ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތަކީ މިހާތަނަށް ވެރިއަކު ގެންގުޅުއްވާ އެންމެ ފުރިހަމަ އަދި އެންމެ ހަރުދަނާ ސިޔާސަތުކަމަށް ސިއްޙީ ވަޒީރު އަބްދުﷲ ނާޠިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫގެ ސިއްޙީ މަރުކަޒަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނ. ހޮޅުދޫ ސިއްޙީ މަރުކަޒަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޠިމް އިބްރާހިމް ވިދާޅުވީ، ރައީސް މުއިއްޒުގެ ކޮންމެ ވާހަކަފުޅެއްގައި ސިއްހީ ދާއިރާއަށް އަލިއަޅުއްވާލެއްވުމުން ހާމަވަނީ ސިއްހީ ދާއިރާއަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތުކަންކަމަށެވެ. އަދި މި ސަރުކާރުން އަތޮޅުތެރޭގެ ސިއްޙީ މަރުކަޒުތައް ތަރައްޤީ ކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާކަން ފާހަގަކުރައްވައި، މި އަހަރަކީ ސިއްޙީ ދާއިރާއަށް އެންމެ ބޮޑު ބަޖެޓެއް އެކުލަވާލާފައިވާ އަހަރުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތަކީ މިހާތަނަށް ވެރިޔަކު ގެންގުޅުއްވާ އެންމެ ހަރުދަނާ ސިޔާސަތުކަމަށެވެ..
"ވޭތުވެދިޔަ ސަރުކާރުތަކުންވެސް ސިއްޙީ ދާއިރާ ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރި. އެއީ ހަމަގައިމުވެސް ސިއްޙީ ޚިދުމަތަކީ، ކޮންމެ ރައްޔިތަކަށްވެސް މުހިންމު އަސާސީ ޚިދުމަތަކަށް ވާތީ. އެހެންނަމަވެސް އަޅުގަނޑަށް ޔަޤީންކަމާއެކު ދެންނެވޭނީ މި ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާކަން. އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތަކީ، ހަމަ އެންމެ ސޮލިޑް ސިޔާސަތު." ސިއްޙީ ވަޒީރު ޢަބްދުﷲ ނާޠިމް އިބްރާހީމް ވިދާޅުވިއެވެ.
ސިއްޙީ ޚިދުމަތުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ސިއްޙީ މަރުކަޒުތަކުން ފޯރުކޮށްދޭ ޚިދުމަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ވަރަށް މުހިއްމު ޚިދުމަތެއް ކަމަށެވެ. އަދި މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ގިނަ ފަހަރަށް މަސައްކަތް ކުރަނީ، ލިބޭ މުސާރަ އަށްވުރެ ބޮޑަށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ހޮޅުދޫ ސިއްހީ މަރުކަޒުގެ 25 އަހަރުގެ ހިދުމަތުގެ މައްޗަށް އަލިއަޅުވާލާފައިވާ ޚާއްސަ ރިޕޯޓެއް ދެއްކުމުގެ އިތުރުން، އަހަރީ ދުވަހުގެ ލަވަވެސް ވަނީ ލޯންޗުކޮށްފައެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގެ ތެރެއިން ހޮޅުދޫ ސިއްޙީ މަރުކަޒުގައި މަސައްކަތް ކުރައްވާ އަދި ކުރައްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ތަފާތު އެވޯޑުތައް ވަނީ ދެއްވާފައެވެ. އެގޮތުން، ޖުމްލަ 38 ފަރާތަކަށް ހަނދާނީ ލިޔުން ހަވާލުކުރެވުނުއިރު، ޚިދުމަތުގައި ދެމިތިއްބާ ދުނިޔެ ދޫކޮށްފައިވާ ދެ ފަރާތެއްގެ ހަނދާނަށް ޚިދުމަތުގެ އެވޯޑު އަރުވާފައިވެއެވެ. މީގެ އިތުރުން 24 އަހަރަށްވުރެ ގިނަ އަހަރު ޚިދުމަތް ކުރެއްވި 3 ފަރާތަކަށް ރަތްމުތް އެވޯޑު، 20 އަހަރަށްވުރެ ގިނަ އަހަރު ޚިދުމަތް ކުރެއްވި 2 ފަރާތަކަށް ހީރާ އެވޯޑު، 15 އަހަރަށްވުރެ ގިނަ އަހަރު ޚިދުމަތް ކުރެއްވި 2 ފަރާތަކަށް ރިހި އެވޯޑު، އަދި 10 އަހަރަށްވުރެ ގިނަ އަހަރު ޚިދުމަތް ކުރެއްވި 9 ފަރާތަކަށް ސުވާސާ އެވޯޑު ވަނީ ހަވާލުކޮށްފައެވެ. ވޭތުވެދިޔަ 25 އަހަރު އެ މަރުކަޒަށް އެންމެ ގިނައިން ލޭ ހަދިޔާކޮށްދެއްވި 3 ފަރާތަކަށް ދަރުމަވެރި އެވޯޑު ދީފައިވާއިރު، ލައިފް ކެއަރ ހީރޯ ރަތުރަން އެވޯޑު އަލްމަރްހޫމް އަޙުމަދު ޒަރީރަށް ވަނީ އަރުވާފައެވެ.
ނ. ހޮޅުދޫ ސިއްހީ މަރުކަޒަކީ 2000 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ހުޅުވާފައިވާ، މިހާރު އެއްވަނަ ފަންގިފިލާގެ މަރުކަޒެއްގެ ގޮތުގައި ޚިދުމަތްދެމުންދާ ތަނެކެވެ. ފުރަތަމަ 7 ގަޑިއިރަށް ޚިދުމަތް ދެމުންދިޔަ މި މަރުކަޒުން މިހާރު ދަނީ 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދެމުންނެވެ.