ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ސަރުކާރުން ތަރައްޤީކުރައްވާ މިއުޒިއަމް ޕާކަކީ، ވަރަށް ޒަމާނީ ކޮންސެޕްޓަކަށް ތައްޔާރުކުރެވޭ ޕާކެކެވެ.މިޕާކްގެ މަސަކަތް ކުރިން ތާވަލު ކުރެވިފައިވާ ގޮތަށް ސެޕްޓެމްބަރ މަހުގެ ނިޔަލަށް ނިންމުމަށް ކޮންޓްރެކްޓަރުން އަންނަނީ މަސަކަތްކުރަމުންނެވެ. ހައުސިންގ މިނިސްޓްރީއާއި، ޔޫތް މިނިސްޓްރީއާއި، އެމްޓީސީސީއާއި އެމްއާރްޑީސީ ގުޅިވަޑައިގެން، ގދ. ތިނަދޫގައި ތަރައްޤީކުރައްވާ މިއުޒިއަމް ޕާކުގައި ތަފާތު ބައިތަކެއް ހިމެނެއެވެ. އޭގެތެރެއިން މިއުޒިއަމް ބައި ފަރުމާކޮށްފައި ވަނީ 3 ޢިމާރާތް ހިމެނޭ ގޮތަށެވެ. އެއީ މިއުޒިއަމަކާއި، ލައިބްރަރީއަކާއި ހޯލެކެވެ. އެ ޕާކްގައި މާލޭ ޖުމުހޫރީ މައިދާނުގައި ތައްޔާރުކުރައްވާފައިވާ ފަދަ އިންޓަރެކްޓިވް ފައުންޓެއިން، ސްޕްލޭޝް ޕެޑެއް ހިމެނެއެވެ. އަދި ފުޑް ކޯޓެއްވެސް ހެދިގެންދާނެއެވެ.
img:http://s4.psmnews.mv/images/660x400/14727097174257.jpg|މިއުޒިއަމް ޕާކުގެ ކުރެހުމެއް
މީގެތެރޭގައި ހިމެނޭ މިއުޒިއަމްގެ ތިން ޢިމާރާތަކީވެސް ބޭރުން ތައްޔާރުކޮށްގެން ރާވާލާގޮތަށް ހަދާ ޢިމާރާތްތަކެކެވެ. އެމް.ޓީ.ސީސީން ކުރާ މިމަސައްކަތުގެ ދަށުން ފައުންޓެއިންގެ ކޮންކްރީޓްގެ މަސަކަތް ނިމި، މިއުޒިއަމްގެ 3 ބައި، އެތުރުމުގެ މަސައްކަތުގެ ބޮޑު ބައި މިހާރު ވަނީ ނިމިފައެވެ. އަދި ފައުންޓެއިންގެ މަސަކަތް ހަލުއިކަމާއެކު ކުރިއަށް އެބަގެންދެއެވެ.
img:http://s3.psmnews.mv/images/660x400/14727096951426.jpg|ތިނަދޫގައި ތަރައްޤީކުރާ މިއުޒިއަމް ޕާކްގެ ކުރެހުމެއް / ފޮޓޯ: ހައުސިންގ މިނިސްޓްރީ
މި މިއުޒިއަމް ޕާކުގައި ހިމެނޭ ޕާކުގެ މަސައްކަތް ޙަވާލުކުރައްވާފައިވާ އެމް.އާރް.ޑީ.ސީން މެއި މަހުގެ 28 ވަނަ ދުވަހުން ފެށިގެން މަސަކަތް ފަށާފައިވާއިރު، ޕާކް ތައްގީކުރުމުގެ ގޮތުން، ޕާކްގެ ވަށައިގެންވާ މަގުތައް ތާރުއަޅައިގެން ހެދުމުގެ މަސަކަތްވެސް މިހާރު ދަނީ ކުރަމުންނެވެ. މިއާއެކު ޕާކްގައި ގަސްއިންދައި، ޒީނަތްތެރިކުރުމުގެ މަސަކަތްވެސް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމް.އާރު.ސީގެ ރީޖަނަލް މެނޭޖަރ ވިދާޅުވިއެވެ.
img:http://s2.psmnews.mv/images/660x400/14727097474963.jpg|ޮޕާކް ތަރައްޤީކުރާ ސަރަޙައްދު / ފޮޓޯ: ހައުސިންގ
ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 50 އަހަރުފުރުން ފާހަގަކުރުމުގެ ޚާއްޞަ އިޙްތިފާލްތައް ޑިސެމްބަރުމަހު ބާއްވަވަން ގެންދަވަނީ ތައްޔާރުކުރައްވަމުންނެވެ. މިޕާކަކީ އެމުނާސަބަތާ ގުޅިގެން ސަރުކާރުން ތިނަދޫގެ ރައްޔިތުންނަށް ދެއްވާ ހަދިޔާއެކެވެ. އެހެންކަމުން ޒަމާނީ ކޮންސެޕްޓަކަށް، ތަރައްޤީކުރައްވާ މިއުޒިއަމް ޕާރކަކީ، ތިނަދޫގެ ތާރީޚާއި ރާއްޖޭގެ ތާރީޚް ރަމްޒުކޮށްދޭގޮތަށް ތަރައްޤީކުރައްވާ ތަނެކެވެ. މިއީ ސަރުކާރުގެ ބަޖެޓުން 25 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދަވާ މަޝްރޫއެކެވެ.