާއިމުކޮށްދެވިފައިވާކަމަށް ނަޖާޙް ވިދާޅުވިއެވެ.
"މިހާރު އެކޮޅުގައި އުޅޭނެ ގާތްގަނޑަކަށް 17 ވަރަކަށް ޖަނަރޭޓަރު ބޭނުންކުރެވޭ. އެހެންވީމަ ޕަވަރ ލިބޭނެކަމަށް އަޅުގަނޑުމެން އުއްމީދުކުރަނީ އެއްވެސް މައްސަލައެއް ނެތި އިރާދަކުރެއްވިއްޔާ. ޕަވަރ ޖަނަރޭޓް ނުކުރެވިގެން އިރާދަކުރެއްވިއްޔާ އައްޑޫއަކުން ކަރަންޓެއް ނުކެނޑޭނެ." ނަޖާޙް ވިދާޅުވިއެވެ.
ފެނަކަ އެމްޑީ ނަޖާޙް ވިދާޅުވީ، އެއީ ވަގުތީ ހައްލެއްކަމަށާއި ދާއިމީ ހައްލެއް ގެނައުމަށް އައްޑޫގައި ތަރައްޤީކުރުމުގެ މަސައްކަތް ފަށި އެހެން ނަމަވެސް މަސައްކަތް ހުއްޓިފައިވާ އިންޖީނުގޭގެ މަސައްކަތް ކުރުމަށް މިހާރު ހަމަޖެހިފައިވާކަމަށެވެ. އައްޑޫގެ އައު އިންޖީނުގޭގެ މަސައްކަތް 2027 ވަނަ އަހަރުގެ ރަމަޟާން މަހަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ފެނަކައިން ވިދާޅުވެއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރައްވާފައިވާގޮތަށް އައްޑޫގައި 30 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ ޤާއިމުކުރުމުގެ މަސައްކަތް ފެނަކައިގެ މުވައްޒަފުންނާއެކު ނުވަތަ އެހެން ބަޔަކާ ހަވާލުކޮށްގެން ނަމަވެސް އެމަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ނަޖާޙް ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ނަޖާޙް ވިދާޅުވީ، ބޮޑެތި އާބާދީތައް ދިރިއުޅޭ ސަރަޙައްދުތަކުގައި ކަރަންޓު ފޯރުކޮށްދޭ އިންތިޒާމަށް ބައެއް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މިހާރު ހައި ސްޕީޑުން މީޑިއަމް ސްޕީޑު ޖެނެރޭޓަރތަކަށް ބަދަލުކުރަމުންދާކަމަށާއި އެއީ ދިގު މުއްދަތަކަށް ބޭނުންކުރުމަށާއި، ދެމެހެއްޓެނިވި އަދި ޚަރަދު ކުޑަކޮށް ތެޔޮ ބޭނުންކުރާ ނިޒާމެކެވެ.