މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫގައި އެކްސްރޭގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ، ސިއްޙީ ވަޒީރު ޢަބްދުﷲ ނާޠިމް އިބްރާހީމް، މިހާރު ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ވެލިދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.
ނ. ވެލިދޫގެ ސިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ޚިދުމަތް އިފްތިތާހުކޮށްދެއްވިކަމަށްޓަކައި މި ރަސްމިއްޔާތުގައި ވަޒީރަށް ވަނީ، ޚާއްސަ ޕްލާކެެއް އަރުއްވާފައެވެ.
މި ރަސްމިއްޔާތުގައި ވެލިދޫ ކައުންސިލް އިދާރާގެ މެމްބަރުންނާއި، އެރަށު ސިއްޙީ މަރުކަޒުގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ސިއްޙީ ވުޒާރާގެ އިސް އޮފިޝަލުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޠިމް އިބްރާހީމް ވިދާޅުވީ، ވެލިދޫގައި މިއަދު އިފްތިތާޙު ކުރި އެކްސްރޭގެ ޚިދުމަތަކީ، ރައްޔިތުން އެތައް ދުވަހެއް ވަންދެން އެދެމުން ދިޔަ ޚިދުމަތެއް ކަމަށެވެ. އަދި މި ޚިދުމަތް މި ރަށުގައި ފެށުމާއިއެކު މި ރަށުގެ ސިއްޙީ މަރުކަޒު އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއަދު މި ޚިދުމަތް ޤާއިމްވެގެންދިއުން ނުވަތަ މި ޚިދުމަތް އިފްތިތާހުކުރުމަށް ބޭއްވޭ މި ރަސްމިއްޔާތުން އަޅުގަނޑަށް މި ފެނިގެން ދިޔައީ މިރަށުގެ ރައްޔިތުން ސިއްޙީ ޚިދުމަތްތަކަށް އެދިލައްވާ މިންވަރު. މި ޚިދުމަތްތައް ހަރުދަނާވެގެން ދާން ބޭނުންވާ މަންޒަރު. މިރަށުގައި އެކްސްރޭގެ ޚިދުމަތް ފެށުމަކީވެސް މި ރަށު މީހުން އެތަކެއް ދުވަހެއް ވަންދެން ދެކެމުން ދިޔަ ހުވަފެނެއްް. މިއަދު މި ހުވަފެން ހަޤީޤަތަކަށް މިވަނީ." ސިއްޙީ ވަޒީރު ޢަބްދުﷲ ނާޠިމް އިބްރާހީމް ވިދާޅުވިއެވެ.
ނ. ވެލިދޫ ސިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ދޭން ފެށުމަކީ، އެރަށުގެ ޞިއްޙީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން މި ޚިދުމަތް ފެށުމާއެކު، މީގެ ކުރިން ބޭސްފަރުވާއަށް މާލެއަށް ނުވަތަ އެހެން ބޮޑެތި ރަށްރަށަށް ދަތުރުކުރަން ޖެހުމުގެ ބުރަ ރައްޔިތުންގެ ކިބައިން ކުޑަވެގެން ދިއުމުގެ އިތުރުން ފަސޭހަކަމާއެކު ރަށުގައި ތިބެގެން އެކްސްރޭ ނެގުމުގެ ފުރުޞަތު މިވަނީ ފަހިވެގެން ގޮސްފައެވެ.
މީގެ އިތުރުން 16 ގަޑިއިރަށް ޚިދުމަތް ދޭ މި މަރުކަޒުގައި އެކްސްރޭ މެޝިނެއް ބެހެއްޓި، މި ޚިދުމަތް ފެށިގެން ދިއުމާއެކު ޑޮކްޓަރުންނަށް ފަސޭހަކަމާއެކު ބަލި ދެނެގަނެވި އަވަސް ފަރުވާ ދިނުމަށް މަގުފަހި ވެގެންދާނެއެވެ. އެގޮތުން އެކްސްރޭގެ ޚިދުމަތަކީ ކަށި ބިނދުމާއި، ފުއްޕާމޭގެ ބަލިތައް (ނިއުމޯނިއާ، ޓީބީ ފަދަ) އަދި ބަނޑުގެ ބައެއް މައްސަލަތައް ފަދަ ކަންކަން ޑޮކްޓަރުންނަށް އަވަހަށް ދެނެގަނެވޭނެ ނޮން-އިންވޭސިވް ވަސީލަތަކަށް ވުމުންް، މިކަމުގެ ސަބަބުން ޑޮކްޓަރުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް ވަރަށް މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށްވެސް ސިއްޙީ ވުޒާރާއިން ފާހަގަކުރެއެވެ.
މި ޚިދުމަތާއެކު އެކްސްރޭ ނެގުމަށްޓަކައި ރަށްރަށަށް ދަތުރުކުރަން ޖެހުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ޖިސްމާނީ އަދި ނަފްސާނީ ދަތިތަކާއި، ދަތުރުގެ ލޮޖިސްޓިކްސްގެ ބުރަތަކާއި، ޚަރަދުތައް ކުޑަވެގެންދާނެއެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނާއި، ހިނގާ ބިނގާވެ އުޅުމަށް ދަތިވާ މީހުންނަށް މިކަމުގެ ލުއި ބޮޑުވާނެއެވެ. މީގެއިތުރުން ބަލި ދެނެގަތުން އަވަސްވުމުގެ ސަބަބުން ބަލި މީހުންނަށް އެކަށީގެންވާ ފަރުވާ ދޭން ފަށާ ވަގުތުވެސް އަވަސް ވެގެންދާނެ ކަމަށްވެސް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.
ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. އެގޮތުން އަތޮޅުތަކުގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން އަންނަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.